ޓީޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޝުޖާ ވަކިވެއްޖެ

ޓީޓީގެ ޖެނެރަލް ސެކެއްޓަރީގެ މަސްއޫލިއްޔަތުގައި ހުރި އަހުމަދު ޝުޖާއު (ޝުޖާ) --- ސަން ފޮޓޯ : ފަޔާޒް މޫސާ

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެއްޓަރީގެ މަގާމުގެ މަސްއޫލިޔަތުން އިސްމާއިލް ސުޖާއު އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖޭގައި މިވަގުތު އެންމެ ކާމިޔާބު ކުޅިވަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ޝުޖާ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ އިންތިހާބީ ކޮމިޓީއާ އެކުވެސް ޖެނެރަލް ސެކެއްޓަރީގެ މަގާމު ފުރުއްވި ޝުޖާ ވަނީ މިދިޔަ އަހަރު ފަހުކޮޅު ޓީޓީ ރައީސަކަށް އަލީ ރަޝީދު (އައްޔަ) އިންތިހާބުވުމަށް ފަހު ވެސް ޖެނެރަލް ސެކްރެޓަރީގެ ޒިންމާއާ ހަވާލުވެފަ އެވެ.

މިފަހަކުން ޓީޓީ އެސޯސިއޭޝަންގެ އެތެރޭގައި ޖެހުނު ބޮޑު މައްސަލަ ގަނޑުގައި ވެސް ސާބިތުކަމާ އެކު ހުރި ޝުޖާ މަގާމުން އިސްތިއުފާ ދެއްވަން ނިންމިކަން އިއްޔެ ރަސްމީކޮށް އޭނާ ވަނީ ޓީޓީ އެސޯސިއޭޝަންގެ މީޑިއާ ގުރޫޕުގައި ހާމަކޮށްފަ އެވެ.

"އިސްތިއުފާ ދޭން ޖެހުނު ސަބަބަކީ އަޅުގަނޑުގެނެ އެހެނިހެން މަސައްކަތްތަކުގެ ސަބަބުން އެސޯސިއޭޝަންގެ ކަންކަމަށް އެކަށީގެންވާ ވަގުތު ނުދެވުން. މި ފުރުސަތުގައި މީޑިއާއިން މިހާތަނަށް ޓީޓީ ޕްރޮމޯޓް ކުރުމަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާ ކުރަން. އަދި ކަމުގައި އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެ އެހީތެރިކަން ވެސް ލިބޭނެ." ޝުޖާ ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި ޓީޓީން ރާއްޖެ ހޯދި ވަނަތަކުގައި ސުޖާއުގެ ހިއްސާ އެބައޮތެވެ. ޒުވާން ޓީޓީ ކުޅުންތެރިންގެ ޕްރޮގްރާމްތައް މިދިޔަ ދައުރުގައި ޓީޓީން ހިންގިއިރު، އެ މަސައްކަތުގެ އެކި އެކި ޒިންމާ އުފުލި އެވެ.

comment ކޮމެންޓް