އެމްޑީޕީގެ އެތެރޭގެ އިންތިހާބު ލަސްކުރުމަށް ރައީސް ސޯލިހު އެދިވަޑައިގެންފި

ރައީސް ސޯލިހު އެމްޑީޕީ ގައުމީ މަޖިލީހާ މިރޭ މުހާތަބު ކުރައްވަނީ -- ފޮޓޯ/ މަޖިލިސް

މި މަހު 29ގައި ބާއްވަން ތާވަލްކޮށްފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިވަގުތު ބޭއްވުމާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ އެދިވަޑައިގެންފި އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައުލޫމާތުތައް ރަސްމީކޮށް ގައުމީ މަޖިލީހާ ހިއްސާކުރުމަށް މިރޭ ޒޫމް މެދުވެރިކޮށް ބޭއްވި އެމްޑީޕީގެ 174 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދޭ އިންތިހާބުތަކެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު މިއީ އެމްޑީޕީ އެއްބައިވަންތަ އެކަތިގަނޑެއްގެ ގޮތުގައި އޮންނަންވީ ވަގުތު ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ވަގުތުވެސްމެ. ޕާޓީގެ އެތެރޭގެ މިފަދަ ކޮންމެ އިންތިހާބަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާނެ ވަގުތެއް. މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕާޓީ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް. އެހެން ކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެން ވިސްނުން ބުއްދިވެރި ކަމަށް ވެސް އަޅުގަނޑު ދެކެން،" ގައުމީ މަޖިލީހާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ލަސްކުރުމަށް ރައީސް އެދިވަޑައިގެން އިރު އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލައިފަ އެވެ. އަދި އެކި ފަރާތްތަކުން ގެންދަނީ ކެމްޕޭން ވެސް ކުރަމުންނެވެ. އަދި ރައީސް ނަޝީދު ވަނީ އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުން އެންޑޯޒްވެސް ކުރައްވައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގައި ތުހުމަތުވާ އެއްވެސް ފަރާތަކަށް އެ ޕާޓީގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭށެވެ.

comment ކޮމެންޓް