އެމްއެމްޕީއާރުސީ މައްސަލަ އާއި ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ އިސްކަމެއް ދީގެން ބަލަން ނިންމައިފި

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައި ދިން ހަމަލާ ހާއްސަ އިސްކަމެއް ދީގެން މަޖިލީހުން ބަލަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއެއް މިއަދު ވަނީ ބާއްވާފަ އެވެ. އެ ކޮމިޓީއަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުންދާ ޖޮއިންޓް ކޮމިޓީ އެވެ.

އެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ރިސެސް ނިންމައި ދެން މަޖިލިސް ފަށާނީ މޭ 17 ގައި ކަމަށެވެ. އެހެން ނަމަވެސް 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ކޮމިޓީގެ މި މަސައްކަތާއި [އެމްއެމްޕީއާރުސީ މައްސަލަ]. 241 ކޮމިޓީއިން އެ ހިންގާ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހިންގާ މަސައްކަތާއި އެއީ ޕްރައޮރިޓީ މަސައްކަތް ގޮތުގައި އަޅުގަނޑު މިވަގުތު ބަލާނަމޭ. އެހެންވީމަ ވަރަށް ބޮޑަށް އެދެން މި ކޮމިޓީ ވަަރަށް އެލާޓުގައި ތިއްބެވުމަށް މިދުވަސް ވަރު،" އީވާ ވިދާޅުވި އެވެ.

އެ ދެ ކޮމިޓީގެ މެމްބަރުން ކޮންމެ ވަގުތަކުވެސް މަޖިލީހަށް ދެވޭގޮތަށް ތިއްބެވުމަށް އީވާ އެދިވަޑައިގެންނެވި އެވެ. އަދި މޭ 17 ގައި މަޖިލިސް ހުޅުވޭ ދުވަހު އެ ދެ މައްސަލާގައި ކޮންމެވެސް ކަހަލަ ރިޕޯޓެއް އެޖެންޑާ ކުރެވޭނެ ވަަރަށް މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް އީވާ އެދިވަޑައިގަތެވެ.

އީވާ މިއަދު ވަނީ 241 ކޮމިޓީއިން ވަކިވެފަ އެވެ. އޭނާ ވިދާޅުވީ ކަންދިމާކުރި ގޮތުން ތަންކޮޅެއް ބުރަވެދާނެ ކަމަށް ފެންނާތީ އެ ކޮމިޓީއިން މިވަގުތަށް ވަކިވީ ކަމަށެވެ. އީވާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ބަލަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނު އެންމެ ފަހުން ޓްވީޓް ކުރައްވާފައި ވަނީ އެމައްސަލައާ ގުޅިގެންނެވެ. ވިދާޅުވީ މަޖިލީހުން އެދުނު ގޮތަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި، މިހާރު މަގާމުތައް ފުރުއްވަމުންދާ މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެ ޓްވީޓް ކުރެއްވި ދުވަހުގެ ރޭ 8:87 ގަ އެވެ. އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެމައްސަލަ މަޖިލީހުގެ 241 ކޮމިޓީއިން ކުރިއަށް ދާއިރު ހުރިހާ ބައްދަލުވުމެއްވެސް ކުރިއަށް ގެންދަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް