ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން މެދުކަނޑާލައިފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ލިބޭ އެޕާޓްމެންޓު ކަށަވަރު ކުރުމަށް ނަގާ ގުރުއަތު ނެގުން މެދުކަނޑާލައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާދިއްތަ ދުވަހު ބުނީ ގުރުއަތު ނެގުން މެދުކަނޑާލީ ކޮވިޑް19 އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެެއް ލިބުމުން ގުރުއަތު ނެގުން ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެެވެ. އަދި ގުރުއަތު ނަގާ ދުވަސް ހަމަޖެހުމުން ގުރުނަގާ ތާރީހާއި ލިސްޓު ވެސް އާންމު ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީ އިން އެޗްޑީސީ އާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް ލިބެނީ ކޮން އެޕާޓްމެންޓެއް ކަން، ކަނޑައެޅުމަށް ގުރުއަތު ނަގަނީ އައިޑީކާޑު ނަންބަރު ތަރުތީބުންނެވެ. އެޗްޑީސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކާ އެކު އެކުލަވާލާ އެގްރިމެންޓުގެ ކޮޕީ އެއްވެސް ވެބްސައިޓުގައި އާންމު ކުރާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 6،700 ފްލެޓު ލިބޭ ފަރާތްތަކުގެ ގުރު ނެގުން ނިމުމާ އެކު އެގްރިމެންޓުގެ ކަންތައް ކުރިއަށް ގެންދަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާތަކުގެ ދޮރު ހަރުކުރުމާއި ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ފްލެޓު ހަވާލު ކުރުމަށް ފަހު އެ މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދޭން ވަނީ ނިންމައިފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކައި ވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. ޑައުންޕޭމަންޓް ނުދައްކާ ނަމަ، މަހު ކުއްޔަށް 7500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް ޑައުންޕޭމަންޓަކީ ކިހާވަރެއް ކަމެއް އަދި ޑައުންޕޭމަންޓް ދައްކާ ފަރާތްތަކުން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ ކިހާވަރެއް ކަމެެއް ހައުސިން މިނިސްޓްރީއަކުން ނުބުނެ އެވެ.

comment ކޮމެންޓް