މަޖިލީހުގެ ރައީސަށް މަސައްކަތާއި ހަވާލުވެވެންދެން ހިތްވާރާއެކު މަސައްކަތް ކުރިއަށް ގެންދާނަން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ — ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ މަސައްކަތްތަކާ ހަވާލުވެ ވަޑައިގެންނެވެން ދެން މަޖިލީހުގެ މަސައްކަތްތައް ހިތްވަރާއެކު ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު ގެކޮޅު ކައިރިން ރޭ ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާއެއްގައި ލިބުނު ޒަހައްމަތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މިވަގުތު އެމަނިކުފާނު އޮންނެވީ އޭޑީކޭގެ އައިސީޔޫގަ އެވެ.

ރޭ ފެށި މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަވަމުން އީވާ ވިދާޅުވީ ރެއިން ފެށިގެން މިއަދު މެންދުރާ ހަމައަށް ރައީސް ނަޝީދުގެ ގިނަ ސާޖަރީތަކެއް ހެދިފައިވާ ކަމަށެވެ. އަދި މިހާރު އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

"ދެން އޮތީ ލިބިވަޑައިގެންނެވި ގިނަ ގުނަ އަނިޔާތަކުން އެމަނިކުފާނު ފަސޭހަފުޅު ވުމުގެ މަރުހަލާ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވި ބުރަ އިހުލާސްތެރި މަސައްކަތް މަޖިލީހުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

"އެމަނިކުފާނަށް އަލުން އަނބުރާ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވެންދެން އަޅުގަނޑު ހަމަ ގައިމުވެސް އަޅުގަނޑުގެ ހުރި ހިއްވަރަކާއެކު އެމަސައްކަތް ކުރިއަށް ގެންދާނަން. އަދި އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން ތިނަ އިއްޒަތްތެރި މެމްބަރުންވެސް އެމަސައްކަތް ކުރިއަށް ގެންގޮސް ދެއްވާނެކަން ދިވެހި ރައްޔިތުންގެ ނަމުގައި." އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބޮލާއި މޭ އަދި ބަނޑުވެސް ހިމެނޭ ގޮތަށް ގިނަ ސާޖަރީތަކެއް އޭޑީކޭއިން ވަނީ ހަދާފަ އެވެ. ސާޖަރީ ހަދާފައި ވަނީ ރޭ ދިން ހަމަލާގައި ގޮވި އެތިން ބުރައިގެން ދިޔަ އެތި ކޮޅު ކޮޅު އެމަނިކުފާނުގެ ހަށިގަނޑުގެ ތެރެއަށް ވަނުމުން އެތަކި ނެގުމަށެވެ. އޭޑީކޭއިން ބުނެފައިވަނީ ހުރިހާ ސާޖަރީއެއްވެސް ކާމިޔާބު ކަމަށެވެ.

ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން އެ ހަމަލާ ދިނުމުގައި ބައިވިރި ކަމަށް ޝައްކު ކުރެޥޭ ހަތަރު މީހަކު އައިޑެންޓިފައި ކުރެވިފައި ވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް