އަފްޣާން އަންހެން ދަރިވަރުންނަށް އަމާޒުކޮށް ގޮއްވާލި ބޮންތަކެއްގައި 55 މީހުން މަރުވެއްޖެ

އަންހެން ކުދިންގެ ސްކޫލަށް ދިން ހަމަލާގައި މަރުވި ބައެއް މީހުން

ކާބުލް (މޭ 9) : އަފްޣާނިސްތާނުގެ އަންހެން ކުދިންގެ މަދްރަސާއަކަށް އަމާޒުކޮށް އިއްޔެ ހަވީރު ގޮއްވާލި ބޮމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 55 އަށް އަރައިފިއެވެ.

އަފްޣާން ސަލާމަތީ ބާރުތައް ބުނާގޮތުން މިބޮން ގޮއްވާލީ ކާބުލްގެ ހުޅަނގުގައި އޮންނަ ޝީއީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ އަވަށެއްކަމަށްވާ ދަޝްތޭ ބަރްޗީގެ އަންހެން ކުދިންގެ މަދަރުސާއެއް ކަމަށްވާ ސައްޔިދުއް ޝުހަދާމަދްރަސާ ގެ ކުރިމަތީގައެވެ. ރިމޯޓް ކޮންޓްރޯލުން ބޮން ގޮއްވާލާފައިވަނީ އެމަދްރަސާގެ މެންދުރުފަހުގެ ސެޝަން ނިމިގެން އަންހެން ދަރިވަރުން ބޭރަށް ނުކުތް ވަގުތުއެވެ. އެހެންކަމުން ބޮމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައިވެސް އަދި ޒަޚަމްވި މީހުންގެ ތެރޭގައިވެސް ގިނައީ އަންހެން ދަރިވަރުންކަމާއި ގާތްގަނޑަކަށް 37 އަންހެން ކުދިން ވަގުތުން މަރުވި ކަމަށް އަފްޣާން މަސްއޫލުވެރިއަކު ކަށަވަރުކޮށް ދެއްވިއެވެ. އަދި މިއީ މައިގަނޑު ގޮތެއްގައި ޝީއީންނަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް އަފްޣާން މަސްއޫލުވެރިން ވަނީ ސިފަކުރައްވާފައެވެ.

އެ ހަމަލާގައި 150 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު އޭގެތެރެއިން ބައެއްމީހުންގެ ހާލަތުވެސްވަނީ ފުރާނައަށް ނުރައްކާވާ ހިސާބުގައި ކަމަށް ޚަބަރުތައް ބުނެއެވެ. އަފްޣާނިސްތާނުގެ ރައީސް އަޝްރަފު އަބްދުލްޣަނީ ތުހުމަތު ކުރެއްވިގޮތުގައި މި ޓެރަރިސްޓް ޙަމަލާގެ ފަހަތުގައިވަނީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތެވެ. ނަމަވެސް ތާލިބުންންވަނީ އެކަން ދޮގުކޮށް މި ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށްފައެވެ.

ތާލިބާން މަސްއޫލުވެރިން ބުނިގޮތުގައި މިއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުން ދިން ޙަމަލާއެކެވެ. އައިއެސް ޖަމާއަތަކީ ޝީއީންނަކީ ވެސް އަދި އައިއެސްގެ ހަރުކަށި ފިކުރާ އިދިކޮޅު ކޮންމެ ސުންނީ މުސްލިމަކީވެސް ކާފަރުންކަމަށް ހަދާ ނުރައްކާތެރި ތަކްފިރީ ޖަމާއަތެކެވެ. އިރާގާއި ސީރިއާގައި އައިއެސް އިން ދޭ ގިނަ ޓެރަރިސްޓް ޙަމަލާތައްވެސް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޝީއީންނަށެވެ. ނަމަވެސް ސުންނީންނަށްވެސް އަމާޒުކުރެއެވެ.

އައިއެސް އަކީ ސުންނީ ހަރުކަށި ޖަމާއަތެއްކަމަށްވާ ތާލިބާނުންނާވެސް އިދިކޮޅު އަދި ތާލިބާނުންނަށްވުރެވެސް އެތަށް ގުނައެއް ނުރައްކާތެރި ތަކްފީރީ ޖަމާއަތެކެވެ. އަފްޣާނިސްތާނުގައި އޮންނަ ތާލިބާނުންގެ ބާރާއި ނުފޫޒަށްވެސް އެންމެ ބޮޑު ނުރައްކަލަކަށް ވެފައިވަނީ އައިއެސް ޖަމާއަތެވެ. އައިއެސް ޖަމާއަތުގެ ބައެއް ލީޑަރުންނާ އަފްޣާން ސިއްރު ފުލުހުންގެ ތެރޭގައި ހިމެނޭ ބައެއްމީހުންނާ ގުޅުންއޮންނަ ކަމަށް ތާލިބާނުން ތުހުމަތު ކުރެއެވެ.

ބައެއް ދަރިވަރުންގެ އާއިލާތަކުން އެކުދިންގެ ހަށިތަކުގެ ކައިރީ ތިބެގެން ހިތާމަކޮށް ރޮއި ހަދަނީ

މިފަހަކަށް އައިސް އަފްޣާނިސްތާނުގައި ހިންގާ ބޮމުގެ ޙަމަލާތަކުގެ ފަހަތުގައިވަނީ އައިއެސް ޖަމާއަތެވެ. ގިނަ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. ތާލިބާނުންވަނީ އެހުރިހާ ޙަމަލާތަކެއް ކުށްވެރިކޮށް އެއީ އެޖަމާއަތުގެ ހަމަލާތަކެއް ނޫންކަމަށް ބުނެފައެވެ. 2020 ވަނައަހަރު އެމެރިކާއިން ތާލިބާނުންނާ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރިފަހުން ތާލިބާނުންގެ ސުލޫކަށް ކުރިއާ އަޅާބަލާއިރު ހެޔޮބަދަލުތަކެއް އަންނަމުންދާކަން މަސްރަހު ދިރާސާކުރާ ފަރަތްތަކުން ވަނީ ފާހަގަކޮށްފައެވެ. މިއާއެކު ދުނިޔޭގެ ބައެއް ގައުމުތަކުންވަނީ ތާލިބާނުންގެ ސިޔާސީ ލީޑަރުންނާ ބައްދަލު ކުރަންފަށާފައެވެ.

ތާލިބާނުން ކުރިން ދުޝްމަންކަން ގެންގުޅުނު އަވަށްޓެރި އީރާނަށްވެސް ދާދިފަހުންވަނީ ތާލިބާނުންގެ ސިޔާސީ ލީޑަރުންގެ މަތީފެންވަރުގެ ވަފްދެއް ޒިޔާރަތްކޮށްފައެވެ. މިއާއެކު ތާލިބާނުންނާއި އީރާނުގެ ގުޅުންތައްވަނީ ރަނގަޅުވެފައެވެ. އަދި ގަތަރާއި ރަޝިއާގެ ސަރުކާރުތަކުންވެސް ތާލިބާނުންގެ ސިޔާސީ ލީޑަރުންނާ ބައްދަލުކޮށް މަޝްވަރާތައް ކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން އަންހެން ކުދިންގެ ސްކޫލަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ އިއްޔެ ހަވީރު އަފްޣާނިސްތާނުގެ ގަޑިން 5 ޖަހަން އުޅެނިކޮށެވެ.

ބޮން ގޮއްވާލި ވަގުތަކީ އަންހެން ދަރިވަރުންގެ އެތައް ސަތޭކަ ދަރިވަރުން މެންދުރު ފަހުގެ ސެޝަން ނިންމާލުމަށްފަހު ގެއަށް ދާން ނުކުތް ވަގުތެވެ. އަންހެން ކުދިންގެ މަދްރަސާއަށް އަމާޒުކޮށް ޖެހިޖެހިގެން ތިން ބޮން ގޮއްވާލި ކަމަށް މަންޒަރު ދުށްމީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ބޮމުގެ ޙަމަލާތަކުގައި މަރުވި މީހުންނާއި އަންހެން ދަރިވަރުންގެ ހަށިތަކުގެ ބައިތައްވަނީ ކުދިކުދިވެ ލޭތަކާއެކު އެތަން މިތަނަށް ބުރައިގެން ގޮސްފައެވެ. އެމުޅި ސަރަހައްދު އޮތީ ލެއާއި އިންސާނުންގެ މަހާއި ކަށިން ތަތްތެޅި ލޭގެ ކޯރުތަކެއް އުފެދި ބިރުވެރި ގޮތެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. އިއްޔެ ބޮންތައް ގޮއްވާލި ޝީއީ އަޣްލަބިއްޔަތު އޮންނަ އަވަށެއްކަމަށްވާ ދަޝްތޭ ބަރްޗީގެ އެކިތަންތަނުގައި މީގެކުރިންވެސް އައިއެސް ޖަމާއަތުން ބޮންގޮއްވައި ޓެރަރިސްޓް ޙަމަލާތައް ދީފައިވެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް