ބްރޯޑްކޮމް އަށް ޝިފްލާ އައްޔަންކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޝިފްލާ އިބްރާހީމް އައްޔަންކުރުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް މިއަދު އައްޔަންކުރައްވައިފި އެވެ.

ޓީވީ ޕްރެސެންޓަރު ޝިފްލާ އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށްޝިފްލާ ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ރުހުން ދީފައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އޮތް ފުރަތަމަ ދައުރުގެ ފަހު ޖަލްސާގަ އެވެ.

ޝިފްލާއަށް ތަޅުމުން ރުހުން ދިނީ، އޭނާ އެ މަގާމަށް ކުރިމަތިލީ ތިން ވަނަ ފަހަރު އެވެ. ބްރޯޑްކޮމް އަށް ޝިފްލާ ކުރިމަތިލެއްވި ފުރަތަމަ ދެ ފަހަރު ވެސް ކޮމިޓީން ވަނީ އޭނާއަށް ރުހުން ދީފަ އެވެ. ނަމަވެސް ދެ ފަހަރު ވެސް މަޖިލީހުން ޝިފްލާގެ ނަން ފާސްކޮށްފަ އެއް ނުވެ އެވެ.

ޝިފްލާ އަކީ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ފަރާތެކެވެ. ޝިފްލާ ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވައިފަ އެވެ. ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑީވްސްގެ އެނައުންސާ ޓްރެއިނީއެއްގެ ގޮތުގަ އެވެ. ޝިފްލާ ވަނީ ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ޝިފްލާ ބްރޯޑްކޮމް އަށް އައްޔަނުކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް