ސަރުކާރު ވައްޓާލީ އިންގިލާބަކުން، އަޑީގައި ތިބީ ޔާމީނާއި ގާސިމު: ނަޝީދު

އަންގާރަ ދުވަހު ނަޝީދުގެ ސަރުކާރު ވައްޓާލީ އިންގިލާބަކުން ކަމަށާއި އެ އިންގިލާބުގައި އިސްކޮށް ތިއްބެވީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ އާއިލީ ގެކޮޅު، ކެނެރީގޭގައި މިއަދު މެންދުރު ފަހު ރާއްޖެ އާއި ބޭރުގެ މީޑިޔާތަކާ ބައްދަލުކުރައްވައި ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އޭނާގެ ސަރުކާރު ވައްޓާލީ ފުލުހުންނާއި ސިފައިން ގެނައި ކުއްލި ބަޣާވާތަކުން ކަމަށާއި ވެރިކަން ވައްޓާލުމުގައި ގާސިމާއި ޔާމީން އުޅުއްވަނިކޮށް ފެނިވަޑައިގެންނެވި ކަމަށާއި ވެރިކަން ބަޣާވާތްކޮށްލުމުގެ ބޭނުމަކީ 30 އަހަރުގެ ވެރިކަން އަލުން އަނބުރާ އިއާދަކުރުން ކަމައް ގަބޫލުކުރައްވާ ކަމަށެވެ.

"ވަހީދު އަށް މަޖިލީހުގައި އެއްވެސް ގޮނޑިއެއް ނެތް. ލޯކަލް ކައުންސިލްތަކުގެ ގޮނޑީގެ އަދަދު ހާހުން އަރާ އިރު އެންމެ ގޮނޑިއެއް ވެސް އެބޭފުޅާއަކަށް ނެތް. އެބޭފުޅާ ދެން ކޮން ގޮތަކުންތޯ ތާއީދު އޮތީ. ޖެހިވަޑައިގަންނަ ވާނީ އެބޭފުޅާގެ މައްޗަށް ތިއްބެވި ބައެއް ބުނާ ގޮތް ހަދަން،" ނަޝީދު ވިދާޅުވި އެވެ. "އެއީ މިކަމުގައި އިސްކޮށް އުޅުއްވި ޔާމީން އާއި ގާސިމް. އެބޭފުޅުން މިކަމުން ފެނުނު. ދެން މައުމޫން ހުންނެވި ކަން ވެސް އިނގޭނީ އެކަން ތަހުގީގު ކުރީމާ،"

އެވާހަކަ އަށް ރައްދުދެއްވައި ގާސިމް ވިދާޅުވީ ނަޝީދަކީ ދޮގު ހެއްދެވުމުގައި ހައްދު ފަހަނައަޅާފައިވާ ބޭފުޅެއް ކަމަށާއި ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އޭނާ ކުރެއްވި ކަމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު އޭނާ ކުރާ ޣައިރު ގާނޫނީ ކަންތައްތަކަށް ބައިއަތު ނުހިފީމާ އޭނާ އަބަދު ވެސް ކިޔާ އެއްޗެއް އެއީ. އަޅުގަނޑު ނޫނަސް އެތައް ބަޔަކު އެތަނަށް ދިޔަ ]ޖުމްހޫރީ މައިދާނަށް[. އެ ހުރިހާ މުޒާހަރާއެއް ދިޔައިރު ވެސް އަޅުގަނޑު މިއީ އެންމެ ކުޑަމިނުން ސްޓިއަރިން ކޮމެޓީއަށް ވެސް ދިޔަ މީހެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

އެސްއެމްއެސްއަކުން ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަން ވެއްޓުނީ ހިތްހަމަނުޖެހިފައި ތިބި ރައްޔިތުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާއި ބާރުތަކުން ގާނޫނު ނެގެހެއްޓުމަށް ކުރި މަސައްކަތުން ކަމަށެވެ. އަދި "އޭގެ ނަތީޖާއެއްގެ ގޮތުން ނަޝީދު އަމިއްލަ އަށް އިސްތިއުފާ ދެއްވީ،" ކަމަށް ޔާމީން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭނާގެ ސަރުކާރު ވައްޓާލުމުގައި ދެ ތިން ރިސޯޓް އޯނަރަކު ވެސް އުޅުއްވާކަމަށެވެ. ނަމަވެސް ނަންތައް ހާމަ ކުރެއްވުމަށް ދެކޮޅުހެއްދެވި އެވެ. ނަޝީދު ވިދާޅުވީ އޭނާ އާއި ސިފައިންނާއި ފުލުހުން ދެކޮޅުވީ އެ މަނިކުފާނު ގޯހެއް ހަދައްވައިގެން ނޫން ކަމަށާއި ސިފައިންނާއި ފުލުހުން ސިޔާސީ ނުފޫޒު އަދި ލާރީގެ ނުފޫޒަށް ހެއްލުނީ ކަމަށެވެ.

"އަޅުގަނޑު އަބްދުﷲ ގާޒީ ހައްޔަރުކުރުން އެއީ ގޯހެއް ކަމަކަށް ނުދެކެން. އެއީ ސަރުކާރު ވެއްޓުމުގެ ސަބަބެއް ނޫން. އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތުތައް ކުރެވޭ އިރު އެކަން އެއްވެސް މުއައްސަސާއަކަށް ހައްލެއް ނުކުރެވުނު. އަޅުގަނޑު ދެން ވެސް އަމުލުކުރާނީ އެހެން،" ނަޝީދު ވިދާޅުވި އެވެ.

އަލުން އިލެކްޝަނެއް ބާއްވައި އަދި ކުރިއަށް އޮތް ދެ މަސް ދުވަހު މަޖިލީހުގެ ރައީސް ވެރިކަން ކުރެއްވުމަށް އެމަނިކުފާނާއި އެމްޑީޕީން ކުރާ މަސައްކަތާ ދެކޮޅަށް އެއްޗެއް ވިދާޅުވި އެއްވެސް ބޭރު ގައުމަކާ ދިމާވެ ވަޑައިނުގަންނަވާ ކަމަށާއި މުޅި ދުނިޔެ އޮތީ ވެސް އޭނާ އާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ވެރިކަމަށް ގެނައުމުގެ ވާހަކަ ދެއްކެވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ އެކު އެއްވެސް މަޝްވަރާއެއް އެކަމާ ގުޅޭ ގޮތުން ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރާ އަދި އިދިކޮޅު ފަރާތްތަކާ އެކު ވެސް މަޝްވަރާ "ކުރެއްވުމުގެ ބޭނުމެއް ނެތް" ކަމަށާއި ބޭނުންމީ މި ސަރުކާރު އިސްތިއުފާދީ އައު އިންތިހާބެއް މި މުއްދަތުގައި ބޭއްވުން ކަމަށެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު