އަމިއްލަ އޮފީސްތަކަށް ވެސް މުވައްޒަފުން ނުނެރެން އެޗްޕީއޭއިން އަންގައިފި

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެ މަސައްކަތްކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފައި ވަނީ މާލެއާއި ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން ކުރާނީ ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް އެކަނި ކަމަށެވެ.

އެ ނޫން މަސައްކަތްތައް ގޭގައި ތިބެގެންކުރުމަށާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށްގެ ބޭއްވުމަށް ވަނީ އަންގައިފަ އެވެ.

ކޮވިޑް ކޭސްތައް ގިނަވަމުންދާތީވެ، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން މިރެއިން ފެށީގެން، ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ވަނީ އިއުލާންކޮށްފަ އެވެ. އަދި ޒަރޫޒީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް އޮތީ މަނާކޮށްފަ އެވެ.

ރާއްޖެއިން މިއަދު 703 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން 526 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 167 މީހުން ހިމެނެ އެވެ.

އެކްޓިވް ކޭސްތައް 7،607އަށް އަރާފައިވާއިރު، އޭގެ ތެރެއިން 203 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

comment ކޮމެންޓް