ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ދަތިވާތީ ނީލޯފަަރު ހިނގުމުގައި ޕާކުނުކުރެވޭ ގޮތް ހަދަން އެމްއެންޑީއެފުން އެދިފައިވޭ

މޭ 6، 2021: ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގޭކައިރީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ހުންނަ، ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކު ނުކުރެވޭ ގޮތް ހަދައި ދިނުމަށް އެމްއެންޑީފުން އެދިފައިވާކަން ހާމަވެއްޖެ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ރޭ 8:30 އެހާއިރު ނުކުމެވަޑައިގެން އެމަނިކުފާނުގެ ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޒަހަމްތަކާ ގުޅިގެން އޮޕަރޭޝަނެއް ކުރުމަށް ފަހު މިވަގުތު އޮންނެވީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

މިދިއަ މާޗު މަހުގެ 23 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކު ކުރާތީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ދަތިވާ ކަމަށް އެމްއެންޑީއެފުން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

"ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގަކީ ހަނި ގޯޅިއަކަށް ވެފައި އަދި އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާއި ކުރިމަތިވާކަަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ މި އިދާރާއަށް އަންގަވާފަ އެވެ." ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި ބުނެފައިވަނީ އެހެންވެ އެމަގަކީ ސައިކަލު ޕާކު ނުކުރެވޭ މަގަކަށް ހެދުމަށް އެމްއެންޑީއެފުން އެދޭ ކަމަށެވެ.

އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ޕާކު ކުރުމަށް ބިއްލޫރިޖެހިގެއިން ޕާކިންގް ޒޯންއެއް ހަދަން ފެންނަ ކަމަށާއި އެހެންވެ އެކަމުގެ ހުއްދަ ދެއްވުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. އެ ސިޓީ ފޮނުވާފައި ވަނީ އަވަސް ސިޓީއެއްގެ ގޮތުގަ އެވެ.

ރައީސް ނަޝީދުގެ ބޮލާއި މޭ އަދި ބަނޑުވެސް ހިމެނޭ ގޮތަށް ގިނަ ސާޖަރީތަކެއް އޭޑީކޭއިން ވަނީ ހަދާފަ އެވެ. ސާޖަރީ ހަދާފައި ވަނީ ރޭ ދިން ހަމަލާގައި ގޮވި އެތިން ބުރައިގެން ދިޔަ އެތި ކޮޅު ކޮޅު އެމަނިކުފާނުގެ ހަށިގަނޑުގެ ތެރެއަށް ވަނުމުން އެތަކެތި ނެގުމަށެވެ. އޭޑީކޭއިން ބުނެފައިވަނީ ހުރިހާ ސާޖަރީއެއްވެސް ކާމިޔާބު ކަމަށެވެ.

ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ޝައްކު ކުރެޥޭ ހަތަރު މީހަކު އައިޑެންޓިފައި ކުރެވިފައި ވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލާފައިވަނީ ނީލޯފަރި ހިނގުމުން މަޖީދީމަގަށް ނުކުންނަ ކަންމަތީގައި ހުރި ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެން ކަމަށް ލަފާކުރެވެ އެވެ.

comment ކޮމެންޓް