ހިޔާނާތުގެ ފައިސާ ޕީޖީ ޝަމީމަށް ލިބުނުކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މުސާ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަށް ލިބިފައިވާކަށް ދެކެވޭ ވާހަކަތަށް، ޕީޖީ އޮފީހުން ދޮގުކޮށްފި އެވެ.

ޕީޖީ ޝަމީމަށް ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނެ، 'ދިޔަރެސް' ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ނޫހުން ބުނީ ހިޔާނާތުގެ ފައިސާއިން، ޝަމީމަށް ތިން މިލިއަން ރުފިޔާ ލިބުނު ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ، އަހްމަދު ޝަފީއު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުންހުރި ފައިސާ ޕްރޮސެކިއުޓާ ޖެނެރަަލްއަށް ލިބިވަޑައިގެންނެވި ކަމަށް ބަޔާންކޮށް އޮންލައިން ނޫސް ދިޔަރެސްގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ." ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕީޖީ ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ދިޔަރެސް ނޫހުން ރިޕޯޓުކުރި ވާހަކަތައް ޕީޖީ ޝަމީމް ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. ޝަމީމް ކުރެއްވި ޓުވީޓެއްގައި ވަނީ ދިޔަރެސް ނޫހަށް ފާޑުވިދާޅުވެފަ އެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ހިއްސާކޮށްފަ އެވެ. އެ ލިސްޓު އާންމު ކުރަން އާންމުންނާއި ބައެއް މަޖިލިސް މެމްބަރުންވެސް ދަނީ ގޮވާލަމުންނެވެ.

ކޮމިޓީއަށް ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަމަވެސް، ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ލިސްޓު އާންމު ނުކުރަން ކޮމިޓީއިން ވަނީ ނިންމައިފަ އެވެ. އެއީ ތަހުގީގީ އިދާރާތަކުން އެދިގެން ކަމަށްވެސް ކޮމިޓީއިން ބުނެފައިވެ އެވެ. މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތަކަށް އެ ކޮމިޓީގެ މަސައްކަތްތައް ސިއްރުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ވެސް ކުރެވެ އެވެ.

comment ކޮމެންޓް