ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފި

ބަޔަކު ފުރަން ތައްޔާރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދު ކަރަންޓީނުގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިވަގުތުން ފެށިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި އެއްޗެއް އަންގަވަންދެން ދަތުރުފަތުރާ ގުޅިގެން ކުރާ ކަރަންޓީނު 14 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މާލެ އާއި ރާއްޖޭގެ އިތުރު ސަރަހައްދު ތަކުގައި ކޮވިޑް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މި ފާއިތުވި ދެ ދުވަހު ވަނީ އިތުރުވެފައެވެ. އިއްޔެ ރާއްޖެއިން ހަ މީހަކު މަރުވި އިރު މިއަދު ވަނީ ދެ މީހަކު މަރުވެފައެވެ، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު 700 އިން މައްޗަށް އަރާފައިވާއިރު މާލޭގެ އިތުރުން ބަލި ބޮޑަށް ފެތުރޭ ރަށްރަށުގައި ކާފިއު އިއުލާނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުުރު ނުކުރެވޭނެހެން އުސޫލަށް ބަދަލު ގެނެސްފައިވާއިރު، މާލޭގައި ރޭގަނޑު 9:00 އިން ފަތުހު 4:00 ކާފިއު އިއުލާނުކޮށް ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގެއިން މަސައްކަތް ކުރަން ވަނީ އަންގައިފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ މިހާރު 33،368 އަށް އަރާފައިވާއިރު ބަލިން ފަސޭހަވީ ޖުމްލަ 25،675 މީހުންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދާ 7.607 މީހުންް އެބަތިއްބެވެ. އޭގެ ތެރެއިން 203 މީހަކު ތިބީ ހޮސްޕިޓަލުތަކުގައެވެ. ބަލީގައި 82 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް