ރޮކެޓް ވެއްޓުމުން ކުރި ޓްވީޓު ޑިލީޓުކޮށް، މައުސޫމް މައާފަށް އެދިވަޑައިގެންފި

ޓޫރިޒަމް މިނިސްޓަރު މައުސޫމް ރައްޔިތުން މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ޗައިނާ އިންް ޖައްވަށް ފޮނުވާލާފައިވާ ރޮކެޓެއްގެ ބައިތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުމުގެ ހާދިސާއާ ގުޅިގެން ވިދާޅުވެވުނު ބަސްފުޅަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މައާފަށް އެދިވަޑައިގެންފި އެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވީ ރޮކެޓްގެ ބައިތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުމުން، ރާއްޖެ އޮންނަ ސަރަހައްދު ގިނަ ބަޔަކަށް އެނގި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަަމަށެވެ. ވިޒިޓް މޯލްޑިވްސް ހޭޝްޓެގާއެކު މިނިސްޓަރު ކުރެއްވި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓްރެންޑިން ހޭޝްޓެގަކާއެކު ކުރެއްވި ޓްވީޓާމެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ކަމަށާއި ވިދާޅުވެވުނު ބަސްފުޅައަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ޓްވީޓު މިހާރު ޑިލީޓްކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރޮކެޓުގެ ބައިތައް ރާއްޖެއަށް ވެއްޓުމަކީ ރާއްޖެ ޒިޔާރަތްކުރާ އޭލިއަން ޓޫރިސްޓުން ޗުއްޓީ ހޭދަކުރަން މަޑުކުރާނެ ތަނަކީ ރާއްޖެއަށް ވުމުގެ ސިގްނަލެއް ކަމަށްވެސް ވިދާޅުވެފައެވެ. އެ ޓްވީޓުވެސް މިނިސްޓަރު ވަނީ ޑިލީޓު ކުރައްވައިފަ އެވެ.

ޗައިނާއިން މިދިޔަ މަހު ލޯންޗު ކުރި ރޮކެޓުގެ ބައިތައް ދުނިޔެއަށް ވެއްޓުނީ ރާއްޖޭގެ ހުޅަނގުން، ކަނޑުގެ ސަރަހައްދަށެވެ. އެ ރޮކެޓުގެ ބައިތައް ވެއްޓުމާ ގުލިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޗައިނާއިން ޖައްވަށް އިންސާނުން ފޮނުވަން ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރާ ޗައިނާ މޭންޑް ސްޕޭސް އިންޖިނިއަރިން އޮފިސް (ސީއެމްއެސްއީ)އާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި ލޯންގް މާޗް 5ބީގެ ނަން ދީފައިވާ ރޮކެޓު ދުނިޔޭގެ ޖައްވަށް ވަނީ މިއަދު ބެއިޖިންގެ ގަޑިން 10:24 (ރާއްޖެ ގަޑިން 7:24)ގަ އެވެ. އަދި އޭގެ ގިނަ ބައިތައް ވަނީ ދުނިޔޭގެ ސަތަހައިގެ ތެރޭގައި އަނދާފައި ކަމަށް އެނޫހުގައިވެ އެވެ.

އެ ރޮކެޓުގެ ބައިތައް ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދަކީ ކަނޑުގެ ސަރަހައްދުގެ ކަމަށް ސީއެމްއެސްއީން ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނެފައިވެ އެވެ. އަދި އެ ރޮކެޓުގައި ބޭނުންކޮށްފައި ވަނީ ތިމާވެއްޓާ ރަށްޓެހި ތެޔޮ ކަމުން އޭގެ ބައިތަކުގެ ސަބަބުން ކަނޑު ތަޣައްޔަރު ނުވާނެ ކަމަށްވެސް ކަމާ ބެހޭ މާހިރުން ވިދާޅުވި ކަމަށް ގްލޯބަލް ޓައިމްސްގައިވެ އެވެ.

މީގެ އިތުރުން އެ ރޮކެޓުގެ ބައިތަކުގެ ސަބަބުން މީހުންނަށް ގެއްލުމެއް ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ހުކުރު ދުވަހު ވިދާޅުވި އެވެ.

comment ކޮމެންޓް