ހަމަލާގައި ރައީސް ނަޝީދުގެ ހިތް ފޫނާޅާ ސަލާމަތްވީ ވަރަށް ހަނިކޮށް

ހަމަލާގައި ރައީސް ނަޝީދުގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތައް އޭޑީކޭގެ ޑޮކްޓަރުން މިއަދު ދައްކާލަނީ: އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރުގެ ސާޖަރީއެއް ކުރި --

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި، އެމަނިކުފާނުގެ ހިތަށް ރޭޒާ ފުކެއް ނާރާ ސަލާމަތް ވެފައި ވަނީ ވަރަށް ހަނިގޮތަކަށް ކަމަށް، އެމަނިކުފާނަށް ފަރުވާދެއްވި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޭޑީކޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުންގެ ޓީމުން ބުނީ، ރައީސް ނަޝީދުގެ ހަށިގަނޑަށް ވަރަށް ގިނަ އަދަދަކަށް ރޭޒާ ފުއްތައް ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގުނަވަންތައް ފޫ އަޅުވާލާފައި ފުއްތައް ނުކުމެފައިވާ ކަމަށް ވެސް ބުންޏެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މިއަދު ވަނީ އެމަނިކުފާނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އަންގައިދޭ ކުރެހުމެއް ދައްކާލައިފަ އެވެ. އެ ކުރެހުމުގައި ރަތް ކުލައިން ފާހަގަކޮށްފައި ވަނީ ބޭރުފުށުން އަނިޔާ ލިބިފައި ހުރި ތަންތަނެވެ. މަޑު ނޫކުލައިން ފާހަގަކޮށްފައި ހުރީ، ދަގަނޑު އެއްޗެހިތަކެއް ހަށިގަނޑަށް ވަދެފައިވާ ކަމަށް ސީޓީ ސްކޭން އިން ފާހަގަވި ތަންތަނެވެ. ގަދަ ނޫ ކުލައިގައި ހުރީ ހަންގަނޑު ކަފައިގެން ގޮސްފައި ހުރި ތަންތަން ބެލި އިރު، އެތެރެއަށް ވަދެފައި ހުރި ޕްލާސްޓިކް ކޮޅުތައް ނަގާފައިވާ ތަންތަނެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ރައީސް ނަޝީދުގެ ހަށިގަނޑުގެ އެތެރޭގައި ހުރި އަނިޔާތައް ފެނުނީ ލޭ މަނާކުރުމަށް ފަހު، ސީޓީ ސްކޭން ހެދުމުން ކަމަށެވެ.

ރައީސް ނަޝީދުގެ ހަށިގަނޑަށް ވަދެފައި ވަނީ އެއް ބައްޓަމަކަށް، ވައްކޮށް ހުރި ދަގަނޑު އެތިކޮޅު ތަކެކެވެ. އެމްއެންޑީއެފް އިން އިއްޔެ ބުނެފައި ވަނީ، ގޮއްވާލި އައިއީޑީގެ ތެރެއަށް ރޭޒާ ފުއްތަކެއް އަޅާފައިވާ ކަމަށެވެ.

ޑރ. ނިޔާފް ވިދާޅުވީ ފުއްޕާމޭ ތެރޭގައި އޭގެ ފުކެއް ވަދެފައި އިންކަން ސީޓީ ސްކޭން އިން ފާހަގަވި ކަމަށެވެ.

"އެއީ އެވަގުތު ފުރާނައަށް ނުރައްކާވެދާނެ އެންމެ މުހިންމު ކަން ކަމަށް ބަލައި، އެންމެ ފުރަތަމަ ފަރުވާ ފުއްޕާމެއަށް ލިބިފައި ހުރި އެ ހުރި އަނިޔާއާ ވިދިގެން ދޭންޖެހޭ ފަރުވާތަކަށް އަޅުގަނޑުމެން އިސްނެގީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ފުއްޕާމެއަށް ލިބިފައިވާ އަނިޔާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔައީ އޭޑީކޭގެ ކާޑިއޯތޮރެސިކް ސާޖަން، ޑރ. ކައުޝަލްގެ ޓީމުންނެވެ. ޑރ. ކައުޝަލް ވެސް ވިދާޅުވީ، އެމަނިކުފާނުގެ އެތެރެހަށީގައި ވަރަށް ފުން، ފުރާނައަށް ގެއްލުންވާފަދަ އަނިޔާތަކެއް ހުރި ކަމަށެވެ.

އެގޮތުން ފުއްޕާމެއަށް ދަގަނޑު އެތިކޮޅު ވަދެފައި ވަނީ، މޭކަށިގަނޑު ފުނޑުފުނޑުކޮށްލާފައި ކަމަށާއި، އެމަނިކުފާނު ހިތަށް އެތިކޮޅު އަމާޒުނުވެ އިނީ އެންމެ ސެންޓިމީޓަރަކުން ކަމަށެވެ.

"ވަރަށް ނުރައްކާތެރި އެތިކޮޅެއް އެއީ. ނަސީބު ރަނގަޅުކަމުން، އެ އެތިކޮޅު ހިތަކަށް ނާރާ. ހިތުގެ ކައިރީ އިނީ. ނަމަވެސް ހިތުގެ ވަށައިގެންވާ ޓިޝޫގަ ޖެހިފަ ހުރީ،" ޑރ. ކައުޝަލް ވިދާޅުވި އެވެ.

ޑރ. ކައުޝަލް ވިދާޅުވީ، އެމަނިކުފާނުގެ ތޮރޭސިކް ކެވިޓީގެ ތެރެއަށް ވަރަށް ބޮޑަށް ލޭ އެޅިފައި ހުރި ކަމަށެވެ. އެގޮތުން ބައި ލީޓަރު ލޭ ހުރި ކަމަށާއި، ނަމަވެސް ޑޮކްޓަރުންގެ ޓީމުން ލޭ ސާފުކޮށް، މޭކަށިގަނޑު ފުނޑުފުނޑުވެ މެޔަށް އެޅިފައި ހުރި ކުނޑިތައް ވެސް ސާފުކުރި ކަމަށެވެ.

ރައީސް ނަޝީދުގެ މެޔަށް އަރާފައިވާ ރޭޒާ ފުއް ވަދެފައިވަނީ ވައަތު ފަރާތު އަރިކައްޓާ ދިމާލުންނެވެ. އެ އެތިކޮޅު އިނީ މޭ ފޫ އަޅާފައި ނުކުމެފަ އެވެ. އެ އެތިކޮޅު މެޔަށް ވަދެ، ނުކުމެފައި އިން އެގްޒިޓް ވޫންޑް ވެސް ފެންނަން އިން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ލެފްޓް ސައިޑުގެ އަޕަ ލޯބް، ވަރަށް ބޮޑަށް ޑެމޭޖް ވެފަ ހުރީ، އެއީ އެހާ ހައި ވެލޯސިޓީ ރޭޒާ ފުކެއް ޕާސް ކުރީމަ ވާގޮތަކީ، ފުއްޕާމޭ ނޫފައިގަންނާނެ. އެހެންވީމަ އަސްލު ފަންގްޝަނަލް އަށް ވަރަށް ބޮޑަށް ދަތިކަމެއް އަންނާނެ. ސެޗުރޭޝަން އާ އެއްޗެއްސަށް ބަދަލު އަންނާނެ. ދެން އޭގެ އިތުރުން އެއް ޕްރޮޖެކްޓައިލް އިނީ ހަތަރު ވަނަ ރިބް ގަ ޖެހިފަ، ފުނޑިފަ. ރިބް އިނީ ފުނޑިފަ. އެހެންވީމަ އެ ރިބްގެ އެއް ސެންޓިމީޓަރު ތިރިޔަށް ޖެހުނު ނަމަވެސް އޭއްޗަކީ ހިތަށް އަރާނެ ކަހަލަ ވަރަށް ނުރައްކާތެރި ގޮތަކަށް އިން އެއްޗެއް. ދެން ރިބް ފުނޑިގެން ގޮސް އޭގެ ކުނޑިތަށް، ލަންގަށް ވެސް އެޅިފަ ހުރި،" އެހެން ޑޮކްޓަރަކު ވިދާޅުވި އެވެ.

ފުއްޕާމޭގެ އޮޕަރޭޝަން ނިންމުމަށްފަހު، ދެން ޑޮކްޓަރުން އިސްނެގީ ބަނޑުގެ އެތެރެއަށް ލިބިފައިވާ އަނިޔާތަކަށް އެޓެންޑު ކުރުމަށެވެ.

ޑރ. ނިޝާން ވިދާޅުވީ ސީޓީ ސްކޭނަށް އަރާ ކަހަލަ ތިން ދަގަނޑު އެތިކޮޅެއް ރައީސް ނަޝީދުގެ ބަނޑު ތެރޭގައި ހުރި ކަމަށް ފާހަގަވި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ލިބިފައި ހުރި ގެއްލުން ދެނެގަނެވޭނީ އެތެރެ ބަލައިގެން ކަމަށްވާތީ، ކެމެރާ ލައްވައިގެން އެތެރެ ބެލި އިރު، ރައީސް ނަޝީދުގެ ބަނޑުގެ މަސްގަނޑު ފޫއަޅާފައި ތަންތަނުން ގޮސްފައި ހުއްޓައި ފާހަގަވި ކަމަށް ވިދާޅުވި އެވެ.

"ދެން އޭގެ އިތުރުން ވަރަށް ބައިވަރު ލޭ ބަނޑު ތެރޭގައި ހުރިކަން. އެހެންވީމަ ބަނޑުގެ މަސްގަނޑު ފޫ އަޅާފައި ގޮސް ހުރިއްޔާ އޭގެ މާނައަކީ އެތެރޭގެ ގުނަވަންތަކަށް ވެސް ގެއްލުން ލިބިފައޭ ހުންނާނީ. ދެން ވަަގުތުން ޑިސިޝަން މޭކް ކުރީ، ބަނޑުގެ މަސްގަނޑު ހުޅުވާފަ ބަނޑު ތެރެ އެކީގަ އިވޭލުއޭޓް ކުރަން،" ޑރ. ވިދާޅުވި އެވެ.

ޑރ. ނިޝާން ވިދާޅުވީ ބަނޑު ތެރެ އިވޭލުއޭޓްކޮށް ބެލި އިރު ގާތްގަނޑަކަށް، 600 - 700 މިލިލީޓަރު ލޭ ހުރި ކަމަށެވެ. ހުރިހާ ލޭތަކެއް ބޭރުކޮށް، ބަނޑުގެ ގުނަވަންތައް ސިސްޓެމޭޓިކް ކޮށް ބަލާ ނިންމި އިރު، ފަލަ ގޮހޮރުގައި ލޯވަޅު އެޅިފައި ހުރިކަން ފާހަގަވި އެވެ.

"އިން ދެ ތަނަކުން ފޫ އަޅާފަ. އެއީ އެއްކޮޅުން ވަދެފަ އަނެއް ކޮޅުން ނުކުމެފެ. ދެން ބަނޑު. މައިދާ އޭ މި ކިޔާ ބަނޑު ފޫ އަޅާފަ އިން ކަން ފާހަގަ ކުރެވުނު. އެވެސް ހަމަ އެއް ފަރާތުން ވަދެ އަނެއް ފަރާތުން ނުކުމެފަ އިނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ބަނޑުގެ އިތުރުން ލިވާ ވެސް ފޫއަޅާފައި ވެ އެވެ. ލިވާ އަކީ ހަރު ގުނަވަނަކަށް ވުމުން، އެތެރެއްށް ވަދެފައި އިން އެތިކޮޅު ހޯދުން ފަސޭހަ ކަމަކަށް ނުވި ކަމަށާއި، ނަމަވެސް ސްކޭންކޮށް ބަލައިގެން އެ ފުއް ވެސް ނެގިކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ނިޔާފް ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު މިވަގުތު ސްޓޭބަލް ކަމަށާއި ބޮޑެތި ނުރައްކާތަކުން ސަލާމަތް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައިވުމުން އިންފެކްޝަނެއް އުފެދުމުގެ ބިރު އޮތުމާއެކު، ކުރިއަށް އޮތް ރިކަވަރީގެ މަގު އަދި ވަރަށް ދިގުކަން ޑރ. ނިޔާފް ފަހަގަކުރެއްވި އެވެ.

"ހުރިހާ ކަމެއް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ނޯމަލްވުމުން ދެން ސީސީޔޫ އިން އެހެން ތަނަކަށް ބަދަލުކޮށް، ޑިސްޗާޖް ޕްލޭން އަކަށް ވިސްނާނީ. އަދި ނެތް އެކަހަލަ އެއްވެސް ޕްލޭން އެއް،" ޑރ. ނިޔާފް ވިދާޅުވި އެވެ.

comment ކޮމެންޓް