އޭޑީކޭގެ ޑޮކްޓަރުންގެ މި ޓީމަށް، ލޯތްބާއި އިހްތިރާމާއެކު ސެލިއުޓް!

ރައީސް ނަޝީދަށް ފަރުވާދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމްގެ ބައެއް ބޭފުޅުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްޓްރެޗާއަކަށް ލައިގެން، ޒަހަމްތަކަކާއި ލެޔާއެކު އޭޑީކޭ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމަށް ގެންދިޔަ އިރު، ނަސީބު ދިމާކުރި ގޮތުން ޑރ. އަބްދުﷲ ނިޔާފް، ޑރ. ދުސޫމާ އަބްދުއްރައަޒާގް އަދި ޑރ. އަހްމަދު ނިޝާން ވެސް އުޅުއްވީ ހޮސްޕިޓަލުގަ އެވެ. ދުވަމުން އެންމެ ފުރަތަމަ އެމަނިކުފާނަށް އެޓެންޑުވި ޓީމުގައި މި ތިން ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެމަނިކުފާނު ހޮސްޕިޓަލަށް ގެންދެވުމާއެކު، އެންމެ ތަޖުރިބާކާރު ޓީމު ރުކުރުވާލައި އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް މަސަައްކަތް ފެށީ އެންމެ ވަގުތު ކޮޅެއް ވެސް ބޭކާރުކޮށް ނުލަ އެވެ.

އޭޑީކޭގެ އެމާޖެންސީ ރޫމަށް ރައީސް ނަޝީދު ގެންދެވުމާއެކު، އެމަނިކުފާނަށް އެންމެ ފުރަތަމަ އެޓެންޑުވީ އޭޑީކޭގެ ހޭނައްތާ ޑޮކްޓަރު، ޑރ. ދުސޫމާ އެވެ. ޑރ. ދުސޫމާ ވިދާޅުވީ އެވަގުތު ރައީސް ނަޝީދާ ކުރެއްވި ހުރިހާ ސުވާލަކަށް ވެސް އެމަނިކުފާނު ރަނގަޅަށް ޖަވާބުދެއްވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު އޮންނެވީ ވަރަށް ބޮޑަށް ޑިސްޓްރެސްވެވަޑައިގެންފައި ކަމަށް ޑރ. ވިދާޅުވި އެވެ.

އެއަށްފަހު ހެދި ޕްރައިމަރީ ސާވޭ އިން، އެމަނިކުފާނުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަން ޒަހަމުވެ ލޭ އަންނާތީ، އެންމެ ރަނގަޅު ގޮތަކީ އޮޕަރޭޝަން ތިއޭޓަރަށް ބަދަލުކުރުން ކަމަށް ޑޮކްޓަރުންގެ ޓީމުން ނިންމީ އެވެ.

"އޮޕަރޭޝަން ތިއޭޓަރުގައި ފުރަތަމަ އަޅުގަނޑުމެން ޕޮސިބިލިޓީ އޮފް ސާޖަރީއެއް އިނީމަ އާއި، ދެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި ލޭ މަނާކުރުން ހުއްޓުވުމަށްޓަކައި އެއާވޭޒް ސެކުއާ ކުރަންޖެހޭނެތީ، ފުރަތަމަ އިންޓިއުބޭޓް ކުރީ. އެއަށްފަހު އަޅުގަނޑުމެން ބްލީޑިން ހުއްޓުވަން މަސައްކަތް ކުރީ،" ޑރ. ދުސޫމާ ވިދާޅުވި އެވެ.

ޑރ. ދުސޫމާ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ރައީސް ނަޝީދު އޭޑީކޭގެ އެމަޖެންސީ ރޫމަށް ގެންދިޔަތާ 10 ވަރަކަށް މިނިޓުގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރަށް ބަދަލުކޮށް، އޭގެ ކުރިން ހޮސްޕިޓަލުގެ އެމާޖެންސީ ޓީމު ވެސް މޮބިލައިޒް ކުރި ކަމަށެވެ. އަދި ތިއޭޓަރަށް ވެއްދުމުގެ ކުރިން ޑރ. ނިޝާން ވަނީ އެސެސްމަންޓެއް ވެސް ހައްދަވައިފަ އެވެ.

ޑރ. ނިޝާން ވިދާޅުވީ، އޭނާ އެމާޖެންސީ ރޫމަށް ވަޑައިގެންނެވި އިރު، ރައީސް ނަޝީދުގެ ހަށިކޮޅުން ވަރަށް ގިނައިން ލޭ އަންނަމުން ދިޔަ ކަމަށާއި ހަށިގަނޑުގެ ގިނަ ތަންތަން ކަފައިގެން ގޮސްފައިވާކަން ފާހަގަވި ކަމަށެވެ. ޑރ. ނިޝާން އޮޕަރޭޝަން އަށް ތައްޔާރުވެވަޑައިގަތުމަށް ނެގި މަދު ވަގުތުކޮޅުގައި، ރައީސް ނަޝީދު ވެސް އޮޕަރޭޝަނަށް ތައްޔާރުކޮށް ތިއޭޓަރަށް ވަނީ ވައްދައިފަ އެވެ.

"ހޭނައްތާ ނިމުމާއެކު އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ، އެންމެ ބޮޑަށް ބްލީޑްވަމުން ދިޔަ ތަންތަން ހޯދާ، އެތަންތަނުން ބްލީޑިން އެރެސްޓުކޮށް، ސެކުއާ ކުރުމަށް. އެކަންތައް ކޮށް ނިމުމާއެކު ދެން އަޅުގަނޑުމެން ނިންމީ ސީޓީ ސްކޭނެއް ހަދާފައި، އިތުރު އެހެން ގެއްލުމެއް ވެފައި ހުރިތޯ، އެތެރޭގެ އެއްވެސް ގުނަވަނަކަށް ގެއްލުން ވެފައި ހުރިތޯ، އެ މަރުހަލާ ކުރިއަށް ގެންދަން،" ޑރ. ނިޝާން ވިދާޅުވި އެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ އިޒްނަ އާއި އެދުމުގެ މަތިން މިއަދު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމަނިކުފާނަށް ލިބިފައި ހުރި ޒަހަމްތައް ފެންނަ ކުރެހުމެއް ހިއްސާކުރި އެވެ. އެމަނިކުފާނުގެ ހަށިގަނޑުގެ ބޭރުން ގިނަ ޒަހަމްތަކެއް ފެންނަން ހުރި އިރު، ފުރާނައަށް ނުރައްކާވެދާނެ ފަދަ ބޮޑެތި އަނިޔާތަކެއް އެތެރެހައްޓަށް ވެސް ވެފައި ހުއްޓެވެ.

ޑރ. ނިޔާފް ވިދާޅުވީ، ހަށިގަނޑުގެ އެތެރޭގައި ހުރި އަނިޔާތައް ފެނުނީ ލޭ މަނާކުރުމަށް ފަހު، ސީޓީ ސްކޭން ހެދުމުން ކަމަށެވެ. ރައީސް ނަޝީދުގެ ހަށިގަނޑަށް އެއް ބައްޓަމަކަށް، ވައްކޮށް ހުރި ގިނަ އަދަދެއްގެ ރޭޒާ ފުއްތަކެއް ވަނީ ވަދެފަ އެވެ.


ސީޓީ ސްކޭނުން ފެނުނީ ނުރައްކާތެރި މަންޒަރެއް، ޑޮކްޓަރުންގެ ހިތްވަރު ނުގުޑި!

ސީޓީ ސްކޭނުން އެންމެ ފުރަތަމަ ވެސް ޑޮކްޓަރުންނަށް ފާހަގަވީ، ފުއްޕާމޭ ތެރޭގައި އިން ރޭޒާ ފުކެކެވެ. އޭގެ އިތުރަށް ވެސް އެމަނިކުފާނުގެ ހަށިގަނޑުގައި ރޭޒާ ފުއްތަކެއް ހުރި ނަމަވެސް، އެ ވަގުތު ފުރާނައަށް އެންމެ ނުރައްކާވެދާނެ ކަމަކަށް ޑޮކްޓަރުން ނިންމީ ފުއްޕާމެއަށް ވަދެފައިވާ އެތިކޮޅެވެ. އެހެންކަމުން ޑޮކްޓަރުން އެންމެ ފުރަތަމަ މަސައްކަތް ފެށީ، އެ ނުރައްކަލުން ރައީސް ނަޝީދު ސަލާމަތްކުރުމަށެވެ.

ފުއްޕާމެއަށް ލިބިފައިވާ އަނިޔާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔައީ އޭޑީކޭގެ ކާޑިއޯތޮރެސިކް ސާޖަން، ޑރ. ކައުޝަލްގެ ޓީމުންނެވެ. ޑރ. ކައުޝަލް ވިދާޅުވީ، އެމަނިކުފާނުގެ އެތެރެހަށީގައި ވަރަށް ފުން، ފުރާނައަށް ގެއްލުންވާފަދަ އަނިޔާތަކެއް ހުރި ކަމަށެވެ. އެގޮތުން ފުއްޕާމެއަށް ދަގަނޑު އެތިކޮޅު ވަދެފައި ވަނީ، މޭކަށިގަނޑު ފުނޑުފުނޑުކޮށްލާފައި ކަމަށާއި، އެމަނިކުފާނު ހިތަށް އެތިކޮޅު އަމާޒުނުވެ އިނީ އެންމެ ސެންޓިމީޓަރަކުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ވަރަށް ނުރައްކާތެރި އެތިކޮޅެއް އެއީ. ނަސީބު ރަނގަޅުކަމުން، އެ އެތިކޮޅު ހިތަކަށް ނާރާ. ހިތުގެ ކައިރީ އިނީ. ނަމަވެސް ހިތުގެ ވަށައިގެންވާ ޓިޝޫގަ ޖެހިފަ ހުރީ،" ޑރ. ކައުޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ލިބިފައިވާ ބައެއް ޒަހަމްތައް އޭޑީކޭގެ ޑޮކްޓަރުން މިއަދު ދައްކާލައްވަނޯީ --

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ތޮރޭސިކް ކެވިޓީއަށް ވަރަށް ބޮޑަށް ލޭ އެޅިފައި ހުރި ކަމަށެވެ. އެހެން ނަމަވެސް ޑޮކްޓަރުންގެ ޓީމުން ލޭ ސާފުކޮށް، މޭކަށިގަނޑު ފުނޑުފުނޑުވެގެން މެޔަށް އެޅިފައި ހުރި ކުނޑިތައް ވެސް ސާފުކުރި އެވެ.

ރައީސް ނަޝީދުގެ މެޔަށް އަރާފައިވަނީ ވައަތު ފަރާތު އަރިކައްޓާ ދިމާލުން ވަތް ރޭޒާ ފުކެކެވެ. އެ އެތިކޮޅު އިނީ މޭ ފޫ އަޅާފައި ނުކުމެފަ އެވެ.

"ލެފްޓް ސައިޑުގެ އަޕަ ލޯބް، ވަރަށް ބޮޑަށް ޑެމޭޖް ވެފަ ހުރީ، އެއީ އެހާ ހައި ވެލޯސިޓީ ރޭޒާ ފުކެއް ޕާސް ކުރީމަ ވާގޮތަކީ، ފުއްޕާމޭ ނޫފައިގަންނަނާނެ. އެހެންވީމަ އަސްލު ފަންކްޝަނަލް އަށް ވަރަށް ބޮޑަށް ދަތިކަމެއް އަންނާނެ. ސެޗުރޭޝަން އާ އެއްޗެއްސަށް ބަދަލު އަންނާނެ. ދެން އޭގެ އިތުރުން އެއް ޕްރޮޖެކްޓައިލް އިނީ ހަތަރު ވަނަ ރބް ގަ ޖެހިފަ، ފުނޑިފަ. ރިބ އިންީ ފުނޑިފަ. އެހެންވީމަ އެ ރިބްގެ އެއް ޗެންޓިމީޓަރު ތިރިޔަށް ޖެހުނު ނަމަވެސް އޭއްޗަކީ ހިތަށް އަރާނެ ކަހަލަ ވަރަށް ނުރައްކާތެރި ގޮތަކަށް އިން އެއްޗެއް. ދެން ރިބް ފުނޑިގެން ގޮސް އޭގެ ކުނޑިތަން، ލަންގަށް ވެސް އެޅިފަ ހުރި،"

ފުއްޕާމޭގެ އޮޕަރޭޝަން ނިންމުމަށްފަހު، ދެން ޑޮކްޓަރުން އިސްނެގީ ބަނޑުގެ އެތެރެއަށް ލިބިފައިވާ އަނިޔާތަކަށް އެޓެންޑު ކުރުމަށެވެ. ޑރ. ނިޝާން ވިދާޅުވީ ސީޓީ ސްކޭނަށް އަރާ ކަހަލަ ތިން ދަގަނޑު އެތޮކޮޅެއް ރައީސް ނަޝީދުގެ ބަނޑު ތެރޭގައި ހުރި ކަމަށް ފާހަގަވި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ލިބިފައި ހުރި ގެއްލުން ދެނެގަނެވޭނީ އެތެރެ ބަލައިގެން ކަމަށްވާތީ، ކެމެރާ ލައްވައިގެން އެތެރެ ބެލި އެވެ. އެތެރެ ބެލި އިރު ފާހަގަވީ ރައީސް ނަޝީދުގެ ބަނޑުގެ މަސްގަނޑު ފޫއަޅާފައި ހުރި ކަމަށެވެ.

"ދެން އޭގެ އިތުރުން ވަރަށް ބައިވަރު ލޭ ބަނޑު ތެރޭގައި ހުރިކަން. އެހެންވީމަ ބަނޑުގެ މަސްގަނޑު ފޫ އަޅާފައި ގޮސް ހުރިއްޔާ އޭގެ މާނައަކީ އެތެރޭގެ ގުނަވަންތަކަށް ވެސް ގެއްލުން ލިބިފައޭ ހުންނާނީ. ދެން ވަަގުތުން ޑިސިޝަން މޭކް ކުރީ، ބަނޑުގެ މަސްގަނޑު ހުޅުވާފަ ބަނޑު ތެރެ އެކީގަ އިވޭލުއޭޓް ކުރަން،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ނިޝާން ވިދާޅުވީ ބަނޑު ތެރެ އިވޭލުއޭޓްކޮށް ބެލި އިރު ގާތްގަނޑަކަށް، 600 - 700 މިލިލީޓަރު ލޭ ހުރި ކަމަށެވެ. ހުރިހާ ލޭތަކެއް ބޭރުކޮށް، ބަނޑުގެ ގުނަވަންތައް ސިސްޓެމޭޓިކް ކޮށް ބަލާ ނިންމި އިރު، ފަލަ ގޮހޮރުގައި ލޯވަޅު އެޅިފައި ހުރިކަން ފާހަގަވި އެވެ.

"އިން ދެ ތަނަކުން ފޫ އަޅާފަ. އެއީ އެއްކޮޅުން ވަދެފަ އަނެއް ކޮޅުން ނުކުމެފެ. ދެން ބަނޑު. މައިދާ އޭ މި ކިޔާ ބަނޑު ފޫ އަޅާފަ އިން ކަން ފާހަގަ ކުރެވުނު. އެވެސް ހަމަ އެއް ފަރާތުން ވަދެ އަނެއް ފަރާތުން ނުކުމެފަ އިނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ބަނޑުގެ އިތުރުން ލިވާ ވެސް ފޫއަޅާފައި ވެ އެވެ. ލިވާ އަކީ ހަރު ގުނަވަނަކަށް ވުމުން، އެތެރެއަށް ވަދެފައި އިން އެތިކޮޅު ހޯދުން ފަސޭހަ ކަމަކަށް ނުވި އެވެ. ނަމަވެސް ސްކޭންކޮށް ބަލައިގެން އެ ފުއް ވެސް ނެގި އެވެ. އަދި ބަނޑު ތެރޭގައި "ލޫޒް" ކޮށް އިން ރޭޒާ ފުކެއް ވެސް ޑޮކްޓަރުން ވަނީ ކާމިޔާބު ކަމާއެކު ނަގައިފަ އެވެ.

"ދެން އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރީ ތިން ވަނަ އެތިކޮޅު. އޭތި ކޮޅު އަތުގަ ޖެހޭ ގޮތެއް ނުވި. ސްކޭން ހަދަމުން އަޅުގަނޑުމެން ބެލި އިރު ފާހަގަވީ، ހޮލޯ ސްޕޭސް އެއްގައި އޭތި އިންނަކަން، ހޮލޯ ސްޕޭސް މި އިންނަނީ ލިވާގެ ފަހަތުން، މައި ލޭހޮޅިތަކުގެ ކައިރީގައި. ދެން އެވަގުތު އެންމެ މުހިންމުވީ އޭތި އިން ތަން ކަށަވަރުކޮށްފަ ދެން އޭތި ނަގަން މަޑުކުރުން، ދެން ބަނޑު ތެރޭގެ ކަންތައް ނިންމާފަ، އެއްކޮށް ސާފުކޮށްފަ، ބަނޑު ފަހާލީ. އެ ހިސާބުން އަޅުގަނޑުމެންގެ ޓީމުގަ ޑރ. މައުރޫފް އާ ޑރ. މުޒައްޔިން އާ އަދި އަޅުގަނޑު، ތިން މީހުން ނިންމީ ސީޓީ ސްކޭން އެއް ހަދާފަ އޭތި އިން ތަން ބަލަން،" ޑޮކްޓަރު ވިދާޅުވި އެވެ.

ސީޓީ ސްކޭން އެއް ހަދައި އެ ފުއް އިންތަން ކަށަވަރު ކުރުމުގެ މަސައްކަތް ފެށި އިރު، އެންމެ ވަގުތު ކޮޅެއް ވެސް ބޭކާރު ނުކޮށް، ކަށީގެ ޑޮކްޓަރުންގެ ޓީމު އޮޓީ ތައްޔާރަށެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. މިޝްވާރު، ޑރ. ޝަކީލް އަދި ޑރ. އިފާޝަ އެވެ. އޮަޕަރޭޝަން ކުރުމަށް އެ ޓީމަށް ލިބުނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ.

ރައީސް ނަޝީދުގެ ވައަތު އުޅަނބޮށީގައި އެއް ރޭޒާ ފުއް ވަދެފައި އިން އިރު، ވައަތު ފަލަމަސްގަނޑުގައި ދޭތި އަދި ކަކުލު ހުޅުގައި ދޭތި އިނެވެ. ކަކުލު ހުޅުގައި އިން އެއް މެޓަލް ބެއަރިންގ އިނީ ކަށިގަނޑު ފޫއަޅުވާލާފައި ގޮހެވެ. އަނެކަތި ކޮޅު އިނީ ކަކުލުގެ ފަހަތުގައި ހަރުލާފަ އެވެ. ފަޔަށް ވަރަށް މުހިންމު ލޭ ހޮޅިއަކާއި ލޭނާރު ތަކުގެ ކައިރީގަ އެވެ. އެހެންކަމުން އެ އޮޕަރޭޝަން ވެގެން ދިޔައީ ވަރަށް ކްރިޓިކަލް އެހެން ނަމަވެސް ވަރަށް އަވަހަށް ކުރަން ޖެހުނު އޮޕަރޭޝަނަކަށެވެ.

އެއާއެކު އެ ޓީމުން ނިންމީ، މަސައްކަތް ބަހާލުމަށެވެ. ތިން ޑޮކްޓަރުން އަތާއި ފައިގެ އޮޕަރޭޝަންތައް ކުރަމުން ދިޔައީ އެއް ވަގުތެއްގަ އެވެ.

"ތިން މީހުން ތިން ތަނަށް ސްޕްލިޓް ކޮށްލައިގެން އެއް ވަގުތެއްގައި މަސައްކަތް ކުަމުން ދިޔައީ ހުރިހާ އެއްޗެއް ވީހާވެސް އަވަހަށް ނަގައި، ހުރިހާ ފާރުތައް ބަންދުކުރުމަށްޓަކައި. ފަހާ ޑްރެސިންއެޅުމަށްޓަކައި. އެގޮތުން ގާތްގަނޑަކަށް ގަޑިއެއްހާ އިރު ތެރޭ ހުރިހާ އެއްޗެއް ރިމޫވްކޮށް، ސީޓީ ސްކޭން އަށް ޝިފްޓް ކުރަން ވާއިރަށް ރިޓްރީވް ކުރެވުނު،" ޑރ. މިޝްވާރު ވިދާޅުވި އެވެ.

އެހިސާބަށް އޮަޕަރޭޝަން ދިޔަ އިރު، ރައީސް ނަޝީދުގެ ހަށިގަނޑުގައި ނުނެގި އަދި އިތުރު ރޭޒާ ފުކެއް އުޅުނެވެ. އޭތި ސީދާ އޮތް ތަނެއް ހޯދަން ސްޕެޝަލް ސީޓީ ސްކޭން އެއް ޑޮކްޓަރުން ހެދި އެވެ. ނަމަވެސް ޑޮކްޓަރުންނަށް އޭތިކޮޅު ނަގަން ކުރަން ޖެހުނީ ހަނގުރާމައެއް ފަދަ މަސައްކަތެކެވެ. ސްޕެޝަލް ސްކޭން ހަދައިގެން ބެލި އިރު، އޭތިކޮޅު ފެންނަނީ ވަށައިގެން ދިޔައެއް ހުރި ތަނެއްގައި ދުވާ ތަނެވެ.

އޭތިކޮޅު ފުރަތަމަ އިނީ ލިވާގެ މަތީގަ އެވެ. ނަމަވެސް ފަހުން އެހެން ދިމާލެއްގައި އިނުމުން، ޑރ. ޝާފިއު ލަފާކުރެއްވީ ލިވާ އަކީ މަސްކިއުލާ އެއްޗަކަށް ވެފައި، ތިން ފަރާތަކުން ލޭ ލިބޭތީ އޭތިކޮޅު ހެޕެޓިކް ވެއިން އަކުން ލާފައި ގޮސް މައި ހޮޅިއަށް ވެއްޓުނީ ކަމަށެވެ.

"އެހާ މޮބައިލް އެއްޗެއް ވީމަ، ރޭޒާ ފުކެއް ވީމަ އޭގަ ހުރޭ ބަރުދަނަކާ، އަނެއްކާ އޮމާން އެއްޗެއް ވީމަ އެއްވެސް ތަނެއްގައި އަޅައިގަތުމެއް ނުހުންނާނެ. އެހެންވީމަ ހަމަ ފްރީލީ ގްރެވިޓީގައި ރޯލް ވާނެ. އެހެންވީމަ ސީޓީ ހެދި އިރު، އެގޮތުން ދަތިވެ. ދެން ނިންމީ އެކޯ އެއް ހަދަން،" ޑރ. ޝާފިއު ވިދާޅުވި އެވެ.

ޕްރޮސީޖާ މޮޑިފައިކޮށް އޮޕަރޭޝަން ކާމިޔާބުކުރި، ޑޮކްޓަރުން ވަރަށް ގާބިލް!

ޑރ. ނިޔާފް ވިދާޅުވީ ސިއްހީ ދާއިރާގެ ބޭފުޅުން ތަމްރީނުވަނީ ލޭ ހޮޅި ތެރޭގައި ހަރުލާފައި ހުންނަ ގަނޑު ލޭ ކޮޅު ފާޑުގެ އެއްޗެހި ނެގުމަށް ކަމަށެވެ. ނަމަވެސް މިފަހަރު ދިމާވީ ކުރިން ތައްޔާރުވެފައި ނެތް މުޅިން ތަފާތު ތަޖުރިބާއެކެވެ.

"މިފަހަރު އެކަމަށް ހާއްސަ ވެފައި ނުހުންނާނެ ކަހަލަ ސިނޭރިއޯ އަކަށް މި އާދެވުނީ. އޮމާން، ދަގަނޑު ބޯލް ބެއަރިންގ އެއް މޫވް ވަމުން ދާއިރު އޭތި ކެޗް ކުރުން،" ޑރ. ނިޔާފް ވިދާޅުވި އެވެ.

އެހާ ހިސާބުން ރާއްޖޭގައި ތިބި އެންމެ ގާބިލު އަދި ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ އަދި އެހީތެރިކަން އޭޑީކޭގެ ޓީމުން ހޯދި އެވެ. އޭޑީކޭގެ ކާޑިއޮލޮޖިސްޓުން ކަމުގައިވާ ޑރ. މުރަރީ، ޑރ. ކައުޝަލް، ޑރ. އަޝީޝް، އަދި ޑރ. ޝާފިއުގެ އިތުރުން އައިޖީއެމްއެޗްގެ ކާޑިއޮލޮޖިސްޓް ޑރ. ޝަނީޒް ވެސް އެ އޮޕަރޭޝަންގައި ބައިވެރިވެވަޑައިގަތެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --

އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑޮކްޓަރުންގެ އިލްމާއި ހިލްމު ބޭނުންކޮށްގެން، އުކުޅުވަޅުގެ ދެ ފަޅިން ކެތީޓާ ލައްވައި، މައި ވެއިން ދެކޮޅުން ބެލޫން ފޮނުވައިގެންނެވެ. ބެލން ފޮނުވައި އެ ބޯލް ބެއަރިންގެ މައްޗަށާއި ތިރިއަށް ވާގޮތަށް ފުރަތަމަ ސެކުއާ ކުރީ އެވެ. އެއަށްފަހު ބާސްކެޓެއް ވައްދައިގެން، އެ ބާސްކެޓް ތެރެއަށް ބޯލް ބެއަރިން ލާފައި މަޑުމަޑުން ދަމަމުން ދަމަމުން އުކުޅުވަޅާ ހަމައަށް ގެންދިޔައީ އެވެ. އެ ހިސާބުން އޭތި ނެގީ. އޭޑީކޭގެ ސްޕެޝަލިސްޓް ޑޮކްޓަރެވެ.

"މިކަހަލަ ކޭސް އަކީ އަޅުގަނޑުމެން ތައްޔާރުވެފަ ހުރި ކޭސް އެއް ނޫން. މީ ޓެކްސްޓް ބުކްގަ އޮންނަ ކަހަލަ ޕްރޮސީޖާއެއް ނޫން އަޅުގަނޑުމެން ހަދަން މި އުޅެނީކީއެއް. ކޮންމެ ގޮތެއް ވިޔަސް ކެތުލެބުގައި ކާޑިއޮލޮޖިސްޓުން މަސައްކަތް ކުރާނީ ސްޓެޓް އެއް ލެއްވުން ނޫނީ އެންޖިއޯޕްލާސްޓީ ނޫނީ ކެތު ސްޓަޑީއެއް ކަހަލަ ކަމެއް. މީކީ ޓެކްސްޓް ފޮތުގައި ލިޔެފަ އޮންނަ ކަހަލަ ކަންކަމެއް ނޫން. މިފަދަ ފޮރިން ބޮޑީއެއް މައި ލޭ ވަދެގެން ނެގުން،" ޑރ. ޝާފިއު ވިދާޅުވި އެވެ.

އެ ބޯލް ބެއަރިން ނުނެގުނު ނަމަ ވާނީ ކިހިނެތް؟

ޑރ. ޝާފިއު ވިދާޅުވީ އެ އެތިކޮޅު އިނީ، ހިތަށް އަނބުރާ ލޭ ގެންގޮސްދޭ މައި ހޮޅި ތެރޭގައި ކަމަށެވެ. އެހެންކަމުން އެ ރޭޒާ ފުއް ހިތަށް ގޮސްފިނަމަ، ހިތުން ލޭ ޕަމްޕު ކުރާ ވަގުތު އެ އެތިކޮޅު ވިއްސައިގެން ދާނީ ފުއްޕާމެއަށް ކަމަށެވެ. ރައީސް ނަޝީދުގެ ވައަތު ލަންގަށް އޭގެ ފުކެއް އަރައި، ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. އެހެންކަމުން އެމަނިކުފާނު ނޭވާލައްވަމުން ގެންދަވަނީ ކަނާތު ލަންގްގެ އެހީގަ އެވެ.

"މި ބޯލް ބެއަރިން މިސާލަކަށް އޭތި ކަނާތް ފަރާތު ވެންޓްރިކަލް އިން، ޕަންޕު ކޮށްލާ ގަޑީގަ އޭތި ވިއްސައިގެން ގޮސްދާނެ، 50-50 ޗާންސް، ރައިޓަށް ވެސް ގޮސްދާނެ ލެފްޓަށް ވެސް ގޮސްދާނެ. ރައިޓަށް ގޮއްސިއްޔާ، ލެފްޓް އިޒް އޯލްރެޑީ ކޮމްޕްރޮމައިޒްޑް. އެހެންވީމަ ރައިޓަށް ގޮއްސިއްޔާ ފުރާނައަށް ނުރައްކާވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

މިފަދަ ސީރިއަސް ކޭސްތަކުގައި ވެންޓިލޭޓް ކޮށް ހަދަނީ ފްލެޓް ޕޮޒިޝަނެއްގައި ބާއްވައިގެންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ކޭސްގައި ޑޮކްޓަރުންނަށް ޖެހުނީ މޮޑިފައި ކުރާށެވެ. ބޯލް ބެއަރިން މައްޗަށް އެރިޔަ ނުދިނުމަށްޓަކައި، ގްރެވިޓީ ބޭނުންކޮށްގެން އޭތި ތިރީގައި ބާއްވަން އެމަނިކުފާނު ބާއްވަން ޖެހުނީ 45 ޑިގްރީގަ އެވެ. ކެތު ލަބަށް ވައްދާފައި، ޕްރޮސީޖާ ކުރިއަށް ގެންދަން ޖެހުނީ ވެސް އެ ޕޮޒިޝަންފައި އެމަނިކުފާނު ބާއްވައިގެންނެވެ. ނަމަވެސް ކެތު ލެބުގެ މޭޒަކީ އެގޮތަށް ޑިޒައިން ކޮށްފައި ހުންނަ އެއްޗެއް ނޫނެވެ. ކެތު ލެބުގައި މީހާ ބާއްވަނީ ސީދަލަށެވެ. އެއާއެކު ދެން ވެސް ފެނިގެން ދިޔައީ ޑޮކްޓަރުންގެ ޓީމުގެ ކުޅަދާނަ ކަމެވެ.

ނިއުރޯސާޖަރީގެ ބައެއް ސާޖަރީތަކަކީ މީހާ ބައިންދައިގެން ކުރާ ސާޖަރީ އަކަށް ވާތީ، ޑރ. ނިޔާފް އާއި ޑރ. ކިރަން ވަނީ ކެތު ލެބުގެ މޭޒު މޮޑިފައިކޮށްދެއްވައިފަ އެވެ.

ގޮއްވާލި ބާރުގަދަ އައިއީޑީގެ ސަބަބުން ރައީސް ނަޝީދަށް ވަރަށް ބޮޑެތި، ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ. އެމަނިކުފާނު ސްޓޭބަލް ކުރަން ޑޮކްޓަރުންނަށް ކުރަން ޖެހުނީ ވަރަށް ބުރަ، ބޮޑު މަސައްކަތެކެވެ. އޭޑީކޭ ހޮސްޕިޓަލަށް އެމަނިކުފާނު ގެންދިޔަތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި އޮޕަރޭޝަންތައް ފެށި، 16 ގަޑިއިރު އެމަނިކުފާނު ހޭނައްތާފައި ބާއްވައިގެން އޭޑީކޭގެ ޓީމުން ކޮށްފައި ވަނީ ޝުކުރު ހައްގު މަސައްކަތެކެވެ. ކުރިން ކޮށްފައި ނެތް އެތައް ކަމެއް ދިމާވި ނަމަވެސް، ވަގުތުން ހައްލު ހޯދައިގެން އެމަނިކުފާނަށް ފަރުވާދީ، ﷲގެ ވާގިފުޅާއެކު މިހާރު ވަނީ ނުރައްކަލުން ސަލާމަތް ވެފަ އެވެ.

ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލް ކައިރިއަށް އެއްވެފައި

ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ސްޓޭބަލް ވެފައިވާއިރު، ފަރުވާ ދެމުން އަންނަނީ ސީސީޔޫގައި ބާއްވައިގެންނެވެ. ޑރ. ނަޝީދާ ވިދާޅުވީ އެމަނިކުފާނުގެ ވަރަށް ގިނަ އަދި ބޮޑެތި ސާޖަރީތަކެއް ކޮށްފައި ވާތީ، އިންފެކްޝަންގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން އަދިވެސް އެމަނިކުފާނުގެ ހާލު ވަރަށް ގާތުން އަންނަނީ ބަލަމުންނެވެ.

އެންމެ ނުރައްކާތެރި ހާލަތުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންފައި ވީނަމަވެސް، ރިކަވަރީއަށް އޮތީ ދިގު ރާސްތާ އެކެވެ. ޑޮކްޓަރުން ވިދާޅުވީ އެބޭފުޅުން ދޫނުދެއްވާނެ ކަމަށެވެ. އެމަނިކުފާނު ސީސީޔޫ އިން އެހެން ތަނަކަށް ބަދަލުކުރަން، ނުވަތަ ޑިސްޗާޖު ކުރުމުގެ ވާހަކަ ދައްކަން ފަށާނީ ވެސް، ޑޮކްޓަރުން ހިތްހަމަޖެހިވަޑައިގަންނަވާ މިންވަރަށް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވުމުންނެވެ.

އޭޑީކޭގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ފަރާތްތަކުން ވެސް ރައީސް ނަޝީދުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދެވި ގޮތް، އެމަނިކުފާނުގެ އާއިލާ އާއި ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އެ ޓީމަށް ފަށްފަށުން ޝުކުރާއި މަރުހަބާ އަންނަނީ ކިޔަމުންނެވެ. ލޯތްބާއި އިހްތިރާމް ހިފެހެއްޓުމެއް ނެތެވެ.

comment ކޮމެންޓް