ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމެއް ރާއްޖެ އަންނަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ފުލުހުންގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ނީލޯފަރު ހިނގުމުން އެމަނިކުފާނު މިރޭ ކާރަށް އަރައި ވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަކުގައި އަންނަނީ ފަރުވާދެމުންނެވެ.

އެކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ދިފާއީ ބާރުތަކުން އެމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. އެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިގޮތުން އޮސްޓްރޭލިއަން ފެޑްރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މިހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމައި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅުގަނޑު މިހާރު އަންގައިފިން." ރައީސް ސޯލިހު ވިދާޅުވި އެވެ.

މިރޭ މާލޭގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަން ރައީސް ސޯލިހުވެސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ ޑިމޮކްރެސީ އަށާއި އިގްތިސާދަށްވެސް ދިން ހަމަލާއެއް ކަމަށެވެ.

"މިރޭ މާލޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މިހަމަލާގައި. އެމަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލަށް ރައީސް ނަޝީދު ގެންދެވި ދަނީ ފަރުވާދެމުން ކަމަށެވެ. އެންމެ ފަހުން ޑޮކްޓަރުން މައުލޫމާތު ދިން ގޮތުން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް ފަރުވާދިނުމަށްޓަކައި އިތުރު އޮޕަރޭޝަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިރޭ ދިންފަދަ ހަމަލާތަކަށް ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ކަށަވަރު ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

comment ކޮމެންޓް