ޖިންސީ ކުށުގެ ތުހުމަތުވާ ގައްދޫގެ އިންތިހާބީ ރައީސް އަލުން ހައްޔަރުކުރަން ޕީޖީން ކޯޓަށް

ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބު ކުރި ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) --

ޖަލުގައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަަލައެއްގައި ދައުުވާ އުފުލާވައިފާ އެމްޑީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މި މަހުގެ ތިން ވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އޭނާ ދޫކޮށްލަން ނިންމާފަ އެވެ.

މިއަދު ޕީޖީ އޮފީހުން ބުނީ، ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، އޭނާ އިންތިހާބުވުމަކީ އޭނާގެ ފަރާތުން ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

"މިބާވަތުގެ މައްސަލަތަކުގައި ދައުވާލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކެން. އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ،" ޕީޖީ އޮފީހުން ބުންޏެވެ.

އެމްޑީގެ މައްޗަށް ކުރެވެނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތެވެ.

އައޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.

އޭނާ ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. އޭނާ އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް 21 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ލިބުނީ އޭނާގެ މައްސަލަތައް ނިންމައި ހުކުމެއް ކޮށްފައި ނެތުމުންނެވެ.

comment ކޮމެންޓް