ނަޝީދު ބޭރުގެ މީޑިއާތަކަށް ދެއްވަނީ ދޮގު މައުލޫމާތު: ޕީޕީއެމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ މީޑިއާތަކަށް ދޮގު ޚަބަރުތައް ދެއްވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި އެ ޕާޓީގެ އިންތިގާލީ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލެއްވުމަށްފަހު ބޭރުގެ މީޑިއާތަކަށް ދޮގު ޚަބަރުތައް ދެއްވަމުން ގެންދާކަމަށާއި އެމަނިކުފާނު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ.

"މިގައުމުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހު ވެރިކަން ކުރެއްވި މުހައްމަދު ނަޝީދު ވަރަށް ބޮޑެތި އޮޅުވާލުންތައް ރައްޔިތުންނަށް އޮޅުވާލާ، އަދި ބޭރުގެ މީޑިއާތަކަށް ވެސް ދޮގު ޚަބަރުތައް ފަތުރަމުން ގެންދޭ. އަޅުގަނޑުމެން އެކަން ކުށްވެރިކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު މިއަދު ބޭރުގެ މީޑިއާތަކާއި ބައްދަލުކުރައްވާ ދިވެހި ރައްޔިތުންނާއި ފުލުހުން ގުޅިގެން ބަޣާވާތެއް ކުރިކަމަށް ވިދާޅުވާއިރު ރައްޔިތުންނާއި ސިފައިންނާއި ފުލުހުން ނަޝީދާއި ދެކޮޅަށް ނުކުތީ އިސްލާމްދީނާއި ރައްޔިތުންނާއި ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށާއި އެއީ ބަޣާވާތެއްކަމަށް ސިފަކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެ ކަމަށެވެ.

"އެމަނިކުފާނު މިއަދު ބޭރުގެ މީޑިއާތަކާ ބައްދަލުކުރައްވާ ވިދާޅުވީ ދިވެހި ރައްޔިތުންނާއި ސިފައިންނާއި، ފުލުހުން ގުޅިގެން ބަޣާވާތެއް ކުރި ވާހަކަ. ކަނޑައެޅިގެން އެމަނިކުފާނު އެ ހައްދަވަނީ އިތުރުފުޅެއް. ސިފައިންނާއި ފުލުހުން މުހައްމަދު ނަޝީދާއި ދެކޮޅަށް ނުކުންނެވީ މިގައުމާއި، މިގައުމުގެ ދީނާއި، އަދި ދިވެހި ރައްޔިތުންނާއި، ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ހިމާޔަތުގައި. އެއީ ބަޣާވާތެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.


ބަޑިޖައްސައިގެން އިސްތިއުފާދެއްވަން މަޖުބޫރު ކުރުވިކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ ވާހަކަތަކަކީ އެއްވެސް ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށާއި އެމަނިކުފާނު އިސްތިއުފާދެއްވީ އަމިއްލަ އިޚުތިޔާރުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްތިއުފާދެއްވިކަން އިއުލާންކުރެއްވުމަށް ނަޝީދު ރައީސް އޮފީހުގައި ދެއްކެވި ވާހަކަފުޅުތަކުންވެސް އެކަން ސާފުކޮށް އެނގޭނެ ކަމަށެވެ.

"ބޮލުގައި ބަޑިޖައްސައިގެން އިސްތިއުފާދޭން މަޖުބޫރު ކުރުވިކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ ވާހަކަތަކަކީ އެއްވެސް ހަމަޖެހޭ ވާހަކަތަކެއް ނޫން. އެމަނިކުފާނު އިސްތިއުފާދެއްވަމުން ވިދާޅުވީ ތިމަންނަ ދެން އިތުރަށް މިގައުމުގެ ވެރިކަމުގައި ހުރުމަކީ އެއީ ދިވެހި ރައްޔިތުންނަށްބޮޑެތި ގެއްލުންތަކެއް ލިބޭނެކަމެއް ކަމަށް ތިމަންމަނިކުފާނު ދެކޭތީ އޭ އިސްތިއުފާ ދެއްވީ. އިސްތިއުފާ ދެއްވީ އަމިއްލަ އިޚުތިޔާރުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ އެއްވެސް ގޮތަކަށް ގާނޫނީ އިމުގެ ބޭރުން ކަންތައް ކުރާނެ ސަރުކާރެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ވަހީދުގެ ސަރުކާރަށް އެޕާޓީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެ ޕާޓީގެ މީޑިއާ ކޮމެޓީގެ މެންބަރު ދުންޔާ މައުމޫން ވިދާޅުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫއެންގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މރ. އޮސްކާ ފެނާންޑޭ ޓޮރާނޯ އާއި މިއަދު އެޕާޓީން ބައްދަލުކޮށް ސަރުކާރު ބަދަލުވިއިރު ކަންތައްތައް ހިނގައިދިޔަގޮތާއި ގާނުނު އަސާސީ އާއި ޚިލާފަށް ސިފައިންނާއި ފުލުހުންނަށް ނަޝީދު އޯޑަރުތައްކުރި ވާހަކަތައް ތަފްސީލުކޮށް ކިޔައިދީފައި ވާނެކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު