ނަޝީދު އިންޑިއާ އަސްކަރީ އެހީއަށް އެދުނު: އިންޑިއާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުގެ ކުރިން އިންޑިއާގެ އަސްކަރީ އެހީއަށް އެދުނު ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ އިންޑިޔަން އެކްސްޕްރެސް ނޫހުން ބުނެފި އެވެ.

މިދިއަ ބުރާސްފަތި ދުވަހު އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނަނީ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ކުރިން އިންޑިޔާގެ އަސްކަރީ އެހީއަށް އެދުނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ފަހުން ރައީސް ނަޝީދުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް ކަމަށެވެ. އޭނާ އެހީ އަށް އެދިވަޑައިގަތީ ވަރަށް ހާސްވެ ހުންނަވައިގެން ކަމަށެވެ.

ނަޝީދުގެ އެޑުވައިޒަރު ޕޯލް ރޮބަޓްސްއާ ހަވާލާދީ އެ ނޫހުގައި ބުނަނީ އަމީން ފައިސަލް އާއި އެހެނިހެން އިސް ބޭފުޅުން ރައީސް އޮފީހުގައި ތިއްބަވައިގެން އަންގާރަ ދުވަހުގެ 11:00 ޖެހިއިރު އަސްކަރީ އެހީއަށް އެދި ވެރިރަށް ނިއުދިއްލީއަށް ގުޅަމުން ގެންދެވި ކަމަށެވެ. އިސްލާމްވެފައިވާ ކަމަށް ބުނާ، އަދި އޭގެ ފަހުން ޖަދީދު ދޮންމަނިކަށް ނަން ބަދަލުކޮށްފައިވާ ކަމަށް ވެސް ބުނާ ޕޯލް ރޮބާޓްސްއަކީ އެވަގުތު ރައީސް އޮފީހުގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް އެ ހަބަރުގައި ވެއެވެ.

ނޫހުގައި ބުނަނީ މިދިޔަ އަންގާރަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުގެ ބިޔަ އެއްވުމުގެ ތެރެއަށް އިންޑިއާއިން ނުވަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލަ ދިމާވާއިރު ރާއްޖެއަށް މެދުވެރިވި ކަހަލަ ހާލަތެއް އަންގާރަ ދުވަހު ރާއްޖެއަށް ދިމާވެފައި ނުވާތީ ކަމަށެވެ. އަދި އެ މައްސަލަ އަމިއްލައަށް ރާއްޖެއަށް ހައްލު ކުރެވޭނެތީ ކަމަށެވެ.

އަދި ބުނެފައި ވަނީ އެދުވަހު ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން މެދުވެރިކޮށް ދެފަރާތުގެ ހަމަނުޖެހުންތައް ބަލަމުން ދިޔަ ކަމަށާއި އިންޑިއާއިން މަސައްކަތްކުރީ ރާއްޖޭގެ ސުލްހަ މަސަލަސް ކަމަށް ކަމަށެވެ.

"އެ މައްސަލަ އޮތީ އެއިރެއްގެ ސިޔާސީ މަޝްރަހަށާއި ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ބުރަވެފައި. އެ މައްސަލައަށް ވަނުމުގެ އެއްވެސް ފުރުސަތެއް ނެތް" އެ ހަބަރުގައި ބުނެފައި ވެއެވެ.
އެ ނޫހުގައި އަދި ބުނެފައި ވަނީ ދެ ގައުމުގެ ކުރިއެރުމާއި ރައްކާތެރިކަމަށް ޓަކައި އިންޑިއާއިން ރާއްޖޭގެ އާ ސަރުކާރާ އެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށާއި އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ކުރިއަށްދާނެ ކަމަށް އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް ފޮނުއްވި ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާގައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެދިވަޑައިގަތުމަށް އިންޑިޔާގެ އަސްކަރީ އެހީ ރާއްޖެއަށްދިނެވެ. އަދި އެ ހާދިސާގެ ހުރިހާ ކަމެއް ނިމެންދެން އިންޑިޔާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިއްބެވެ. އަދި މިދިއަ އަންގާރަ ދުވަހުގެ ހާދިސާގައި އިންޑިޔާގެ އަސްކަރީ އެހީއަށް އެދުނު ރައީސް ނަޝީދުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކީ އެ ހާދިސާއާ ގުޅިގެން އޭރުގެ ސަރުކާރުން އަދަބު ދެއްވާފައިވާ ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު