އިސްތިއުފާ ނުދެން، ދުރުވެލީ ހިޔާނާތުގެ ފައިސާގައި ނުޖެހޭކަން ސާބިތުކޮށްދޭން: އާޒިމް

އާޒިމް: އޭނާ ވިދާޅުވީ، ކޮމިޓީން އިސްތިއުފާ ނުދޭ ކަމަށް، ވަގުތީ ގޮތުން ދުރުވެލީ ކަމަށް --- ފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލާ މަޖިލީހުގެ ޖޮއިންޓް ކޮމިޓީން އިސްތިއުފާ ނުދޭ ކަމަށާއި އެ ކޮމިޓީގެ މަސައްކަތްތަކުން ދުރުވެލީ، ހިޔާނާތުގެ ފައިސާގައި ނުޖެހޭކަން ރައްޔިތުންނަށް ޔަގީންކޮށްދޭން ވެގެން ކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާޒިމް ކޮމިޓީން ވަކިވެ، އޭނާގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޮމިޓީއާ ގުޅިވަޑައިގަންނަވާނެކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވީމާ ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އާޒިމް މިރޭ "ސަން"އަށް ވިދާޅުވީ، ކޮމިޓީން އޭނާ އިސްތިއުފާ ނުދޭ ކަމަށެވެ. މިވަގުތަށް ކޮމީޓީގެ މަސައްކަތުން ދުރުވެލީ ކަމަށާއި އޭނާގެ ބަދަލުގައި ހިޔާނާތުގެ މައްސަލަ ބަލައި ނިމެންދެން ކޮމީޓީގައި އިންނަވާނީ އީވާކަމަށް ކޮމިޓީގެ މުގައްރިރަށް ދެންނެވިިން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ނޫން އިސްއުފާ ނުދެން. މަޖިލީހުގެ ގަވައިދު ބުނާގޮތުން އެއް ކޮމިޓީން އަނެއް ކޮމިޓީން މީހުން ބަދަލު ކުރެވޭނީ އަޅުގަނޑު[ޕާޓީގެ ޕީޖީ ލީޑަރު] ސޮއިކޮށްފައި ލިޔުމެއް ދިނުމުން. އަޅުގަނޑު ދިން ލިޔުމުގައި އޮންނާނެ އެމްއެމްޕީއާރުސީގެ މައްސަލަ ނިމެންދެން އަޅުގަނޑުގެ ބަދަލުގައި، ކޮމިޓީގައި އިންނަވާނީ މިވެނި މީހެކޭ. އެހެންވީމަ އިސްތިއުފާ ދިނީއެއް ނޫންތާ،" ކޮމިޓީން އިސްތިއުފާ ދެއްވީތޯ ސުވާލުކުމުން އާޒިމް ވިދާޅުވި އެވެ.

އާޒިމް ކޮމިޓީގެ މަސައްކަތުން ދުރުވެފައިވަނީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އެ ކޮމިޓީއަށް ލިބިފައި ވަނިކޮށެވެ. އަދި އެ ލިސްޓުގައި އާޒިމްގެ ނަން އޮތް ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އޭނާ ވިދާޅުވީ، އެ ލިސްޓުގައި ނަން އޮތް ކަމެއް އަދި ނެތް ކަމެއްވެސް ނޭނގޭ ކަމަށާއި ކޮމިޓީގެ މަސައްކަތުން ދުރުވެލީ، އެ ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށް ވާހަކަ ދެކެވޭތީ، އެ ހިޔާނާތުގައި އޭނާ ނުޖެހޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް މީހަކު އަޅުގަނޑާ ދޭތެރޭ ޝައްކު ކުރެވޭ ނަމަ، ކޮމިޓީގައި މިވަގުތަށް އިންނާކަށް. އެއީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. އެހެންވީމަ، އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވީ ހިޔާނާތުގެ ފައިސާގައި އަޅުގަނޑު ނުޖެހޭކަން. އެހެންވެ، ކޮމިޓީގެ މަސައްކަތުން މިވަގުތަށް ދުރުވެލީ، ހިޔާނާތުގެ ފައިސާގައި ނުޖޭކަން ޔަގީންކޮށްދޭން،" ކޮމިޓީގެ މަސައްކަތުން ދުރުވީ ކީއްވެގެންތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވި އެވެ.

"ނަން އޮތް ނަމަ އެއީ ޝޮކެއް، މިހާތަނަށް ކޮމިޝަނުން ސުވާލެއްވެސް ނުކުރޭ"

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި އާޒިމް ހިމެނޭ ކަމަށް ކުރާ ތުހުމަތުތައްވެސް އޭނާ ދޮގު ކުރެއްވި އެވެ. އަދި އެ ފައިސާ ލުބުނު ލިސްޓުގައި އޭނާގެ ނަން އޮތް ނަމަ އެއީ ވަރަށް ބޮޑު "ޝޮކެއް"ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ލިސްޓުގައި އަޅުގަނޑުގެ ނަން އޮތް ނަމަ، އެއީ ވަރަށް ބޮޑު ޝޮކެއް. އެމްއެމްޕީއާރުސީގެ ހިޔާނާތުގެވެސް އަދި އެއްވެސް ހީޔާނާތެއްގެ ފައިސާގައި އަޅުގަނޑު ޖެހިފައި ނޯންނާނެ،" އާޒިމް ވަރަށް ސާބިތުކަމާއެކު ވިދާޅުވި އެވެ.

އާޒިމްގެ ނަން ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޮތްކަމަށް ވާހަކަ ދެކެވޭއިރު، މިހާތަށް އެސެޓް ރިކަވަރީ ކޮމިޝަނުން ސުވާލުކޮށް ބަޔާންވެސް ނަގާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑަށް ތުހުމަތު ކުރެވޭ ނަމަ، އަޅުގަނޑުގެ ބަހެއްވެސް އޮންނަން ވާނެ. މި ވީހާތަނަށް، ކޮމިޝަނުން އަޅުގަނޑާ އެއްްވެސް ސުވާލެއް ނުކުރޭ” އާޒިމް ވިދާޅުވި އެވެ

އާޒިމް ވިދާޅުވި ގޮތުގައި، ބަޔަކު އޭނާގެ ނަން ކިލަނބުކޮށްލުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެއެވެ. އެއީ އޭނާ އެފައިސާގައި ޖެހިފައިވާ މީހަކަށް ނުވެފައި، ބަޔަކު އަދި އޭނާ އެ ފައިސާގެ ޖެހުނު މީހެއް ކަމަށް ދައްކަން އުޅެނީ އެހެން ފައިދާތަކެއް ނެނގުމަށްކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ދިރާސާ ކުރަނީ މަޖިލީހުގެ ޖުޑިޝާރީ ކޮމިޓީ އާއި ސަލާމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގައި ހިޔާނާތުގެ ލިސްޓު މިހާރު ދިރާސާ ކުރަމުން ދާއިރު، ހިޔާނާތުގެ ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި މީހުން ތަހުގީގު ނިމެންދެން މަގާމުން އެކަހެރި ކުރަން އެންގުމަށް ރޭގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ.

ކޮމިޓީއަށް ހުށަހެޅުނު ހުށަހެޅުންތަކާއެކު ސަބް ކޮމިޓީގެ ރިޕޯޓު އަންގާރަ ދުވަހުގެ ރޭ ފައިނަލް ކުރުމަށްފަހު، މައި ކޮމިޓީއަށް ފޮނުވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

comment ކޮމެންޓް