ކެފޭ، ރެސްޓޯރަންޓު ހުޅުވައިގެން ހިދުމަތް ދިނުން މަނާކޮށްފި

މާލޭގައި ހިންގާ ރެސްޓޯރަންޓެއް ކައިރިން މީހަކު ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުމަށާއި، އެފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.

މި އެންގުމަށް އަމަލުކުރަން ފަށަން ޖެހޭނީ މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށެވެ.

އެޗްޕީއޭއިން މިގޮތަށް އެންގީ މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މި މަހުގެ ހަވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަަލަށް ސައިހޮޓާ. ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ ތަންތަން ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް އާންމުންނަށް ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން އޮތީ ދީފަ އެވެ.

ނަމަވެސް އީދު ބަންދާ ދިމާކޮށް، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް މިއަދު ވަނީ ހަރުކަށިކޮށްފަ އެވެ. އެގޮތުން، މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް، ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެޗްޕީއޭއިން ބުނީ މާދަމައިން ފެށިގެން ކެފޭ، ހޮޓާ، ރެސްޓޯރަންޓުތައް ފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޓެކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ކަމަށެވެ. ފުލުހުންގެ ހުއްދައާއެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މީގެކުރިން ވެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އާންމުންނަށް ހުޅުވުން މަނާކުރި އެވެ. މިހާރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ މީގެކުރިން ގޯސްނުވާ މިންވަރަށް ގޯސްވެފަ އެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 700 އަށް ވުރެ މަތީގަ އެވެ. އަދި ފާއިތުވި ދެ ދުވަހު، ބެކްލޮގް އާއެކު، ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަދި ބަލީގައި މީހުން މަރުވާ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

comment ކޮމެންޓް