ޔުނައިޓެޑް ގަތުމަށް މެކްގްރެގޯ ޝައުގުވެރިވެއްޖެ

މަޝްހޫރު ޔޫއެފްސީ ފައިޓަރު ކޯނޯ މެކްގްރެގޯ --- ފޮޓޯ//ލައިވްސްކޯ

މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ އަދި އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ)ގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޮނާ މެކްގްރެގާ، އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ގަންނަން ބޭނުންވާކަން ހާމަކޮށްފި އެވެ.

މީގެ ކުރިން ތިންފަހަރެއްގެ މަތިން ތެޅުމުން ރިޓަޔާ ކުރުމަށް ފަހު އެނބުރައި އައި 32 އަހަރުގެ މެކްގުރެގާ ވަނީ ވޭތުވެ، ދިޔަ އަހަރުތަކުގައި މަޝްހޫރު ގިނަ ތަރިންތަކަކާ ވާދަކޮށް އިނާމު ފައިސާގެ ގޮތުގައި އެތައް ސަތޭކަ މިލިއަނުން ފައިސާ ހޯދައިފަ އެވެ. ހާއްސަކޮށް 2017 ވަނަ އަހަރު އޭރުގެ އެއްވަނަ ފްލޮއިޑް މޭވެދާ ބަލިކޮށްގެން މެކްގްރެގާ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

އޭނާގެ ޔޫއެފްސީ ކެރިއަރުގެ އިތުރުން 2018 ވަނަ އަހަރު އޭނާގެ ނަމުގައި ވިސްކީ އަލްކަހޯލްގެ ބްރޭންޑެއް ތައާރަފުކޮށްފައިވާ އިރު، މިހާރު އޭނާ އަމާޒު ހިފާފައި ވަނީ އޭނާގެ ނަން މައްޗަށް ނަން މަޝްހޫރު ކުލަބެއް ގެނައުމަށް ކަމަށް މެކްގްރެގާ ވަނީ ބުނެފަ އެވެ.

އެގޮތުން މިދިޔަ ހަފުތާގައި އޭނާ ވަނީ މިފަހަކަށް އައިސް ސަޕޯޓަރުންގެ ގިނަ ނުރުހުންތަކެއް އޯނަރަށް އަމާޒުވެފައިވާ ޔުނައިޓެޑް ގަންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޔޫރޮޕިއަން ސުޕަ ލީގު އުފައްދަން ބާރުދީ އެކަމުގެ އަޑީގައި ޔުނައިޓެޑް އޮތަތީ އެ ޓީމުގެ ސަޕޯޓަރުން ފަހަަކަށް އައިސް ކުލަބުގެ ވެރިން ކަމަށްވާ ގްލޭޒާރސްއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އަދި އެހެންމެ ޕްރިމިއާ ލީގުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޯލްޑް ޓްރެފޯޑް ސްޓޭޑިއަމަށް އަރައި މެޗު ފަސްކުރާ ހާލަތަށް ވެސް ސަޕޯޓަރުން ވަނީ އެމީހުންގެ ނުރުހުން ފާޅު ކޮށްފަ އެވެ.

"ކޮންމެވެސް ހިސާބަކުން ކުޅިވަރު ކުލަބެއް ގަންނަން ބޭނުންވޭ. އެގޮތުން ޔުނައިޓެޑް އަދި ސެލްޓިކް އަކީ އަހަރެއް ވަރަށް ގަޔާވާ ދެ ކުލަބު. ގަބޫލުކުރެވޭ މި ކުލަބުތަކަށް ބޮޑެތި ފައިދާތަކެއް ކުރުވަނިވި މަސައްކަތްތަކެއް އަހަންނަށް ކުރެވިދާނެކަން،" މެކްގުރެގާ ބުންޏެވެ.

ޔޫއެފްސީގެ އެންމެ ފަހު މެޗުގައި ޑަސްޓިން ޕްއޮރިއާ އަތުން ބަލިވި މެކްގްރެގާ އަންނަ ޖުލައި މަހު އަލުން އޭނާއާ ތަޅަން ވަނީ އެއްބަސްވެފަ އެވެ.

comment ކޮމެންޓް