މާފުށިން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް، މިއަދުގެ ތިން ވަނަ މަރު

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހިގެން ކ. މާފުށިން މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މިއަދު ރާއްޖެއިން ކޮވިޑުގައި މަރުވި ތިން ވަނަ މީހާ އެވެ. އަދި ރާއްޖެއިން މަރުވި 87 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 9:45 ގައި ކަމަށެވެ. ސާމްޕަލް ނެގީ މަރުވި ފަހުންނެވެ. އަދި އޭނާގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭ އިން ވަނީ އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

މާފުއްޓަކީ އަތޮޅުތެރެއިން ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއް ރަށެވެ. ކޮވިޑްގެ ކޭސްތަކެއް ފެނި އެ ރަށް މޮނިޓަރިން އަށް ލާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.

އެރަށުން 430 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 179 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެރަށުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 250 މީހުން އެބަ ތިއްބެެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދިޔަ 75 އަހަރުގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ. އަދި ބ. އޭދަފުށިން ވެސް 85 އަހަރުގެ ފިރިހެނަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް