އާ ކޮވިޑް ވޭރިއެންޓާ ދެކޮޅަށް ވެކްސިންތައް މަސައްކަތް ކުރޭ: އިންޑިއާ

އިންޑިއާއިން ވަނީ އެގައުމުން ފެނުނު ވޭރިއެންޓާ ދެކޮޅަށް ކޮވިޑް ވެކްސިންތައް މަސައްކަތް ކުރާ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މެއި 6): އިންޑިއާއިން ފެނުނު އާ ކޮވިޑް-19 ވޭރިއެންޓާ ދެކޮޅަށް ވެކްސިންތައް މަސައްކަތް ކުރާ ކަމަށް އެގައުމުގައި ކޮރޯނާވައިރަސް ސާމްޕަލްތައް އެނެލައިޒް ކުރާ ސެންޓާ ފޯ ސެލިއުލާ އެންޑް މޮލެކިއުލާ ބަޔޮލޮޖީ (ސީސީއެމްބީ)ގެ ޑިރެކްޓަރު ރާކޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

މިޝްރާ ވިދާޅުވި ގޮތުގައި ހައިދަރުއާބާދުގައި ހުންނަ ސީސީއެމްބީގެ ޓެސްޓުތަކުން ދެއްކި ގޮތުގައި ބީ.716.1ގެ ނަން ދީފައިވާ ވޭރިއެންޓާ ދެކޮޅަށް ކޮވިޝީލްޑާއި ބާރަތު ބަޔޯޓެކްގެ ކޮވެކްސިންވެސް މަސައްކަތް ކުރެ އެވެ. އަދި އެގައުމުގައި ބޭނުން ކުރަން މިހާރު ހުއްދަ ދީފައިވާ ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިން އެ ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރޭތޯ މިހާރު ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޝީލްޑާއި ކޮވެކްސިންގެ އިތުރުން ފައިޒާ އާއި ބަޔޯއެންޓެކްއިން އުފައްދާ ވެކްސިންވެސް އިންޑިއާއިން ފެނުނު ވޭރިއެންޓާ ދެކޮޅަށް ޓެސްޓު ކުރަމުންދާ ކަމަށާއި ނަތީޖާ ރަނގަޅު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބަޔޯއެންޓެކްގެ ސީއީއޯ އުގާ ޝާހިން ވިދާޅުވި އެވެ.

"އިންޑިއާގެ ވޭރިއެންޓުގައި ހުރީ އަޅުގަނޑުމެން ކުރިން ތަހުގީގުކޮށްފައިވާ އަދި އަޅުގަނޑުމެންގެ ވެކްސިން އެއާ ދެކޮޅަށް މަސައްކަތް ކުރާ މިއުޓޭޝަނާ އެއްވައްތަރުގެ މިއުޓޭޝަނެއް،" ޝާހިން ވިދާޅުވި އެވެ.

އިންޑިއާއިން ފުރަތަމަ ފާހަގަ ކުރެވުނު ވޭރިއެންޓު މިހާރު ވަނީ ބޭރު ގައުމުތަކުންވެސް ފެނިފަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރުވެސް ހިމެނެ އެވެ. އަދި އެގައުމުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސެސް ކެނެތު މަކް ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުން މީހާއަށް ކޮވިޑް ނުޖެހޭނެކަން 100 ޕަސެންޓު ޔަގީން ނުވި ނަމަވެސް ބަލީގައި ހާލު ސީރިއަސްވުމުން ރައްކާތެރިކޮށްދޭނެ އެވެ. އަދި އިންޑިއާ ވޭރިއެންޓަށް ހުށަހެޅުމުންވެސް ވެކްސިން ޖަހާފައިވާ ނަމަ ހާލު ސީރިއަސްވުމުން ދުރުކޮށްދޭކަން ފާހަގަ ކުރެވިފައިވާ ކަމަށް މަކް ވިދާޅުވި އެވެ.

އިންޑިއާގައި ފާއިތުވި ދެ މަސް ތެރޭ ކޮވިޑްގެ ކޭސްތައް ރެކޯޑު އަދަދުތަކަށް އަރާ، އެގައުމުގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. އަދި މެޑިކަލް އޮކްސިޖެން އާއި ބޭސް ލިބުން ދަތިވެ، މަރުވާ މީހުންގެ ހަށިތައް އަންދާ ކްރެމަޓޯރިއަމްތަކުގައި ވަނީ ކިޔޫ ޖެހިފަ އެވެ.

އިންޑިއާގައި ކޭސްތައް އިތުރުވާން ފެށުމުން އެގައުމުން ވީހާވެސް އަވަހަަކަށް ގިނަ މީހުންނަށް ވެކްސިން ޖެހުމަށްޓަކައި ކޮވިޝީލްޑްގެ ބޮޑެތި އެކްސްޕޯޓުތައް މިދިޔަ މާޗް މަހު ހުއްޓުވި އެވެ. ނަމަވެސް އެގައުމުން މިހާތަނަށް ވެކްސިން ދީފައި ވަނީ އާބާދީގެ 11 ޕަސެންޓަށެވެ. އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ ދެ ޕަސެންޓު މީހުންނެވެ. އަދި 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހޮނިހިރު ދުވަހު ހުޅުވާލި ނަމަވެސް ގިނަ ސްޓޭޓުތަކުން ވަނީ ވެކްސިން ނުލިބޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް