އެމެރިކާއިން 60 ކާގޯ ބޯޓުގެ ހަތިޔާރާއި އަސްކަރީ ސާމާނު އަފްޣާނިސްތާނުން ބޭރުކޮށްފި

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަނީ

ވޮޝިންޓަން (މޭ 5) : އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 60 ކާގޯ ބޯޓުގެ ހަތިޔާރާއި އަސްކަރީ ސާމާނު އަފްޣާނިސްތާނުން ބާލައިގެން އެމެރިކާއަށް އަނބުރައި ގެންދެވިއްޖެ ކަމަށްއެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ބުނެފި އެވެ.

ޕެންޓަގަންގެ ތަރުޖަމާނަކު ވިދާޅުވީ ހަނގުރާމައިގެ ތަކެތި އުފުލާ ސީ 130 މަރުކާގެ ކާގޯ މަތިންދާބޯޓުގެ 60 ބޯޓުގެ ހަތިޔާރާއި އެނޫން ވެސް އަސްކަރީ ސާމާނު މިހާތަނަށް އަފްޣާނިސްތާނުން ބާލައިގެން އެމެރިކާގައިވާ ސިފައިންގެ ބޭސްތަކަށާއި ހަތިޔާރުގެ ގުދަންތަކަށް ގެންގޮސްފައިވާ ކަމުގަ އެވެ.

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން މިހާރު ގެންދަނީީ އަފްޣާނިސްތާނުން އެއްކޮށް ފޭބުމުގެ މަސައްކަތް ފަށައިފަ އެވެ. މި އަހަރުގެ ސެޕްޓެމްބަރު 11ގެ ފަހުން އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންޑަންގައި އިނގިރޭސި ބޮޑުވަޒީރު ޑޮމިނިކް ރާބް އާ ބައްދަލުކުރެއްވުމަށް ފަހު ބްލިންކަން ވިދާޅުވީ އެމެރިކާ ސިފައިން އެއްކޮށް އަފްޣާނިސްތާނުން ފޭބި ނަމަވެސް އަފްޣާނިސްތާނާއި އެމެރިކާގެ އަސްކަރީ ގުޅުންތައް ދެމިއޮންނާނެ ކަމުގަ އެވެ. އަފްޣާނިސްތާނުން ފޭބުމުގެ މާނައަކީ އެގައުމާއި އެމެރިކާގެ އަސްކަރީ ގުޅުންތައް ނިމުމަކަށް ގެނައުން ނޫންކަމަށް ބްލިންކަން ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަނީ ތާލިބާނުން ބަލިކުރުމުގައި އެމެރިކާ ގެ ބާރުގަދަ ސިފައިން ނާކާމިޔާބުވުމުގެ ނަތީޖާއެއްގެ ގޮތުން މިދިޔައަހަރު އެމެރިކާއިން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާއެކު ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުންނެވެ. މިއެއްބަސްވުމުގެ ދަށުން މި މޭމަހުގެ 1ގެ ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން އެއްކޮށް ބާލަންޖެހެ އެވެ. ނަމަވެސް ލޮޖިސްޓިކް ސަބަބުތަކާ ގުޅިގެން އެމެރިކާ ވަނީ އަފްޣާނިސްތާނުން ފޭބުމުގެ އެންމެ ފަހުގެ ތާރީޚަކީ މިއަހަރުގެ ސެޕްޓެމްބަރު 11 ކަމަށް ހަދައިފަ އެވެ. އެއްބަސްވުމާ އެމެރިކާ ޚިލާފުވުމުން ތާލިބާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތާލިބާނުން އެމެިރކާ ސިފައިން ފައިބާތީ އުފާ ފާޅުކުރަނީ

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައިގަތީ 2001 ވަނަ އަހަރު އެވެ. އެއީ އެ އަހަރުގެ ސެޕްޓެމްބަރު 11 ގާ އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު އަލްގާއިދާއާއި ތާލިބާން ބަލިކުރުމުގެ ބޭނުމުގަ އެވެ.

އެމެރިކާގެ ފުރަތަމަ މަގްސަދަކަށްވީ އަފްޣާނިސްތާނުގައި އޭރުއޮތް އަލްގާއިދާއަށް ވާގިވެރިވާ ތާލިބާން ސަރުކާރު ވައްޓާލައި އެމެރިކާ އެދޭ ފަދަ ސަރުކާރެއް އެގައުމުގައި ގާއިމްކޮށް އެއަށް ފަހު ތާލިބާން އާއި އަލްގާއިދާ އެއްކޮށް ބަލިކޮށް އެދެޖަމާއަތް ނައްތާލުމެވެ. މީގެ ތެރެއިން އެމެރިކާއަށް ހާސިލް ކުރެވުނީ ތާލިބާނުންގެ ސަރުކާރު ވައްޓާލުމާއި އަލްގާއިދާ ކޮންމެވެސް ވަރަކަށް ބަލިކޮށްލުމުގެ މަގްސަދެވެ. ވިހި އަހަރުގެ މަސައްކަތުން ވެސް ތާލިބާނުން ބަލިކުރުމުގައާއި ތާލިބާނުން އިނދަޖައްސާލުމުގައި އެމެރިކާ ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ. ނަތީޖާއަކަށްވީ ތާލިބާނުން އިސްވެ ވާހަކަ ދައްކައި އެޖަމާއަތާ ސުލްހަވާން އެމެރިކާއަށް މަޖްބޫރުވުމެވެ. އަދި ތާލިބާނުން އެދޭ ގޮތަށް އަފްޣާނިސްތާނުން ފައިބަން ވެސް އެންމެފަހުން އެމެރިކާއަށް މަޖްބޫރުވުމެވެ.

އަފްޣާނިސްތާނަށް އެމެރިކާ އަރައި ފެށި އުދުވާނީ ހަނގުރާމާގައި އެންމެ ބޮޑު އަގެއް ދައްކަންޖެހުނީ ކުށެއްނެތް އަފްޣާނިސްތާން އާންމު ރައްޔިތުންނެވެ. މި ހަނގުރާމައިގައި އަފްޣާން އާއްމުންގެ ލައްކައަކަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އޭގެތެރެއިން ގިނަމީހުން މަރުވެފައިވަނީ އެމެރިކާގެ ހަމަލާތަކުގަ އެވެ. މީގެއިތުރުން އެމެރިކާ ސިފައިންގެ މައްޗަށް ވަނީ އަފްޣާން އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ އެތަށް ޖަރީމާއެއް ހިންގިކަމުގެ އެތައްް ތުހުމަތު ތަކެއް ކުރެވިފަ އެވެ. މިއިން އެއްވެސް މައްސަލައެއް ބަލައި އެމެރިކާގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ އަދާލަތަށް ހާޒިރު ކުރެވިފައެއް ނުވެ އެވެ.

އަފްޣާން ހަނގުރާމައިގާ ތާލިބާނުންގެ 70،000 ވަރަކަށް މީހުންނާއި އަފްޣާން ސިފައިންގެ 60،000 ހާ މީހުން މަރުވިކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ ފެށި މި ހަނގުރާމައިގެ ސަބަބުން އަފްޣާން ރައްޔިތުންގެ ތިން މިލިޔަން މީހުން ރެފިއުޖީންނަށްވެ، އެހެން ގައުމުތަކަށް ހިޖުރަކޮށްފައި ވާއިރު އިތުރު ހަތަރު މިލިޔަން މީހުން ވަނީ އަފްޣާނިސްތާނުގެ ތެރޭގައި ރެފިއުޖީންނަށްވެ އެގައުމުގެ އެކި ސަރަހައްދުތަކަށް ވިއްސިވިހާލި ވެފަ އެވެ.

މި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ލިބުނީ މައިގަނޑު ގޮތެއްގައި މާއްދީ ގެއްލުންތަކެވެ. ނަމަވެސް ތާލިބާނުންގެ ހަމަލާތަކުގައި އެމެރިކާގެ 2500 އަށް ވުރެ ގިނަ ސިފައިން މަރުވެ 30،000 ސިފައިން ޒަޚަމްވެފައިވާއިރު އޭގެތެރެއިން ބައެއް ސިފައިން ވަނީ ނުކުޅެދޭ މީހުންނަށް ވެފަ އެވެ. އެމެރިކާއަށް އެހީތެރިވުމަށް އަފްޣާނިސްތާނަށް އެރި ނޭޓޯ ސިފައިންގެ ވެސް 1500 އެއްހާމީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަރަދަށް ބަލާއިރު 20 އަހަރުތެރޭގައި އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާއިން އެމެރިކާގެ ސަރުކާރުތަކުން ވަނީ އަފްޣާން ހަނގުރާމައަށް 2.3 ޓްރިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފަ އެވެ. މިކަމުގެ ސަބަބުން އެމެރިކާ ދަރަނިވެރިވެ އެމެރިކާގެ މަދަނީ ތަރައްގީގައި ވަނީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފަ އެވެ.

އެމެރިކާގައި ވަޒީފާނެތް މީހުންވަނީ އިތުރުވެފަ އެވެ. ހަރުކަށި ޖަމާއަތްތައް ގިނަވެ އެމެރިކާގައި ނަސްލީ އިމްތިޔާޒުގެ އޮއިވަރު ބޮޑުކަމުން އެމެރިކާގެ ދާޚިލީ ވަހްދަތު ވަނީ ގެއްލިފަ އެވެ. ޚާއްސަކޮށް އެމެރިކާގެ އިންފްރާސްޓަރަކްޗާ ވަނީ ބައުވެފަ އެވެ. ތަރައްގީއަށް ޚަރަދުކުރަން ހުރި ފައިސާ ހަނގުރާމައާއި ތަޅާފޮޅުމަށް ޚަރަދު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާވަނީ އެގައުމުގެ އިންފްރާސްޓްރަކްޗަރ ޒަމާނީކޮށް އައު ކުރުމުގައި ތަރައްގީވެފައިވާ ބައެއް ގައުމުތަކަށްވުރެ ފަހަތަށް ވެއްޓިފަ އެވެ.

comment ކޮމެންޓް