ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ، މިއަދުގެ ދެވަނަ މަރު

ބ. އޭދަފުށި -- ފޮޓޯ/ އޭދަފުށި ޓައިމްސް (އީޓީ)

ކޮވިޑް19 ޖެހިގެން ބ. އޭދަފުށިން މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މަރުވެފައި ވަނީ މިއަދު ހނެދުނު 8:30 ގައި ކަމަށެވެ. އަދި އޭނާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިއީ މިއަދު ރާއްޖެއިން ކޮވިޑުގައި މަރުވި ދެވަނަ މީހާ އެވެ. އަދި ރާއްޖެއިން މަރުވި 86 ވަނަ މީހާ އެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދިޔަ 75 އަހަރުގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

އޭދަފުއްޓަކީ މިވަގުތު ވަރަށް ބޮޑަށް ކޮވިޑް ފެތުރުފައިވާ ރަށެކެވެ. ކޮވިޑްގެ ކޭސް އެއް ފެނި އެ ރަށް މޮނިޓަރިން އަށް ލާފައިވަނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.

އެރަށުގައި ބަލި ފެތުރެން ފެށިފަހުން، ރަށު ތެރެއިން 193 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 108 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެރަށުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 85 މީހުން އެބަ ތިއްބެެވެ.

comment ކޮމެންޓް