ކޮވިޑް19ގެ ކޭސްތައް އިންތިހާއަށް މަތިވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންނަށް ޒިޔާރަތްކުރުން ހުއްޓާލައިފި އެވެ.
އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ބަލި ފެތުރެމުންދާ މިންވަރަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، މިއަދުން ފެށިގެން އެ ހޮސްޕިޓަަލުގައި އެޑްމިޓްކޮށް ފަރުވާދޭ ބަލިމީހުން ކައިިރިއަށް ޒިޔާރަތްކުރުން ހުއްޓާލާފައިވާ ކަމަށެވެ.
އޭޑީކޭ އިން ބުނީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި މަޑުކުރެވޭނީ އެންމެ މީހަކަށް ކަމަށާއި އެމީހަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
ހަމައެއާއެކު އެންމެންގެ ރައްކާތެރިކަމަށްޓަކައި، ބަލީމިހުންގެ ކައިރީ ތިބުމަށް ހޮސްޕިޓަލުން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން މީހުން ހޮސްޕިޓަލަށް ނުދިޔުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭ ސަރަހައްދުގައި ކޮވިޑް19ގެ ކޭސްތައް ވަރަށް ބޮޑުތަން ވަނީ މަތިވެފަ އެވެ. އޭޑީކޭގެ ވިޒިޓިން އަވާޒް ހުއްޓާލި އިރު، މިދިޔަ ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އޮންނެވީ އޭޑީކޭގަ އެވެ. އެމަނިކުފާނު އެޑްމިޓް ކުރުމާ ގުޅިގެން އޭޑީކޭ ބޭރުގައި ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް ތިބެ އެވެ.