އިންޑޮނޭޝިއާގެ ކުންފުންޏަކުން ބޭނުންކޮށްފައި ހުރި ނޭސަލް ސްވޮބްތައް ވިއްކިކަން ހާމަވެއްޖެ

އިންޑޮނޭޝިއާގެ ކުންފުންޏަކުން އެއް ފަހަރު ބޭނުންކޮށްފައިވާ ނޭސަލް ސްވޮބްތައް އަލުން ވިއްކި މައްސަލައެއް ވަނީ ފެންމަތިވެފަ -- ފޮޓޯ: އީޕީއޭ

ޖަކާޓާ (މެއި 5): އިންޑޮނޭޝިއާގެ ކުންފުންޏަކުން ކޮވިޑް-19 ނޭސަލް ސްވޮބް ޓެސްޓުތައް އެއް ފަހަރު ބޭނުން ކުރުމަށް ފަހު ދޮވެ، އަލުން ވިއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބުނި ގޮތުގައި އެއް ފަހަރު ބޭނުންކޮށްފައިވާ ނޭސަލް ސްވޮބްތައް ދޮވުމަށް ފަހު އަލުން ވިއްކި ކަމަށް ތުހުމަތުކޮށްފައި ވަނީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ކިމިއާ ފާމާގެ މުވައްޒަފުންތަކެއްގެ މައްޗަށެވެ. އަދި އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އެ ކުންފުނީގެ މެނޭޖަރެއް ވެސް ހިމެނެ އެވެ.

ފުލުހުން ބުނި ގޮތުގައި ކިިމިއާ ފާމާއިން ދިޔައީ އެގައުމުގެ ނޯތު ސުމަތުރާގެ މެޑަންގައި އޮންނަ ކުއަލަނަމޫ އެއާޕޯޓަށް ކުރިން ބޭނުންކޮށްފައިވާ ޓެސްޓު ކިޓުތައް ޑިސެމްބަރު މަހުން ފެށިގެން ވިއްކަމުން ކަމަށް ބެލެވެ އެވެ. އަދި އެފަދަ ސްވޮބްތައް އެ އާޕޯޓުން ފުރި ގާތްގަނޑަކަށް 9،000 ފަސިންޖަރުން ޓެސްޓު ކުރަން ބޭނުން ކުރި ކަމަށް ލަފާ ކުރެވެ އެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުގައިވާ ގޮތުން އެއް ފަހަރު ބޭނުންކޮށްފައިވާ ސްވޮބްތައް ވިއްކައިގެން ކިމިއާ ފާމާގެ މުވައްޒަފުންތައް 124،800 ޑޮލަރުގެ މަންފާއެއް ހޯދި ކަމަށް ބެލެވެ. އަދި އެ ހިޔާނާތުގައި ބައިވެރިވި މުވައްޒަފަކު އެ ފައިސާއިން އަގު ބޮޑު ގެއެއް އެޅި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ކިމިއާ ފާމާއިން ވަނީ އެ މައްސަލައާ ގުޅުން ހުރި މުވައްޒަފުން މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި ކުންފުނީގެ އެތެރޭގެ ގަވާއިދުތައް ހަރުކަށި ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅާ، ކުރިން ބޭނުންކޮށްފައިވާ ސްވޮބެއް ބޭނުން ކުރަން ޖެހުނު ކޮންމެ ފަސިންޖަރަކަށް އެއް ބިލިއަން ރުޕިއާ (69،250 ޑޮލަރު) ހޯދަން މަސައްކަތް ކުރާނެ ކަމަށް މެޑަން އެއާޕޯޓުން ފާއިތުވި މަސްތަކުގައި ދަތުރުކުރި ވަކީލުންތަކެއް ވިދާޅުވި އެވެ.

އިންޑޮނޭޝިއާގައި މިހާތަނަށް 1.7 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 46،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

comment ކޮމެންޓް