ބެންގަލޫރު މެޗު ކުޅެވެން ނެތްކަމަށް އެފްއޭއެމަށް އަންގައިފި

އިންޑިއާގެ ބެންގަލޫރު އެފްސީ ފަރިތަކުރުންތަކުގެ ތެރެއިން--- ފޮޓޯ//ބެންގަލޫރު އެފްސީ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ޕްލޭއޮފް މެޗަށް މާލެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީން ހޮޓަލުން ނުކުމެ ޕްރޮޓޮކޯލާ ހިލާފުވުމުން އޭއެފްސީ މެޗު އެ ޓީމަށް ރާއްޖޭގައި ދެން ނުކުޅެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިރޭ ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، އޭއެފްސީއާއި ރާއްޖޭގެ އެޗްޕީއޭއިން ހަދާފައިވާ ގަވާއިދުތައް ބެންގަލޫރު އެފްސީން މުގުރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެކުލަބު މިހާރުން މިހާރަށް ރާއްޖެ ދޫކޮށް ދިއުމަށް ވެސް މަހްލޫފް ވަނީ ގޮވާލައިފަ އެވެ. އަދި އެހެންމެ އާއްމުންގެ ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް މުބާރާތް ބޭއްވުމަށް ނިންމީ ބޮޑު ރިސްކެއް ނަގައިގެން ކަމަށާއި، އެކަމަށް ބެންގަލޫރު ޓީމުން އިހްތިރާމް ނުކުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ހަވީރު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައި އެ ޓީމު ތިބޭ ހޮޓެލް ޖެން އަށް ޗެކިން ވުމުގެ ކުރިން ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ. އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް މިއަދު ބެންގަލޫރު ޓީމުން ވަނީ ހެންވޭރު ދަނޑުގައި ޕްރެކްޓިސް ވެސް ކޮށްފަ އެވެ.

އެހެން ނަމަވެސް އެ ޓީމުގެ ބައެއް ކުޅުންތެރިން މިއަދު ހަވީރު މާލޭގެ މަގުތަކުން ފެނިފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ ކުޅުންތެރިން މާލޭގެ މަގުތަކުގައި ހިނގަނިކޮށް ފޮޓޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

މިނިސްޓަރ ފަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބެންގަލޫރު އެފްސީން ހޮޓަލުން ނުކުމެ ޕްރޮޓޮކޯލާ ހިލާފުވުމުން އޭއެފްސީ މެޗު އެ ޓީމަށް ރާއްޖޭގައި ދެން ނުކުޅެވޭނެ ކަން އެފްއޭއެމަށް އަންގާފައިވާ ކަމަށެވެ. އަދި އެހެންމެ އެ ޓީމު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރުމަށް ވެސް އެފްއޭއެމަށް މިނިސްޓަރ ވަނީ އަންގައިވައިފަ އެވެ.

ގަލޮޅު ދަނޑުގައި ބުދަ ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އޭއެފްސީ ކަޕް ބާއްވަނީ ފުރިހަމަ ރައްކާތެރި ގައިޑްލައިންތަކަކާ އެކުގައި ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ހުކުރު ދުވަހު މާލެ އައި ބެންގަލޫރު ޓީމުގެ ކުޅުންތެރިން، އިންޑިޔާއިން އަންނަ އެހެން މީހުންނާ ޚިލާފަށް ކަރަންޓީނު ވާކަށްވެސް ނުޖެހެއެވެ. އެކަމާ ގިނަބަޔަކު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ

comment ކޮމެންޓް