އީދާ ދިމާކޮށް ޕާކިސްތާނުގައި ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި

ޕާކިސްތާނުގައި ދަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރެމުން -- ފޮޓޯ: އީޕީއޭ

އިސްލާމްއާބާދު (މެއި 9): ޕާކިސްތާނުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އީދު ދުވަހާ ދިމާކޮށް އިއްޔެ ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

ޕާކިސްތާނުން އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމަޔަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ޒަރޫރީ ވިޔަފާރިތަކާއި މާރުކޭޓުތައް ފިޔަވާ ހުރިހާ ތަނެއް ބަންދު ކުރަން ވަނީ އަންގާފަ އެވެ. އަދި އެ މުއްދަތުގައި އެ ގައުމުގެ އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ކުރެވޭނީ ޕްރައިވެޓް އުޅަނދުތަކާއި ޓެކްސީތަކާއި ރޭލުން އެކަންޏެވެ.

ޕާކިސްތާނުގައި މިހާރު ދަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރެމުންނެވެ. އެގޮތުން މިދިޔަ މަހު އެގައުމުން 140،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވެ އެވެ. އަދި ހަމަ އެ މަސް ތެރޭ ބަލީގައި ގާތްގަނޑަކަށް 3،000 މީހަކު މަރުވެފައިވާ އިރު އެއީ އެގައުމުން މިހާތަނަށް ރެކޯޑު ކުރެވުނު ކޮވިޑް މަރުތަކުގެ 17 ޕަސެންޓެވެ.

ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަވެސް ބޮޑުވަޒީރު އިމްރާން ޚާން ވަނީ ގައުމުގެ އިގުތިސާދަށް ލިބޭނެ ގެއްލުން ބޮޑު ކަމުން، މުޅި ގައުމު ފުރަބަންދު ނުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް