ހިނގަމުންދިޔަ ސަޖަލްއަށް ކުއްލިއަކަށް ހުއްޓުން އެެރީ އޭނާގެ ފަހަތުން އައި މީހަކު އޭނާގެ ކޮނޑަށް އަތް ވައްޓައިލުމުންނެވެ. ހަމައެއާއެކު އޭނާއަށް ދުވި ނުބައިވަހުން އޭނާއަށް ނޭވާ ވެސް ހިފައްޓައިލެވުނެވެ.

ސަޖަލް އެނބުރި ބަލައިލިއިރު އޭނާގެ ކޮނޑުގައި އަތް އަޅުވައިގެން ހުރީ ނުވެސް ދަންނަ ޒުވާނެކެވެ. އެއީ ދިވެއްސެއް ނޫންކަން ސަޖަލްއަށް ޔަޤީން ކުރެވުނެވެ. ހަމައެއާއެކު އޭނާ ހުރީ ހަމަހޭގައި ނޫންކަންވެސް ސަޖަލްއަށް ޔަޤީން ކުރެވުނެވެ.

"ދޫކުރޭ... " ސަޖަލް އޭނާގެ އަތު ތެރެއިން ވީއްލިގަންނަން މަސައްކަތްކުރިއެވެ.

"ހޭ ބޭބް. ރިލެކްސް. ކަމް އެންޑް އެންޖޯއި ވިތް މީ..." އެމީހާ ސަޖަލްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ސަޖަލް އޭރުވެސް ދިޔައީ އޭނާގެ އަތުތެރެއިން ވިއްލިގަންނަން މަސައްކަތް ކުރަމުންނެވެ. އެމީހާ ސަޖަލްގެ މޫނާ ދިމާލަށް ކައިރިވުމާއެކު، އޭނާއަށް އޯކޭ ދެމެވުނީ ދުވި ނުބައިވަހުންނެވެ.

"ކަމޯން ބޭބީ..." އެމީހާ ސަޖަލް އާ ކައިރިވާން މަސައްކަތް ކުރިއެވެ. ސަޖަލް ގަދަ ހަދަމުން ދިޔަނަމަވެސް އެމީހާގެ ކިބައިން ސަލާމަތްވާނޭ އިތުރު ގޮތެއް އޭނާއަށް ނެތުނުކަން އިޙްސާސްވެ މީޙެއްގެ މަދަދަށް ގޮވާލަން ސަޖަލް އުޅުނެވެ. އޭނާއަށް ހަޅޭއްލަވައިގަނެވުނީ އެންމެ ފަހަރަކުއެވެ. އެމީހާ ސަޖަލްގެ އަނގަމަތީގައި އަތް އެޅިއެވެ. ސަޖަލް އުޅަބޮށިން އެމީހާގެ ގައިގައި ޖަހަން މަސައްކަތްކުރިއެވެ.

އޭނާގެ ކިބައިން ސަލާމަތްވާން ގަދަހަދަމުން ދިޔަ ސަޖަލްއަށް ކުއްލި ސިހުމެއް ލިބުނީ މީހަކު އެއައި ގޮތަށް އައިސް އެ ފިރިހެންމީހާގެ ގިރުވާނުގައި ހިފައްޓާ ދުރަށް ހޫރައިލުމާއެކުގައެވެ.

"ސްޓޭ އަވޭ ފޮރޮމް ހާރ" ރިއުމާން ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ވެއްޓި ޖެހުނު ގޮތަށް އެމީހާ ރިއުމާންއާ ދިމާލަށް ބަލަން އޮތްއިރުވެސް އެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ.

"ކަމޯން ބޭބީ... ކަމް ވިތް މީ" އެ ފިރިހެން މީހާ ސަޖަލްއަށް ބަލައިލަމުން ބުނެލުމާއެކު ރިއުމާންގެ ރުޅިގަނޑު ދެގުނަވިއެވެ. އޭނާ އެ ދިޔަ ބާރުމިނުގައި ގޮސް އެމީހާގެ މޫނަށް ގޮށްމުށުގެ ހަމަލާއެއް އަމާޒުކޮށްލިއެވެ. އެއާއެކު އެމީހާ ތެދުވެ އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް އެތަނާ ދުރަށް ދާން ހިނގައިގަތެވެ. އޭރުވެސް ސަޖަލްހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އޭރު ކޮންމެވެސް ވަރަކަށް އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރުތައްވެސް ވެއެވެ. އޭނާ އެ ހުރި ފިޔަަވަޅު މަތީ ހުއްޓާ ރިއުމާން އޭނާއާ ދިމާލަށް ބަލައިލުމަށްފަހު، އައިސް ކައިރިއަށް ހުއްޓުނެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

"ސަޖަލް.. އާރ ޔޫ އޯކޭ؟..."

"އައި އެމް އޯކޭ ސާރ..." ސަޖަލް ބުނެލިއެވެ. އޭރުވެސް އެ އަޑުގައި މަޑު ތުރުތުރު އެޅުމެއް ވިއެވެ.

"އަހަރެން އައުމުގެ ކުރިން އޭނަ އެއްވެސް ކަމެއްކުރިތަ؟ އަހަރެން ރިސޯޓްގެ މެނޭޖެމެންޓާ ހިސާބަށް މައްސަލަ ގެންދާނަން..." ރިއުމާން ބުނެލިއެވެ. ސަޖަލް އޭނާގެ ކަރުނަތައް ފުހެލިއެވެ.

"ނޫން..."

"އިޓްސް އޯކޭ ސަޖަލް. ޔޫ އާ ސޭފް ނައު..." އަދިވެސް ރިއުމާންއަށް ސަޖަލްގެ މޫނުމަތިން ފެންނަނީ ސިހުމެވެ. އޭނާ ސަޖަލްއަށް ބަލައިލުމަށްފަހު، ބުނެލިއެވެ.

"ބައިދަވޭ ކާންވެސް ނުގޮސް މިތާ އެކަނި ކީއްތަ ތިކުރަނީ؟ ބަނޑުހައެއްވެސް ނުވޭތަ؟" ރިއުމާން ބެލީ ސަޖަލްގެ ހާސްކަން ކޮންމެވެސް ވަރަކަށް ފިލުވައިލެވޭތޯއެވެ.

"ކާހިތްނެތީމަ ނުދިޔައީ..." ސަޖަލް މަޑުމަޑުން ބުނެލިއެވެ.

"ޑޫ ޔޫ ވޮނަ ގޯ ދެއަރ އެންޑް ސިޓް؟" ރިއުމާން އެތަނުގެ އެއްފަރާތުގައި ހުރި ބެންޗެއް ދައްކައިލަމުން ސުވާލުކޮށްލިއެވެ.

"ޝުއަރ" ސަޖަލްއަށް ވެސް މިފަހަރު ރިރުމާންއާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ ވެސް ރިއުމާންއާއެކު އެ ދިމާލަށް ހިނގައިގަތެވެ. ބެންޗުގައި އިށީނދެވެންދެންވެސް ދެމީހުންގެ ދެމެދުގައިވީ ހަމަހިމޭންކަމެކެވެ.

އިށީނދެވުމާއެކު ރިއުމާން ވަރަށް ފުންކޮށް ސަޖަލްއަށް ބަލައިލިއެވެ. ސަޖަލްވެސް ރިއުމާންއަށް ބަލައިލުމަށްފަހުވެސް އަނެއްކާ ދުރުބަލައިލީ އޭނާއަށް އެ ނަޒަރުން އުނދަގޫވީތީއެވެ.

ބެންޗް މަތީގައި ބައިންދާލެވިފައިވާ ސަޖަލްގެ އަތަށް ބަލައިލުމަށްފަހު، ރިއުމާން ސަޖަލްގެ އަތުގައި މަޑުމަޑުން އޭނާގެ އެއް އަތް ޖައްސައިލިއެވެ. އެއާއެކު ސިހިފައި ސަޖަލް ރިއުމާންގެ ދެލޮލަށް ބަލައިލިއެވެ. އެހެންނަމަވެސް ނޭނގޭ އިޙްސާސްއެއްގެ ސަބަބުން އޭނާއަށް އެ އަތް ދުރުކޮށެއްނުލެވުނެވެ. ރިއުމާން ވާހަކަ ދައްކަން ފެށިއެވެ.

"އަހަންނަށް ސަޖަލް ވަރަށް ވަރަށް ކަމުދޭ... އަހަންނަށް ފުރުސަތެއް ނުދޭނަންތަ؟" ރިއުމާން އަނެއްކާވެސް ސަޖަލްއާ ސުވާލުކޮށްލިއެވެ.

"އަހަ... އަހަރެން..." ރިއުމާންގެ ކުއްލިއަކަށް ބުނެލި ވާހަކައަށް ދޭނެ ޖަވާބެއް ސަޖަލްއަކަށް ނޭނގުނެވެ. އޭނާގެ އަރުތެރެއިންވެސް އަޑެއް ނުނިކުތެވެ.

"ސަޖަލް ޕްލީޒް... އަހަންނަށް ފުރުސަތެއް ދީބަލަ... އައި ރިއަލީ ޑޫ ލައިކް ޔޫ އޭ... އޭރުންތާ އެނގޭނީ ވެސް… މިގުޅުން ވޯކް ކުރާނެކަންވެސް ނޫނީ ނޫންކަންވެސް" ރިއުމާންގެ އަޑުގައިވަނީ އުންމީދެވެ. އޭނާ ސަޖަލްއަށް ބަލައިލީ އުންމީދާ އެކުގައެވެ. ރިއުމާންގެ އަޑުގައިވި ތެދުވެރިކަން ސަޖަލްއަށް ވެސް ފަހުމްވިއެވެ. އޭނާގެ ހިތް ރިއުމާންއަށް އިތުބާރުކުރަން ބުނެލީ ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ހުރިހާ ޝައްކާ ވަހުމެއް އެއްފަރާތްކޮށްފައި ރިއުމާންއަށް ފުރުސަތުދޭން އޭނާގެ ހިތުގެ ވިންދު އޭނާގެ ކައިރީގައި ބުނެލިއެވެ.

"އަހަރެން...."

"އަހަންނަށް އޯކޭ އޭ ސަޖަލް މިވަގުތުން ވަގުތަށް އަހަންނަށް ޖަވާބެއް ނުދިނަސް. އެކަމް އެޓްލީސްޓް ވިސްނާލާނަމޭ ވެސް ބުނެވޭނެއެއްނޫންތަ؟ އަހަރެން މަސައްކަތް ކުރާނަމޭ ސަޖަލް ބޭނުންވާފަދަ މީހަކަށް ވެވޭތޯ، އަހަންނަށް އިތުބާރުކުރަން އެހާވެސް އުނދަގުލީތަ؟" ރިއުމާން އަނެއްކާވެސް ސަޖަލް އަށް ބަލައިލިއެވެ.

"އޯކޭ... އަހަންނަށް ވިސްނާލަން ފުރުސަތެއް ދީ... އަހަރެން ޖަވާބެއް ދޭނަން" ސަޖަލްއަށް އެހެން ބުނެވުނީ ޚުދު އޭނާއަށްވެސް ރިއުމާން ކަމުދާތީއެވެ. ރިއުމާންގެ ދެލޮލުން ފެންނަނީ ތެދުވެރިކަމެވެ. އެކަމަށް އޭނާގެ ހިތް ދޫވަމުން ދާފަދަ އިޙްސާސްއެއް ސަޖަލްއަށް ކުރެވުނެވެ.

"އޯކޭ... ސަޖަލްގެ ތި ޖަވާބުން އެކަނިވެސް އަހަންނަށް ހިތްހަމަ ޖެހުމެއް ލިބިއްޖެ. އައި ވިލް ވެއިޓް ފޯ ޔުއަރ އާންސަރ. ހޯޕް ޔޫ ވިލް ނޮޓް ޑިސަޕޮއިންޓަ މީ... ޖަސްޓް ޓްރަސްޓް މީ ވަންސް..." ރިއުމާން ބުނެލިއެވެ.

"މިރޭ ނުގޮސް ދެން މިތާތަ ތިބެނީ؟" ސަޖަލް އެއްޗެއް ނުބުުނުމުން ރިއުމާން ބުނެލިއެވެ.

"ނޫނޭ... ވަރަށް ލަސްވެސް ވެއްޖެ ދޯ... ހިނގާ ދާން..." ސަޖަލް ތެދުވަމުން ބުނެލިއެވެ. ރިއުމާން އާ އެއްހަމައެއްގައި ހުރެ ހނގާލާފައި ދިޔައިރުވެސް، ސަޖަލްގެ ހިތް ދިޔައީ އޭގެ އެންމެ ބާރުމިނުގައި ތެޅެމުންނެވެ. އޭނާއަށް އިރުއިރުކޮޅަކާ ރިއުމާންއަށް ބަލައިލެވެނީވެސް އެހެންވެއެވެ. ރިއުމާންގެ ނަޒަރު އޭނާއާ ވަކި ނުވާކަން އޭނާއަށް އެނގުނީ އޭނާ ބަލައިލާ ކޮންމެ ވަގުތަކުވެސް ރިއުމާން އޭނާއަށް ބަލަން ހުންނާތީއެވެ. އޭނާއަށް ލަދުވެތިކަމާއެކު، އިސްޖަހައިލެވުނެވެ.

ރިއުމާން މަޑުމަޑުން ސަަޖަލްގެ އަތުގައި ބީހިލިއެވެ. އެއާއެކު ސަޖަލްއަށްވެސް ރިއުމާންއަށް އަނެއްކާ ބަލައިލެވުނެވެ. ރިއުމާން ސަޖަލްގެ ފަރާތުން ލިބުނު އިޝާރާތާއެކު މަޑުމަޑުން އެ އަތުގައި ހިފައިލިއެވެ. ސަޖަލްގެ ހަށިގަނޑުގައި ހީވީ ކަރަންޓު އޮއިވަރެއް ދަތުރުކޮށްލިހެންނެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. އެހެންނަމަވެސް އޭނާ ރިއުމާންގެ އަތުން އަތް މިނިވަން ކުރާކަށް މަސައްކަތެއް ނުކުރިއެވެ. އެވަގުތުވެސް ހިތް ގޮވީ އާއެކޭ ބުނުމަށެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. އެފަދަ ފިޔަވަޅެއް އޭނާ ނަގާނީ ވަރަށް ވިސްނާފައެވެ. ސަޖަލްއާ ދެމީހުން އެ ހަމަހިމޭން މާޙައުލުގައި އަތު ގުޅާލައިގެން ދިޔައެވެ. ރިއުމާން ސަޖަލްގެ އަތުން ދޫކޮށްލީ ސަޖަލްގެ ކޮޓަރިއާ ހިސާބަށް އާދެވުމުންނެވެ.

"ގުޑް ނައިޓް!" ސަޖަލް ރޭގަނޑުގެ ސަލާން ކޮށްލާފައި އެތެރެއަށް ވަންނަން އުޅުނު ވަގުތު ރިއުމާން ކުއްލިއަކަށް ޖެހި ލުތްކާއެކު ސަޖަލް ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ.

"ރިއުމާން...."

"އަހަންނަށް އަވަހަށް ޖަވާބެއް ދެއްޗޭ... އައި ވިލް ބީ ވެއިޓިން ފޯރ ޔޯ އާންސަރ. ރިމެންބަރ ދެޓް!" ރިއުމާން އޭނާގެ އަތުން ސަޖަލްގެ ކޯތާފަތުގައި ފިރުމައިލިއެވެ. ސަޖަލްއަށް ހިންދިރުވައިލެވުނީ ރިއުމާންގެ އެެ ކުއްލި އަމަލުން ސިހިފައެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލަމުން ރިއުމާންއަށް ބަލައިލެވުނެވެ.

"ހެހެ އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް. ދެން ދޭބަ ކޮޓަރިއަށް..." ސަޖަލް ދޫކޮށްލަމުން ލުއި ހިނިތުންވުމަކާއެކު ރިއުމާން ބުނެލިއެވެ. ސަޖަލް ހިނިތުންވެލާ ކޮޓަރި ތެރެއަށް ވަނެވެ.

ޖެހިގެން އައި ދުވަހު ބައްދަލުވުން ނިންމާލާފައި ސަޖަލްއާ ރިއުމާން އާ ދެމީހުން މާލެ ފުރީ އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ސަޖަލްވެސް އެ ދުވަހު އަރާމުކޮށްލާފައި އޮފީހަށް ނުކުތީ ޖެހިގެން އައި ދުވަހުއެވެ. އޮފީހަށް ގޮސް އެންމެ ފުރަތަމަވެސް އޭނާ ދާން ޖެހުނީ ރިއުމާންގެ ކެބިންއަށެވެ. ރިއުމާންގެ ސޮއި ބޭނުންވާތީ އޭނާ އެ ފައިލް ހިފައިގެން ގޮސް ރިއުމާންގެ ކެބިންގައި ޓަކި ޖަހައިލިއެވެ. އެއަށްފަހު އޭނާ އެތެރެއަށް ވަނެވެ.

ރިއުމާންގެ އިޝާރާތާއެކު އޭނާ އައިސް ރިއުމާންގެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އެއާއެކު ރިއުމާން އެ ފައިލް ބަލައިލިއެވެ. އަދި ސޮއި ކޮށްލިއެވެ. ފައިލް ހިފައިގެން ސަޖަލް ނުކުންނަން ހިނގައިގަތެވެ. އޭނާއަށް ތަޅުގައި ހިފާލެވުނީ ކިރިޔާއެވެ. ރިއުމާން އައިސް އޭނާގެ އަތުގައި ހިފާ ލަމުން ފަހަތަށް އަނބުރުވާލާ އޭނާއާ ގާތަށް ދަމައިލިއެވެ.

"ޖަވާބު...." އޭނާގެ އަޑުގައިވި އަސަރުން އެކަނިވެސް ސަޖަލްގެ ގައިން ހީބިހި ހަލުވައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް