ރޭގެ ހަމަލާއާ ގުޅިގެން ފުލުހުންގެ ޕްރެސްއެއް 2:00ގައި

މޭ 6، 2021: ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ފިޔަވަޅު ސިފައިން ވަރުގަދަކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ޕްރެސް އެއް މިއަދު މެންދުރު 2:00 ގައި ބާއްވަން ނިންމައިފި އެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ އެލާޓް ލެވެލް ތިނަކަށް މަތިކޮށްފައެވެ. އަދި ބޮޑު އިސްކަމެއް ދީގެން ހާދިސާގެ ތަހުގީގު ފަށާފައިވާކަމަށްވެސް ރޭ ފުލުހުން ބުންޏެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭގޮތުން މާބޮޑު ތަފްސީލެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރޭގެ ހާދިސާ ހިނގާފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ސަރަހައްދު ކައިރީ އެވެ. އެ ހާދިސާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބިވަޑައިގެންނެވިއިރު މިހާރުވެސް ގެންދަވަނީ އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ރޭގެ ހާދިސާ ތަހުގީގު ކުރުމަށް އޮސްޓްރޭލިއާގެ ފެޑަރަލް ފުލުހުންގެ ޓީމެއް މާދަމާ ރާއްޖެ އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެ ހާދިސާ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުގެ ވެރިންގެ އިތުރުން ޑިޕްލޮމެޓުން ފެންވަރުގެ ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދަށް އަވަސް ޝިފާ އެއް ދެއްވުމަށް އެދި މެސެޖުތައް ފޮނުއްވަމުންނެވެ.

comment ކޮމެންޓް