އަންދާޒާ ކުރިވަރަށް ވުރެ އާމްދަނީ އިތުރުވެ 1.41 ބިލިއަން ރުފިޔާ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުސްވި އޭޕްރީލް މަހު މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 173.8 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިއީ އެޕްރީލް 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 82.6 ޕަސެންޓު އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ގިނަ ޓެކުހުގެ ބައިތަކުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އެގޮތުން ޓީ.ޖީ.އެސް.ޓީ، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް ވެސް މި މަހުގެ ތެރޭގައި ބަލައިގެންފައިވާ ކަމަށް މީރާއިން ބުނެ އެވެ. އަދި މި އަދަދު އެޕްރީލް މަހު ލިބިފައިވާ އާމްދަނީގެ 20 ޕަސެންޓު ހިއްސާކުރާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

އާމްދަނީ އިތުރުވި އަނެއް ސަބަބަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކޮވިޑް19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދުކުރުމާއެކު އެ މަހު ޓޫރިޒަމް ދާއިރާގެ ވިޔަފާރި ދަށްވެފައި، އެ މުއްދަތާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

ހުސްވި އޭޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމުލަ އާމްދަނީގެ 60.1 ޕަސެންޓު ނުވަތަ 849.61 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ ޖުމުލަ އާމްދަނީގެ 9.8 ޕަސެންޓު ނުވަތަ 139.12 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 214.56 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އޭޕްރީލް 2021ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

comment ކޮމެންޓް