ޖަލުގައި ހުއްޓައި ގައްދޫ ކައުންސިލުގެ ރައީސަކަށް ހޮވި މުހަންމަދު ދޫކޮށްލައިފި

ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބު ކުރި ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) --

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލައި ޖަލުގައި ބަންދުކޮށްފައި ހުއްޓައި ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވި ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) ޖަލުން ދޫކޮށްލައިފި އެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ސަން"އަށް ކަށަވަރުކޮށްދެއްވި އެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރި މުހައްމަދު އަހުމަދު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައިވެސް ވަނީ އެ ކައުންސިލުގެ ރައީސަކަށް އިންތިހާބުކޮށްފަ އެވެ. އޭނާ އިންތިހާބު ކުރިއިރުވެސް އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފަ އެވެ. އަދި އެ މައްސަލަތަކާ ގުޅިގެން އޭނާ އޮތީ ފުލުހުންގެ ހައްޔަރުގަ އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ތުހުމަތު ކުރެވެނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް 2015 ވަނަ އަހަރު އުފުލި ދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގަ އެވެ.

މި ދައުވާތަކަކީ ޕީޕީއެމްގެ ފަރާތުން މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސްކަމަށް ކުރިމަތިލިއިރުވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެކެވެ.

މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން މުހައްމަދު އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައި ނުވާތީވެ، އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބިފަ އެވެ.

comment ކޮމެންޓް