ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވީ ޔޫކޭ މީހެއް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ޕެކެޓުތަކެއް --

ދިޔަ ހަފްތާގެ ތެރޭގައި ފުލުހުންގެ ބަންދުގައި ވިލިމާލޭ ކަސްޓޯޑިއަލްގައި ހުއްޓައި ދަން ޖެހިގެން މަރުވީ ޑްރަގް މައްސަލައެއްގައި ހައްޔަރު ކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ފުލުހުން ބުނެފައި ވަނީ، ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3.4 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހަަށް ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ އިނގިރޭސި ފިރިހެނަކާއި، 43 އަހަރުގެ ތައިލެންޑްގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންގެ ބަންދުގައި ވިލިމާލޭ ކަސްޓޯޑިއަލްގައި ހުއްޓައި ދަން ޖެހިގެން މަރުވީ އެ 30 އަހަރުގެ މީހާ އެވެ.

އޭނާ މަރުވީ އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާފައި ވަނިކޮށެވެ. ތައިލެންޑު މީހާއަށް ކޯޓުން ޖަހައިދިނީ 15 ދުވަހުގެ މުއްދަތެކެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތީގެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

comment ކޮމެންޓް