އައްޑޫ، ފުވައްމުލަކުގައި ކާފިއު އިއުލާންކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

އައްޑޫ ލިންކް ރޯޑްގައި މީހަކު ހުރަސް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އައްޑޫ އަދި ފުވައްމުލަށް ސިޓީގައި ކާފިއު އިއުލާންކޮށް ހަތް ދުވަހުގެ މުއްދަތަކަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބުބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އައްޑޫ އަދި ފުވައްމުލަށް ސިޓީގައި ރޭގަނޑު 9:00 އިން ފަތިހު 4:00އާ ހަމައަށް ކާފިއު އިއުލާންކުރާ ކަމަށެވެ.

އޭގެ އިތުރުންވެސް ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވައި، އެއް ގެއިން އަނެއް ގެއަށް ދިޔުންވެސް ވަނީ މަނާކޮށްފަ އެވެ. ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަނެއް އަވަށަށް ދަތުރުކުރުންވެސް މި އިއުލާންގެ ދަށުން މަނާކުރިއިރު އެ ސިޓީގައިވެސް އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.

އިތުރު ފިޔަވަޅުތައް:

  • ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އެތެރޭގައި ދޭ ހިދުމަތްތައް ދިނުން ހުއްޓާލައި، ޓޭކްއަވޭ އަދި ޑެލިވަރީ ހިދުމަތްތައް ފޯރުކޮށްދިނުން.
  • ސެލޫންތަކާއި، ޖިމް އަދި ބޯކޮށާ ތަންތަން ބަންދު ކުރުން.
  • އެއްފަހަރާ ތިން މިހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއް ނުވުން.
  • ހުރިހާ ކުޅިވަރު ހަރަކާތެއް އަދި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުން.
  • ޓެކްސީ ހިދުމަތްތަކާއި ފިހާރަފަދަ ތަންތަނުގައިވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ހިދުމަތް ދިނުން.
  • ޔުނިވާސިޓީ އަދި ކޮލެޖްތައް އޮންލައިންކޮށް ކިޔެވުން ކުރިޔަށް ގެންދިޔުން.

އެޗްޕީއޭއިން ކުރި އިއުލާނުގައި ވަނީ ކާފިއު ގަޑީގައި އެމަޖެންސީ ސިއްހީ ހިދުމަތް ހޯދަން ޖެހޭ ފަރާތްތައް، ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތައް، ސިޓީގެ ޓާސްކްފޯހުގެ ހުއްދަ ލިބިފައިވާ ފަރާތްތައް، ސިއްހީ ހިދުމަތްތެރިން އަދި ސިފައިންނާއި ފުލުހުން އިސްތިސްނާ ވާނޭކަމަށް ބުނެފަ އެވެ.

މި ފިޔަވަޅުތައް އެޗްޕީއޭއިން އަޅާފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

އައްޑޫ އަދި ފުވައްމުލަށް ސިޓީގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން ނިންމާފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ކޭސްތައް ފެންނަ އަދަދު އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ދެ ދުވަހެއް ތެރޭ އެކަނިވެސް ރާއްޖެއިން ވަނީ 1،400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފަ އެވެ.

comment ކޮމެންޓް