ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި، މިހާރު މަގާމުތައް ފުރުއްވަމުންދާ މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މިދިޔަ މާޗު މަހު 21ގައި ރިޔާސަތަށް ފޮނުވި ސިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެދިވައިޑައިގެންފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެކި އެކި މުއައްސަސާތަކުގައި ކުރީގައި އަދި މިހާރުގައި ވެސް ހިމެނޭ ބައެއް ފަރާތްތަކަށް ތުހުމަތުވާކަމަށް ދައުލަތުން ބުނެފައިފައިވާތީ، އެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެކަމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތް، ކަމާ ގުޅުންހުރި މުއައްސަސާތަކުން ސާފުކުރުމަށެވެ.

ނަމަވެސް ހަސަން ލަތީފު އެދިވަޑައިގެންނެވި ގޮތަށް އެކަން މަޖިލީހުގެ ކޮމިޓީއިން ކޮށްނުދިމުން ސީދާ ރިޔާސަތުން ވަނީ އެ މައުލުމާތު ހޯދަން އިދާރާތަކުގައި އެދިފަ އެވެ.

މިއަދު މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށާއި، އެ ތަހުގީގު ކުރިއަށް ނުދާ ސަބަބު ބެލުމަށް މަޖިލީހަހުގެ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އެސެޓް ރިކަވަރީ ކޮމިޝަނަށާއި، އޭސީސީއަށާއި، ފުލުހުންނަށާއި، ޕީޖީ އޮފީހަށް އެދުމުން އެ ހުރިހާ އިދާރާތަކުންވެސް ސުންގަޑި ތެރޭގައި މައުލޫމާތު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މަޖިލީހުން ބުނީ، އެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަ އާއި، ޝަރުއީ ދާއިރާގަ އާއި، މިނިވަން މުއައްސަސާތަކުގައި ކުރިން މަސައްކަތްކޮށްފައިވާ އަދި މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ކުރި އާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި، ސްޓޭޓް މިނިސްޓަރު ކަމާއި މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުން މަންފާ ލިބުނުކަމުގެ ތުހުމަތު ކުރީ ސަރުކާރާއި މިއަދުގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ވެސް ކުރެވެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި 300 އެއްހާ މީހުން ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ. ނަމަވެސް އެ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް