ދައުލަތުން އިބުރާއަށް ބަދަލު ދޭން ޖެހޭ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި އެ ކޮލެޖްގެ ވެރިޔާ، އިބްރާހިމް އިސްމާއިލް (އިބްރާ)އަށް ބަދަލު ދޭން ޖޭހޭ ކަމަށް އެމްޑިޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާގައި ސަރުކާރުން އެއްބަސްވެގެން 15 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އިގްތިސާދީ ގޮތުން މިފަދަ ދަތި ހާލަތެއްގައި އެވަރުގެ ބަދަލެއް ދިނުމަށް ސަރުކާރު އެއްބަސްވެފައި ވާތީވެ، އެމްޑީޕީ މަޖިލިސް މެމްބަރުންނާއި ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "ސަން"އިން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ލިބޭ ގެއްލުމެއް ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށާއި އިބްރާއަށްވެސް ހައްގު ބަދަލެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހައްގު ބަދަލު އެބޭފުޅުންނަށް، އިބްރާއަށް އެ މަދަރުސާއަށް ދޭން ޖެހޭނެ. ހައްގު ބަދަލަކީ، ޝަރީއަތުން ދޭން ޖެހޭ އެއްޗެއް. އެއީ އަޅުގަނޑުމެންނާ ގުޅޭ ވާހަކައެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ ކޮލެޖަކީ ވަރަށް ރަނގަޅަށް ހިންގަމުންއައި ތަނެކެވެ. އަދި މިދިޔަ ސަރުކާރުން އެތަން ހިންގުން ހުއްޓުވާލީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ލިބޭ ގެއްލުމަށް ބަދަލު ދޭން ޖެހޭނެ. އިބްރާ ވަރަށް ރަނގަޅަށް މަދުރުސާ ހިންގަވަމުން ގެންދަވަނިކޮށް، ހަމަ ކަނޑައެޅިގެން އައިސް އިބްރާ އެތަނުން ނެރެފައި، އެ މަދަރުސާ ހިންގެވުން ހުއްޓުވާލީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން އެ މައްސަލައިގައި ރުޅިގަދަވެ ފާޅުގައި އިބުރާއަށާއި ސަރުކާރަށް ފާޑު ވިދާޅުވާ އިރު މިއީ މި މައްސަލައިގައި އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

މަންދަށް 15 މިލިއަން ދޭން ސަރުކާރުން ކޯޓުގައި އެއްބަސްވީ، އެ ކޮލެޖަށް ބަދަލުގައި ގޮތުގައި ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ލަފާ ދެއްވާފައި ވަނިކޮށެވެ. ނަމަވެސް ބަންޑާރަ ނައިބު އޮފީހުން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ، އެއީ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލެއް ކަމަށާއި އޮޑިޓް އޮފީހުގެ ލަފާ ގާނޫނާ ތައާރަޒުވާ ކަމަށެވެ.

comment ކޮމެންޓް