ކަވާނީގެ އެއްބަސްވުން އާކޮށްފި، ޔުނައިޓެޑްގެ ސަޕޯޓަރުން ކުރިމަތީ ކުޅެން ކެތްމަދުވެފައި

މެންޗެސްޓާ ޔުނައިޓެޑުގެ އުރުގުއަން ފޯވާޑް އެޑިސަން ކަވާނީ --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސިވިލާތުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކުލަބު، މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އިތުރު އަހަރަކަށް އާކޮށްފި އެވެ.

މީގެ ކުރިން ޕީއެސްޖީ އަދި ނަޕޮލީއާ އެކު ވެސް މޮޅު ކުޅުމެއް ދެއްކި ކަވާނީ، 34 މި ސީޒަނުގައި އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ގުޅުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭރުގެ އެއްބަސްވުމުގައި ވާގޮތުން ކުލަބުން ބޭނުން ވެއްޖެ ނަމަ އިތުރު އަހަރަކަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތެވެ. އެ ފުރުސަތުގެ ބޭނުން ހިފައި އިއްޔެ ކަވާނީ ވަނީ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފަ އެވެ.

"އަހަރެން މި ކުލަބަށް އައި ފުރަތަމަ ދުވަހު ވެސް ފާހަގަވި ކަމަކީ ޓީމުގެ ކޯޗު އަހަރެންނަށް ކުރި އިތުބާރު. އެ އިތުބާރާ އެކު ކުރިއަށްދާން ވަރަށް ފަސޭހަވަގެން ދިޔަ. އެހެންކަމުން އެންމެ ބޮޑު ޝުކުރެއް އޮތީ ކޯޗަށް [އޮލެ ގުނަ ސޮލްޝެއާއަށް]" އެއްބަސްވުން އައު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކަވާނީ ބުންޏެވެ.

އޭނާ ބުނީ، ކުލަބުގައި މަޑުކުރުމަށް ގިނަ ސަޕޯޓަރުންތަކެއް ބޭނުންވާކަން ފާހަގަވި ކަމަށާއި، އެންމެ ބޭނުންވަނީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަށް ކަމަށް ކަވާނީ ބުންޏެވެ.

ޔުނައިޓެޑުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ކަވާނީ ހިމެނޭއިރު އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 35 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. އަދި މީގެ ކުރިން ޕީއެސްޖީއާއެކު ކަވާނީ ގިނަ ކާމިޔާބީތަކެއް ހޯދިއިރު، އޭނާ ވަނީ އެ ޓީމާއެކު ފްރެންޗް ލީގު ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.

"އަހަރެއްގެ ތެރޭގައި މި ކުލަބަށް ލޯތްބާއި ކުލުނު ޖެހިއްޖެ. ހާއްސަކޮށް ކުޅުންތެރިންނާއި ކޯޗިންގް ސްޓާފުން އަދި މުޅި އޯލްޑް ޓްރެފޯޑަށް މިހާރު ހިތް ދެވިއްޖެ."

ޔުނައިޓެޑުން ކަވާނީ މަޑުކުރުވީ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއެޅުމުން ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް