ވިކްޓިމްގެ ހައްގުތައް ބެލެންސްކޮށް، އަލީގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދީ: ދައުލަތް

މާޗް 8، 2020: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ފަރާތްތަކުގެ ހައްގުތައްވެސް ނުގެއްލޭ ގޮތަށް ބެލެންސްކޮށްގެން މައްސަލަ ނިންމައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ކުރި ހަތް ދައުވާއާ ހެދި އަލީ ވަހީދުގެ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި އެ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

އެ މައްސަލައިގައި ކުރި އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ ހާޒިރު ކުރަން އެ ކޯޓުން މަސައްކަތް ކުރުމުންވެސް އޭނާ ހާޒިރުވެފައި ނުވާތީ އޭނާގެ ޣައިރުހާޒިރުގައި މިއަދު ދައުލަތާއެކު ކޯޓުން ވަނީ އިޖުރާއީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމަކީ ދައުލަތުން އިސްތިއުނާފު ކުރަން އެދޭ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި އިރު ކްރިމިނަލް ކޯޓުން އަމަލުކޮށްފައި ވަނީ އެހެން މައްސަލަތަކުގައި އަމަލު ނުކުރާ ގޮތަކަށް ކަމަށެވެ.

އެގޮތުން ކޯޓުގެ އަމިއްލަ އިސްނެގުމަށް އަލީ ވަހީދުގެ ސިއްހީ ހާލަތު ދެނެގަތުމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ހަބީރެއްގެ ގޮތުގައި ކޯޓަށް ހާޒިރު ކުރިކަން ދައުލަތުން ފާހަގަ ކުރި އެވެ.

އަލީ ވަހީދުގެ ސިއްހީ ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރަށް ދާން ޖެހޭ ކަމަށް ޑރ. ޝާން ވިދާޅުވި އިރު، އޭނާ ރިއާއަތް ކުރެއްވި ލިޔުންތައް އަދި އަދަށްދާންދެން ދައުލަތަށް ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލާނީ ހަތަރު މަހަށް ކަމަށް މައްސަލަ ނިންމެވި ގާޒީ ހަސަން ސައީދު ވިދާޅުވި ނަމަވެސް އަމުރުގައި ވަކި މުއްދަތެއް ޖަހާފައި ނެތްކަން ދައުލަތުން ފާހަގަ ކުރި އެވެ. އަދި ހަތަރު މަހަށް ކަމަށް ޖަހާފައި އޮތީ ހަމައެކަނި އަލީ ވަހީދަށް ޖާމިނުވި، އައްސަދު އަލީގެ ލިޔުންތަކުގައި ކަމަށް ދައުލަތުން ބުނެފައިވެ އެވ.

ދައުލަތުން މިއަދުވެސް އެދުނީ ޣައިރުހާޒިރުގައި ގެންދަން

ހައިކޯޓުގައިވެސް އެދުނު ގޮތަށް ދައުލަތުން މިއަދުވެސް އެދުނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދާށެވެ.

ޣައިރުހާޒިރުގައި ޝަރީއަތް ނުހިންގުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގަކަށްވާއިރު، އަދި ޖިނާއީ މައްސަލަތަކުގައި ޣައިރުހާޒިރުގައި ޝަރީއަތް ނުހިންގޭނެ ކަމަށް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެެކަމާ ބެހޭގޮތުން މިއަދު ފަނޑިޔާރުންގެ ސުވާލުތައް ދައުލަތަށް އަމާޒުވި އެވެ.

އެއީ ކުރެވިދާނެ ކަމެއްތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ބައެއް ހައްގުތަކަކީ މީހާއަށް ފުރިހަމަކޮށްދޭން ޖެހޭ ހައްގުތައް ކަމަށާއި އަނެއްބައި ހައްގުތަކަކީ އަމިއްލައަށް ލިބިގަންނަން ޖެހޭ ހައްގުތައް ކަމަށެވެ.

ޣައިރުހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްގަކީވެސް އަމިއްލައަށް ލިބިގަންނަން ޖެހޭ ހައްގެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އަލީ ވަހީދަށް އޭނާގެ ޝަރީއަތަށް ހާޒިރުވާން ޖެހޭކަން އާންމުކޮށް، އެނގެން އޮއްވަައި އޭނާ ހާޒިރު ނުވުމަކީ އެ ހައްގު އަމިއްލައަށް ދޫކޮށްލުން ކަމަށް ބުންޏެވެ.

ވަކީލަކު އައްޔަން ކުރުމަކީވެސް އަމިއްލައަށް ލިބިގަނެވޭނެ ހައްގެއް ކަމަށް ބުނެ ދައުލަތުން މިސާލެއް ދެއްކި އެވެ.

އޭގެ އިތުރުން، ޕާސްޕޯޓުގެ މައްސަލައަކީ އަލީ ވަހީދަށް ކުރާ ދައުވާތަކުގެ މައުޟޫއާ ގުޅޭ ކަމަކަށް ނުވާތީ ޣައިރުހާޒިރުގައި މައްސަލަ ނިންމޭނެ ގޮތެއް ހަމަޖައްސައިދޭން ދައުލަތުން އެދުނެވެ.

ވިކްޓިމުންގެ ހައްގުތައްވެސް ފާހަގަކުރި

އެ މައްސަލައިގައި "ވިކްޓިމައިޒް"ވި ފަރާތްތަކުގެ ހައްގުތައްވެސް ހުރިކަން ދައުލަތުން ފާހަގަ ކުރި އެވެ. އަދުލު އިންސާފު ލިބުުމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަން ފާހަގަކުރި އެވެ. މައްސަލަ ލަސްވާ ކޮންމެ ދުވަހަކީ އަނިޔާ ލިބުނު މީހުން އިތުރަށް ވިކްޓިމައިޒްވެ އެ މީހުންގެ ހައްގުތައްވެސް ގެއްލޭނެ ނުވަހެއް ދުވަހެއް ކަމަށް ބުންޏެވެ.

ޣައިރުހާޒިރުގައި ޝަރީއަތް ނުހިންގުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގަަކަށްވާއިރު، އެ ހައްގު ކޯޓުތަކަށް ހަނިކުރެވިދާނެތޯ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު މިއަދު ސުވާލު ކުރެއްވި އެވެ. އަދި އެއީ ގާނޫނުތަކާއި ގަވައިދުތަކުން ކުރަން ޖެހޭ ކަމެއް ނޫންތޯ އެއްސެވި އެވެ. އަދި އެކަންކޮށްފި ނަމަ އޭގެ ނަހަމަ ބޭނުން ހިފިދާނެ ނޫންތޯވެސް ސުވާލުކުރެއްވި އެވެ.

ދައުލަތުން ބުނީ ބޭނުންވަނީ ހައްގުތައް ހަނި ކުރަން ނޫން ކަމަށެވެ. އަދި އެންމެންގެ ހައްގުތައްވެސް ކަށަވަރުވާ ގޮތަކަށް ނިންމެވުމަށް އެދުނެވެ. އޭނާއަށް ލިބެންވާ ހައްގެއްގެ ސަބަބުން އެހެން އެންމެންގެ ހައްގު ގެއްލިގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

ހާއްސަ ހާލަތްތަކުގައި ޣައިރުހާޒިރުގައި މައްސަލަ ކުރިއަށްގެންދެވޭނެ ގޮތްތަކެއް ކޯޓުން ހަމަޖައްސައިދޭނަމަ އެކަން ކުރަންވާނީ ނަހަމަ ބޭނުން ނުހިފޭނެ ގޮތަށް ވަރަށް ހަރުކަށިކޮށް ކަމަށްވެސް ދައުލަތުން ބުންޏެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ހޯދައިގެން މިހާރު ހާސިލު ކުރަން ބޭނުންވަނީ ކޮން ކަމެއްތޯ ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވުމުން ދައުލަތުން ބުނެފައި ވަނީ އެފަދަ އަމުރެއް ލިބިއްޖެ ނަމަ އިންޓަޕޮލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެގެން އޭނާ ގެނެވިދާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލުމުގެ ކުރިން ރިޔާސަތުން ފަނޑިޔާރު މަހާޒް ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ނިންމާ ގޮތެއް އެންގުމަށް އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަަށެވެ. އަދި ގޮތެއް ނިންމުމެއްވުމަށް އަންގަވާނެ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ އެ ކޯޓުގައި ބައްލަވަނީ ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

އަލީ ވަހީދު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އޭނާ ޓޫރިޒަމް މިނިސްޓްރީގައި ހުންނެވި އިރު އެތަނުގެ އަންހެން މުވައްޒަފުންތަކަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

comment ކޮމެންޓް