ވޮޝިންޓަން (މެއި 6): ކޮވިޑް-19 ވެކްސިންތައް އީޖާދު ކުރި ފަރާތްތައް ނޫން އެހެން ބަޔަކު އެ ވެކްސިން އުފެއްދުން ހުއްޓުވުމަށް ދީފައިވާ ލައިސެންސް ނުވަތަ ޕޭޓެންޓާ ހިލާފަށް އަމަލު ކުރަން ހުއްދަ ދިނުމަށް އެމެރިކާއިން ތާއިދުކޮށްފި އެވެ.
އެމެރިކާއިން ތާއިދުކޮށްފައި ވަނީ، ދުނިޔޭގައި ކޮވިޑް ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ޕޭޓެންޓުތައް އެއް ފަރާތް ކުރުމަށް އެދި އިންޑިއާ އާއި ދެކުނު އެފްރިކާއިން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ)އަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްއަކަށެވެ.
އެމެރިކާގައި ކުރިން އޮތް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އިން އެ ހުށަހެޅުމާ މީގެ ކުރިން ދެކޮޅު ހެދި ނަމަވެސް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ ޕޭޓެންޓުތައް އެއް ފަރާތް ކުރުމަށް ތާއިދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
"ޑަބްލިޔުޓީއޯގައި އޮތް ވެއިވާއަށާއި އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުން ވެކްސިން އުފައްދާ މިންވަރާއި ވެކްސިން މީހުންނަށް ޖަހާ މިންވަރު އިތުރު ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެން ތާއިދު ކުރަން،" ޔޫއެސް ޓްރޭޑް ރެޕްރެޒެންޓޭޓިވް ކެތެރީން ޓައި ވިދާޅުވި އެވެ.
ޓައި ވިދާޅުވި ގޮތުގައި އެ ހުށަހެޅުމަށް އިތުރު ގައުމުތަކުގެ ތާއިދު ހޯދަން އެމެރިކާއިން ދެން މަސައްކަތް ކުރާނެ އެވެ. ނަމަވެސް ޑަބްލިޔުޓީއޯއިން ހުށަހެޅުމެއް ފާސް ކުރެވޭނީ 164 މެމްބަރު ގައުމުގެ ތާއިދާ އެކު ކަމުން އެ މަސައްކަތަށް ވަގުތު ބޭނުން ވާނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވަނީ އެމެރިކާގެ ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށް ވިދާޅުވެ އެގައުމަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެއީ ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ބޭހާއި ވެކްސިން އުފައްދާ ކުންފުނިތަކުން ވަނީ އެ ނިންމުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވެކްސިން އުފެއްދުމަށް ދިމާވެފައިވާ މައިގަނޑު ހުރަހަކީ ޕޭޓެންޓުތައް އޮތުން ނޫން ކަމަށާއި އެ ނިންމުމުގެ ސަބަބުން އީޖާދު ކުރުމަށް ހުރަސް އެޅޭނެ ކަމަށް ބުނެފަ އެވެ.
ދުނިޔޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ 1.21 ބިލިއަން ޑޯޒް ޖަހާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނަ ޑޯޒްތައް ދީފައި ވަނީ އެންމެ މުއްސަނދި 27 ގައުމުގަ އެވެ.