ރާއްޖެ ދަތުރު ނުކުރުމަށް އެމެރިކާއިން އިލްތިމާސްކޮށްފި

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ހާލަތު މިވަގުތު ރާއްޖޭގައި ގޮސްވެފައި ވާތީ ރާއްޖެއަށް ދަތުރު ނުކުރުމަށް އެމެރިކާގެ ސެންޓަފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އިލްތިމާސްކޮށް އެޑްވައިޒަރީ ނެރެފި އެވެ.

ސީޑީސީއިން މިއަދު ރާއްޖެއަށް ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ ރާއްޖެ އޮތީ ކޮވިޑުގެ ހާލަތު އެންމެ ގޯސް، ލެވަލް ހަތަރެއްގައި ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެއްވެސް ކަހަލަ ދަތުރެއް މިވަގުތު ނުކުރުމަށް އިރުޝާދު ދެމުން ސީޑީސީގެ އެޑްވައިޒަރީގައި ބުނެފައި ވަނީ ކޮވިޑުގެ އާ ވޭރިއަންޓްތައް ފެތުރެމުން ދާތީ ވެކްސިން އެކީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެސް ރާއްޖެއިން ކޮވިޑު ޖެހުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.

ރާއްޖެއަށް ކޮންމެހެން ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް ދަތުރު ކުރަން ވާނީ ވެކްސިން އެކީ ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމަށް ވެސް ސިޑީސީއިން ބުންޏެވެ. އަދި އެފަދަ ފަރާތްތަކުން ވެސް ރާއްޖޭގައި އުޅޭ މުއްދަތުގައި މާސްކު އެޅުމާއި ގައިދުރުކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.

މީގެ ކުރިން ސީޑީސީއިން ރާއްޖެ ލާފައި އޮތީ ލޯ ރިސްކު ގައުމުތަކުގެ ކެޓަގަރީއަށެވެ.

އެމެރިކާއަކީ ހަތަރު ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ގައުމެވެ.

މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރި އިއްޔެ އެކަނި 734 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑް ޖެހިފައިވާ 7،109 މީހަކު ރާއްޖޭގައި މިވަގުތު ތިބި އިރު 198 މީހަކަށް އެޑްމިޓްކޮށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެއާ އެކު ބަލި ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި ޖިމްތަކާއި، ސެލޫންތައް އަދި ސިނަމާތަކާއި ޕާކްތައް އަދި ކުޅިވަރު މައިޒާންތައް ވަނީ ބަންދުކޮށްފަ އެވެ.

މިއަދު އެކަނިވެސް ކޮވިޑުގައި ތިން މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ. އޭގެ ތެރެއިން އެކަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އއ. ރަސްދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިންޑިއާ ޓޫރިސްޓެކެވެ.

comment ކޮމެންޓް