ހިޔާނާތުގެ ލިސްޓުން ނަންތައް އުނި ކުރުން ބަލައެއްނުގަނެވޭނެ: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

އެއްވެސް އުނި އިތުރެއް ނުގެނެސް، އެމްއެމްޕީއާރްސީގެ ހިޔާނާތުން މަންފާވި މީހުންގެ ލިސްޓު އާންމު ކުރަން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ހިއްސާކޮށްފަ އެވެ. އެ ލިސްޓު އާންމު ކުރަން އާންމުންނާއި ބައެއް މަޖިލިސް މެމްބަރުންވެސް ދަނީ ގޮވާލަމުންނެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވީ، ބޭނުން ނަމެއް އުނިކޮށް އިތުރު ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ގޮވާލެއްވީ އުނި އިތުރު ކުރުމެއް ނެތި ލިސްޓު އޮތް ގޮތަށް އާންމު ކުރުމަށެވެ.

"މޮޑޭ ފުއްގަނޑަކަށް އެމްއެމްޕީއާރްސީގެ ވައްކަން ނުހައްދަވާ. މަޖިލިސް ވިޔަސް ސަރުކާރު ވިޔަސް އިސްތިސްނާ ވާކަށް ނުޖެހޭ. އެއީ ސިޔާސީ ޕާޓީއެއްގެ ހައްގެއް ނޫން،" ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ކޮމިޓީއަށް ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަމަވެސް، ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ލިސްޓު އާންމު ނުކުރަން ކޮމިޓީއިން ވަނީ ނިންމައިފަ އެވެ. އެއީ ތަހުގީގީ އިދާރާތަކުން އެދިގެން ކަމަށްވެސް ކޮމިޓީއިން ބުނެފައިވެ އެވެ. މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތަކަށް އެ ކޮމިޓީގެ މަސައްކަތްތައް ސިއްރުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ވެސް ކުރެވެ އެވެ.

comment ކޮމެންޓް