އެމްޑީޕީ ޕީޖީން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ނަޝީދު ހުށަހަޅުއްވައިފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ބޭރުގެ މާހިރުން ބައިވެރިކޮށްގެން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބަލައި ތަހުގީގެއް ހިންގުމަށް އެދިވަޑައިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

އެ ގަރާރު ހުށަހެޅުއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު މިއަދު އެމްޑީޕީގެ އޮފީހުގައި ޒޫމް މެދުވެރިކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބެލުމުގެ ބާރު އެމްޑީޕީ ޕީޖީއަށް ދިނުމަށް އެމަނިކުފާނު ހުށަހަޅުއްވަނީ މިހާތަނަށް އެ މައްސަލަ ބެލުމުގައި މާ ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ނުވާތީ ބޭރުގެ މާހިރުންގެ އެހީގައި އެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް މަޖިލީހުގެ ތެރެއިން ތަހުގީގެއް ހިންގޭނެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

"އަޅުގަނޑު މި އެދެނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ވައްކަން ބަލަން އެކަން ކުރަން ތާއީދުކޮށްދެއްވުމަށް،" މިއަދުގެ ޕްރެސްގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނީ 10 މެންބަރުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތައް ބޭރުގެ ފޮރެންސިކް އެކައުންޓިން ފާމަކާ މީގެ ކުރިން ހިއްސާކުރެއްވުމުން އެބޭފުޅުން އެ މައުލޫމާތުތައް ބެއްލެވި ކަމަށެވެ. އަދި އެ ތަހުގީގު ހިންގޭނީ ރަސްމީކޮށް ދައުލަތުގެ އިދާރާއަކުން އެދިގެން ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފޮރެންސިކް އެކައުންޓިން ފާމުން ކުރާނެ މަސައްކަތަކީ އެމްއެމްޕީއާރުސީގެ ފައިސާއިން އުފެދިފައިވާ އެސެޓްތައް ހޯދާ ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ފައިސާ ދައުލަތަށް ހޯދުމަށް މަދަނީ މައްސަލަތައް ކުރިއަށް ގެންދެވޭ ހިސާބަށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އަދި ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލަ ސީދާ ބެލުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެހެން ކަމުން އެ މައްސަލަ އެމްޑީޕީއަށް އޮއްބާ ނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީއަށް ވޯޓު ލިބެނީ ވެސް އެ ވައްކަން ބަލާނެ ކަމަށް ވައުދުވެ ވާހަކަ ދައްކާތީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެ ވައުދު ފުއްދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ ޕްރެސްގައި ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުވާ މީހުންނަށް ވޯޓު ނުދިނުމަށް އެމްޑީޕީގެ އާންމު މެންބަރުންނަށް ގޮވާލައްވައިފަ އެވެ.

"މި ޕާޓީއަކީ އަބަދުވެސް ވައްކަމާއި ފަސާދަ އާއި މަކަރުވެރިކަމާ ދެކޮޅު ޕާޓީއެއް. އެފަދަ ބޭފުޅުންނަށް ފުރުސަތު ނުދިނުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އަޅުގަނޑު އެދެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު