ރައީސް ޔާމީން "ގޮއްވާލަން" ބުނި މީހާގެ މައްސަލަ ބަލައިދޭން އިދިކޮޅުން އެދިއްޖެ

ހަމަނުޖެހުމެއް ފުލުހުން ރޫޅާލަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ޓެރަރިސްޓް ހަމަލާއެއް ދީ ގޮއްވާލުމަށް ގޮވާލާފައިވާ މައްސަލަ ބަލައިދީ، އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

އެފަދައިން ގޮވާލާފައި ވަނީ އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކްގައި ލިޔުނު ސްޓޭޓަސް އެއްގަ އެވެ. މިފަދަ ސްޓޭޓަސް އެއް ޖަހާފައި މިވަނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ރޭގައި ދީފައި ވަނިކޮށެވެ. ރައީސް ޔާމިން މިވަގުތު ހުންނެވީ ވެސް ގޭބަންދުގަ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މިފަދަ ނުރައްކާތެރި އަމަލު ހިންގުމަށް ގޮވާލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމައު ތެރެއަށް ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިނގައިދާނެ ކަމެއް ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

"ހަމައެއާއެކު މިފަދަ ނުރައްކާތެރި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ގޮވާލާ ފަރާތްތަކުން އެކަން ކުރަނީ ކޮންމެ ފަދަ މަގުސަދެއްގައި ކަމުގައިވީ ނަމަވެސް، އެފަދަ މައްސަލަތަކަކީ ކުދި ކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެ ނަމަ، އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ލިބި އެފަދަ ނުރައްކާތެރި އަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުސަތު އިތުރުވެގެންދިއުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ." އިދިކޮޅުން ބުންޏެވެ.

އެހެންކަމުން، ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވާލަން ގޮވާލާ ފޭސްބުކްގައި ލިޔެފައިވާ ފަރާތް ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބަލައި، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ޕޮލިސްގައި އެދިފައިވާނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ. ހަމައެއާ އެކު އެމައްސަލަ ބަލާ ފިޔަވަޅުއަޅައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ މުއްސަސާތަކަށް ވެސް ވަނީ ގޮވާލައިފަ އެވެ.

"އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް ވެސް އެދެމެވެ."

އެ ސްޓޭޓަސް މިހާރު ވަނީ ޑިލީޓު ކޮށްލައިފަ އެވެ. އެމީހާ ބުނެފައި ވަނީ އެއީ އެ މާނައިގައި ލިޔުނު އެއްޗެއް ނޫން ކަމަށާއި، އެއީ "މަޒާޖީ" ގޮތަކަށް ލިޔުނު އެއްޗެއް ކަމަށެވެ.

comment ކޮމެންޓް