ކޮލަމްބޯ (މެއި 6): އިންޑިއާގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައި ވުމުން އެގައުމުން ސްރީލަންކާއަށް މީހުން ދަތުރު ކުރުން މަނާކޮށްފި އެވެ.
ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ބުނި ގޮތުގައި އެގައުމާއި އިންޑިއާއާ ދެމެދު އޮތް 'ޓްރެވެލް ބަބުލް' އުވާލުމަށް ފަހު އެގައުމުން ލަންކާއަށް މީހުން ދަތުރު ކުރުން މަނާ ކުރީ ހެލްތު މިނިސްޓްރީން ދިން އިރުޝާދުގެ މަތިންނެވެ.
ލަންކާގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުންވެސް ވަނީ އިންޑިއާއިން އެގައުމުތަކަށް މީހުން ދަތުރު ކުރުމަށް ހުރަސް އަޅާފަ އެވެ.
އިންޑިއާއިން އިއްޔެ ވަނީ ކޮވިޑްގެ ހަތަރު ލައްކައަށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ބުނެފަ އެވެ. އެއީ އެގައުމުން ބަލި ފެނުނު ފަހުން 24 ގަޑި އިރު ތެރޭ ކޭސްތަކުގެ އަދަދު ހަތަރު ލައްކައަށް އެރި ދެވަނަ ފަހަރެވެ. އަދި އެގައުމުން އިއްޔެ ވަނީ ކޮވިޑާ ގުޅުން ހުރި 3،971 މަރު ރިޕޯޓުކޮށްފަ އެވެ. އެހެންކަމުން އެއީ މިހާތަނަށް ކޮވިޑުގައި އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑު ކުރެވުނު ދުވަހެވެ.
އިންޑިއާގައި މިހާތަނަށް 21.1 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 230،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
އިންޑިއާގެ އިތުރުން ލަންކާގައިވެސް ފާއިތުވި ދުވަސްތަކުގައި ކޮވިޑްގެ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި އެގައުމުން ވަނީ އެގައުމަށް ވައިގެ މަގުން ދަތުރު ކުރެވޭނެ މީހުންގެ އަދަދު މަދުކޮށް، ކައިވެނި ހަފްލާތައް ބޭއްވުމާއި ދީނީ އަޅުކަން ކުރާ ތަންތަނަށް އެއްވުން މަނާކޮށް، ސިނަމާތަކާއި ކުޑަކުދިންގެ ޕާކުތައް ބަންދު ކުރަން ނިންމާފަ އެވެ.
ލަންކާއިން އެފިޔަވަޅުތައް އެޅީ އެގައުމުން ކޮންމެ ދުވަހަކު 1،000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެގޮތުން އިއްޔެވެސް އެގައުމުން 1،939 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އެގައުމުގައި މިހާތަނަށް 117,529 މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 734 މީހަކު މަރުވެފައިވެ އެވެ.