އަހަރުތަކަކަށް ފަހު ނުހައްގު މުއްސަނދިކަން ޖިނާއީ ކުށަކަށް ވެއްޖެ

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ކޮރަޕްޝަން ހުއްޓުވުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ގާނޫނުން އުގޫބާތަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ނުހައްގު މުއްސަނދިކަން ޖިނާއީ ކުށަކަށް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެހެން ވެސް ކަމާ ގުޅޭ އިދާރާތަކުން ގޮވާލައި ބާރު އަޅަމުން އަންނަތާ ވަނީ އެތައް އަހަރުތަކެއް ވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލިހުން ގާނޫނުލް އުގޫބާތަށް ގެނައި ހަތަރު ވަނަ އިސްލާހުގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެ އެވެ. އަދި އެފަދަ ކުށެއްކުރިކަމުގައި ނިންމާ ހަމަތަކާއި އުސޫލުތައްވެސް އެ އިސްލާހުގައި ތަފްސީލްކޮށްފައިވެ އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހެޅުއްވައިގެން ގާނޫނު އުގޫބަތަށް ގެންނަން މަޖިލިހުން ފާސްކުރި އެ އިސްލާހުގައިވާ ގޮތުގައި ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.

އޭގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެއް ކަމަށް މެމްބަރު ސިރާޖު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެހެން ކަމަށްވާ ނަމަ، އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އެ ކުށަށް އަންނާނެ އެވެ.

ރައީސް މިއަދު ދެން ތަސްދީގު ކުރެއްވި ގާނޫނުލް އުގޫބާތުގެ އިސްލާހާ އެކު ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށަކަށް ވެގެންދާނެ އެވެ. މީގެ ކުރިން ވެސް އެއީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގައި ކުށެއްގެ ގޮތުގައި ހިމަނާފައިވާ ކަމެކެވެ. މިއަދު ތަސްދީގު ކުރި އިސްލާހާ އެކު ކޮރަޕްޝަން ހުއްޓުވާމާއި މަނާކުރުމުގެ ގާނޫނު ވެސް ވަނީ މިހާރު އުވިފަ އެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލްވެސް ރައީސް ވަނީ މިއަދު ތަސްދީގު ކުރައްވައިފަ އެވެ.

މިދިޔަ އެޕްރީލް 19 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އެ ބިލުގައި ކޮރަޕްޝަންގެ ކުށް ވަނީ އަލުން މާނަކޮށްފަ އެވެ.

އެގޮތުން އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ކޮރަޕްޝަންގެ ކުށުގެ ގޮތުގައި ބެލެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ގާނޫނުލްއުގޫބާތުގެ 510، 513، 515، 516، 517 އަދި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކީ ވެސް ކޮރަޕްޝަންގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މި އިސްލާހުތައް ރައީސް ތަސްދީގު ކުރެއްވުމާ އެކު މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށް މި އިސްލާހުތަކަށް އަމަލު ކުރަން ފަށައިފަ އެވެ.

comment ކޮމެންޓް