އިންޑިއާއިން ޑޮކްޓަރުން ހޯދަން އިއުލާނުކުރީ ދިވެހި ޑޮކްޓަރުން ނެގުމަށްފަހު: ހެލްތު

ލެޕެރޮސްކޮޕީއެއް ހަދަނީ -- ފޮޓޯ/ ހެލްތުލައިން

އިންޑިއާ އިން ޑޮކްޓަރުން ހޯދަން އިއުލާނު ކުރީ، މިދިޔަ ފެބުރުއަރީ މަހު ދިވެހި ޑޮކްޓަރުންނަށް ވަޒީފާ ދިނުމަށްފަހު އިތުރަށް ޑޮކްޓަރުން ބޭނުންވާތީ ކަމަށް، ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީން ބޭނުންވެގެން މައިގަނޑު ހަ ކެޓަގަރީއަކުން މެޑިކަލް ސްޓާފުން ހޯދުމަށް މިދިޔަ މާޗު އިއުލާނުުކުރީ އިންޑިއާގެ ނޯކާ ރޫޓްސް ރެކްރޫޓިން އޭޖެންސީންނެވެ.

އެ އެޖެންސީ މެދުވެރިކޮށް 520 ހެލްތު ޕްރޮފެޝަނަލުން ހޯދަން އިއުލާނު ކުރި އެެވެ. އެ މަގާމުތަކަށް ކުރިމަތިލާން އެދި ހުށަހަޅަން ސުންގަޑި ހަމަވާނީ މި މަހުގެ 15ވަނަ ދުވަހަށެވެ.

ކޮންސަލްޓެންޓުންގެ ޖުމުލަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 2939 ޔޫއެސް ޑޮލަރު (45،319ރ) އެވެ. ޑެންޓިސްޓުންނާއި މެޑިކަލް އޮފިސަރުންނަށް 1514 ޑޮލަރު (23،345ރ)ގެ މުސާރައެއް ކަނޑައަޅާފައިވާއިރު، ނަރުހުންނަށް ހުށަހަޅާފައިވަނީ 953 ޑޮލަރު (14،695ރ)ގެ މުސާރައެކެވެ. އަދި ރޭޑިއޯގްރާފަރުންނާއި ފިޒިއޮތެރަޕިސްޓުންނަށް ހުށަހަޅާފައިވާ މުސާރައަކީ 720 ޑޮލަރު (11،102ރ) އެވެ.

މީގެކުރިން ވެސް ހޫނުވެފައި އޮތް އެ މައްސަލަ އަލުން ހޫނުވީ ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ މުވައްޒަފުން ވޮލަންޓިއާ ކުރުމަށް ހެލްތު މިނިސްޓްރީން އެދުމުންނެވެ. ދިވެހިން ވޮލަންޓިއާ ކުރުމަށް އެދި، ބޭރުން މުސާރަ ދީފައި ފަންނީ މީހުން ގެންނާތީ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ރޭ ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ އެ ފާޑުކިޔުންތަކާ ގުޅިގެން ވާހަކަދައްކަވައިފަ އެވެ.

މަބްރޫކް ވިދާޅުވީ ބޭރުން ޑޮކްޓަރުން ގެންނަން އިއުލާނުކޮށް، ދިވެހިން ވޮލަންޓިއާ ކުރުމަށް އެދުމުން ބައެއް ދިވެހި ޑޮކްޓަރުން އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ބޭރުން ޑޮކްޓަރުން ހޯދަން ިއިއުލާނު ކުރީ މިދިޔަ މާޗު މަހު އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކަމަށާއި، އެއީ ކޮވިޑްގެ އޮޕަރޭޝަނާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އާންމުކޮށް، ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ޑޮކްޓަރުން ހޯދަން، ހެލްތު މިނިސްޓްރީން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ މަބްރޫކް ވިދާޅުވީ އިންޑިއާ ނޫހުގައި ޖެހި އިއުލާނަކީ، ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު ދިވެހި ޑޮކްޓަރުން ހޯދަން އިއުލާނުކޮށް، އެ މަސައްކަތުން ލިބުނު ޑޮކްޓަރުންނަށް ވަޒީފާ ދިނުމަށްފަހު، އަދިވެސް އިތުރަށް ޑޮކްޓަރުން ބޭނުންވާ ޑޮކްޓަރުން ހޯދަން ކުރި އިއުލާނެއް ކަމަށެވެ.

"އެ އިއުލާނު އެގޮތަށް ވެސް ކޮށްފައި ވަނީ ތިނެއް ފެބުރުއަރީގައި ދިވެހި ޑޮކްޓަރުން ހޯދުމަށް އޭރު ކުރެވުނު މަސައްކަތުގައި ލިބުނު ޑޮކްޓަރުންނަށް ވަޒީފާ ދިނުމަށް ފަހު. އަދިވެސް އިތުރަށް ބޭނުންވާ ޑޮކްތަރުން ހޯދުމަށްޓަކައި، ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވޭ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް ރެސްޕޯންސް އަށް ޑޮކްޓަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ވޮލަންޓިއާ ކުރުމަށް ހުޅުވާލީ ވެސް އެގޮތަށް ބޭނުންވާ ބައެއް ޑޮކްޓަރުން ތިބުމުން ކަމަށެވެ.

"ބައެއް ޑޮކްޓަރުންނަކީ އެހެން ވަޒީފާ ތަކުގައި ފުލް ޓައިމްކޮށް މަސައްކަތްކުރައްވާ ބޭފުޅުން. އެބޭފުޅުންގެ އިތުރު ގަޑީގައި ވޮލަންޓިއާ ކޮށްދެއްވަން ބޭނުންވާތީ އެފަދަ ފަރާތްތައް ރެޖިސްޓާ ކުރުމަށް ހުޅުވާލީ،" މަބްރޫކް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެއް އަހަރުގެ ކޮންޓްރެކްޓުގައި އައިޖީއެމްއެޗް އަށް ދިވެހި ޑޮކްޓަރުން ނެގުމަށް އައިޖީއެމްއެޗް އާއި ހެލްތު މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް އިއުލާނުކޮށް އެކަން ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

comment ކޮމެންޓް