މިހާރު ހުރި ހެކިތަކުން ހަމަލާ ގުޅެނީ ހަރުކަށި ފިކުރާ: ޕީޖީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިމް ޝަމީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މުސާ

މިވަގުތު ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅެނީ ހަރުކަށި ފިކުރާ ކަމަށާއި އެހެން ނަމަވެސް އެހެން އޭންގަލްތަކުން ވެސް ބަލަން އިރުޝާދު ދީފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާާ ގުޅިގެން މިއަދު ހައްޔަރު ކުރީ، މއ. ފޭރުގެ، މުޖާޒް އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީމް އަހުމަދު، 32، އެވެ. އެ ދެ މީހުންނަކީ މީހުން މެރުމަށް ފަސް ނުޖެހޭނެ ބައެއް ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ދެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފްް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ މީހުންނަކީ ހަރުކަށި ފިކުރުގެ ކޮން ޖަމާއަތަކަށް ތާއީދު ކުރާ ބައެއްކަން އަދި އެނގިފައި ނުވާ ކަމަށެވެ.

ދެއްކެވި ވާހަކަ އިތުރަށް ސާފުކޮށްދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެ މީހުންނަކީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ތާއީދު ކުރާ ބައެއް ކަމަށް ވިދާޅުނުވާ ކަމަށާއި، ވިދާޅުވީ އެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ކަމަށެވެ. އަދި ހަރުކަށި ވަނީ ކޮން ގޮތަކުންކަން އެނގޭނީ ތަހުގީގު ކުރުމުން ކަމަށް ވިދާޅުވި އެވެ.

"ތަހުގީގުން އިތުރަށް ބެލީމަ އެނގޭނީ ކޮން ދިމާލަކަށްތޯ ހަރުކަށިވެފައި ހުރީ،" ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އެހެން މައްސަލަތަކަކޭ އެއްގޮތަށް ޕީޖީ އޮފީހުން ފުލުހުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ސީދާ އޭނާ ފުލުހުންނާ ކޯޑިނޭޓު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުންގެ މަސައްކަތް ކުރިއަށްދާ ގޮތް ރަނގަޅު ކަމަށްވެސް ޕީޖީ މިއަދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުުމުގައި ދެ މީހެއްގެ ވަނަވަރު ހާމަ ކުރުމުގެ އިތުރުން، އިތުރު މީހެއްގެ ފޮޓޯ އާންމުކޮށް އެ މީހާ ހޯދަން ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. އަތަމާ ޕެލެސް ކައިރީގައި ހުރި އެ މީހާއަކީވެސް ސީދާ ހަމަލާއާ ގުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ހަމަލާގެ ވީޑިއޯ ފޫޓޭޖެއްވެސް އާންމު ކޮށްފަ އެވެ. އެ ފޫޓޭޖުން ފެންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެއިން ނިކުމެވަޑައިގެން ފައިމަގުގައި ހިންގަވައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައި ވަޑައިގަންނަވަން ދަނިކޮށް ގޮވާއެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަވީތަނާ އެ ސައިކަލު ގޮއްވާލާ ތަނެވެ.

ފުލުހުން މިއަދު ބުނީ ގޮއްވާލި ސައިކަލުގެ އިންޖީނުގެ ނަމްބަރު އޮތީ ފޮރުވަންވެގެން ކަހާލާފައި ކަމަށެވެ. ނަމަވެސް، ފުލުހުން މިހާރު އެ ނަމްބަރު ހޯދާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ ސައިކަލުގެ ވެރިފަރާތަކީ ތަހުމީން އަހުމަދު ކަމަށެވެ. އޭގެ އިތުރުން، މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށެވެ.

comment ކޮމެންޓް