ބޮމުގެ ރިމޯޓަށް ފިއްތާލިކަމަށް ތުހުމަތުވާ މީހާއަކީ މިއީ!

ބޮމުގެ ހަމަލާދިން ވަގުތު އެ ސަރަހައްދުން ފިލަން ދުވި ކަމަށް ތުހުމަތުވާ މީހާ، އަދި އޭނާ އަތަމާ ޕެލަސްގެ ތެރޭގައި މަޑުކޮށްލައިގެން (ވ) --

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެ ސަރަހައްދުން އެވަގުތު ޝައްކު ކުރެވޭ ފަދަ އަމަލުތަކެއް ހުރި ހަތަރު މީހަކު ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އިއްޔެ ފުލުހުން ހާމަކުރި އެވެ. އެހެން ނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެތީ، އެމީހުންނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަ އެއް ނުކުރެ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގެ އެއްވެސް ސީސީޓީވީ ފޫޓެއްޖެއްވެސް އަދި އެ ހަތަރު މީހުން ފެންނަ އެއްވެސް ފޮޓޯއެއްވެސް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާއިރު، ރެއިން ފެށިގެން އެ ހަމަލާގައި ދިނުމުގައި ބައިވެރިވާ މީހެއްގެ ފޮޓޯ ޝޯޝަލް މީޑިއާގައި ދަނީ ދަރުކުރަމުންނެވެ.

"ސަން"އަށް އެކި މަސްދަރަކުން އެނގިފައިވާ ގޮތުގައި، ދައުރުވަމުންދާ ފޮޓޯތަކުގައި ހުރި މީހަކީ ހަމަލާދިން ވަގުތު ޝައްކު ކުރެވޭ ގޮތަށް އެ ސަރަހައްދުގައު އުޅުނު ކަމަށް ފުލުހުން ބުނާ ހަތަރު މީހުންގެ ތެރެއިން އެކަކެވެ.

"ސަން"އިން އެއްކުރި މައުލޫމާތުތަކަށް އެނގޭ ގޮތުގައި އެ ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލުމަށް ރިމޯޓަށް ފިއްތި ކަމަށް ތުހުމަތު ކުރަނީވެސް އޭނާއަށެވެ. އެހެން ނަމަވެސް އެކަން ރަސްމީކޮށް އެއްވެސް އިދާރާއަކުން އަދި ކަށަވަރު ނުކޮށްދެ އެވެ.

ކަޅު ކުލައިގެ މާސްކެއް އަޅިގެން އަތް ދިގު ގަމީހެއް ލައިގެން ހުރި އެ މީހާ ފެންނަ އެއް ފޮޓޯއިން ފެންނަ ގޮތުގައި އެމީހާ ހުރީ، ރައީސް ނަޝިދުގެ ގެ ކޮޅު ހުންނަ ނީލޯފަރު ގޯޅީގެ، ކުރިމަތިން މަޖީމަގުގެ އަނެއް ފަޅީގައި ހުންނަ އަތަމާ ޕެލަސް ތެރޭގަ އެވެ.

"ސަން"އަށް ލިބުނު މާއުލޫމާތުތަކަށް އިތުރަށް ބާރު ލިބެނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ހިއްސާ ކުރެއްވި މައުލޫމާތުތަކާއި އަތަމާ ޕެލެސްގެ ފޮޓޯތަކުންނެވެ.

ބޮންޑޭ ހިއްސާ ކުރި ފޮޓޯތަކުން، ދައުރުވަމުންދާ ފޮޓޯއަކީ އަތަމާ ޕެލެސްގެ ޓައިލްސްކަން ޔަގީންވެ އެވެ.

"ރޭ އަހަރެން އަމިއްލައަށް ގޮސް ބެލި އިރު، އޭނާ ހުރީ އަތަމާ ޕެލެސްގައިކަން ކަށަވަރު. އެއީ، ދައުރުވަމުންދާ ފޮޓޯގައި އެމީހާ ހުރިތަން ހަމަ،" އާންމުންނަށްވެސް އަދި ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ އެ ސަރަހައްދުގައި ހުންނަ އަތަމާ ޕެލެސްގެ ފޯޓާތައް ހިއްސާ ކުރަމުން ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި، ދެވަނަ ފޮޓޯގައި ފެންނަނީ، އަތަމާ ޕެލެސްގައި ހުރުމަށްފަހު ބިރުން ފައިވާންވެސް އެއްލާފައިވާ ދުއްވައިގަންނަ މަންޒަރު ކަމަށެވެ.

"އަތަމާ ޕެލެސްގައި ހުރުމަށްފަހު، ބާ އިންޖީންގޭ މަގުން އަތަމާ ޕެލެސް ބިއްދޮށު މަގުން ދުއްވައިގަތީ،" ރައީސް ނަޝީދުގެ އަރިސް މެމްބަރެއްގެ ގޮތުގައި ފާހަގަވާ ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވަނީ ރައީސް ނަޝީދަށް އެފަދަ ހަމަލާއެއް ހިނގުމުން އެކަމާ ގުޅިގެން ކަމާ ބޭހޭ ފަރާތްތަކަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ، ހައި ސެކިއުރިޓީ އެމަނިކުފާނަށް ދޭ ކަމަށް އެމްއެންޑީއެފް އިން ބުނި ނަމަވެސް، އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެހެން ނޫން ނަމަ، އެވަރުގެ ކަމެއް ނުހިގާނެ،" ބޮންޑޭ ވިދާޅުވި އެވެ.

އަތަމާ ޕެލަސްތެރޭގައި މީހާ ހުއްޓިގެން ހުންނަ މަންޒަރު އަދި އަތަމާ ޕެލަސް --

އެމްއެންޑީއެފްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްފުﷲ ޝަމާލް ވިދާޅުވެފައިވަނީ، ގޮއްވާލާފައިވަނީ އަމިއްލައަށް ތައްޔާރުކޮށްފައިވާ އައިއީޑީއެއް ކަމަށެވެ. އަދި އެ ގޮވުމަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ގޮއްވާލި އެއްޗަށްވުރެ ބާރުގަދަ ގޮވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި، އެ ޑިވައިސް ތައްޔާރުކޮށްފައިވަނީ މިލިޓަރީ ގްރޭޑް ސާމާނު ބޭނުންކޮށްގެން ނޫން ކަމަށާއި އެ އައިއީޑީ ގޮއްވާލާފައި ވަނީ ދުރުގައި ހުރެގެން ރިމޯޓެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

ޝަމާލްގެ ވާހަކަތަކުންވެސް ދުރުގައި ހުރެގެން އެމީހާ އައިޑީ ގޮއްވާލި ކަމަށް ބާރުލިބިދެ އެވެ.

އެ ސަރަހައްދުން އެ ރޭ އެވަގުތު، މީހަކު ދުއްވައިގެންތަންވެސް ފެނިފައިވާ ކަމަށް އޭރު މަންޒަރުދުށް މީހުން ބުނެފައިވެ އެވެ.

އެ ހަމަލާއަކީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްކަމަށް ފުލުހުންވެސް އަދި އެމްއެންޑީއެފްއިން ވެސް ބުނެ އެވެ. ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

comment ކޮމެންޓް